އިންޑިއާއަށް ބޭހަށް ދާން އިތުރު 150 މީހަކަށް ހުއްދަ ދީފި

އިންޑިއާގެ އަމްރިތާގެ މެޑިކަލް ހޮސްޕިޓަލްގެ ސިއްހީ އެހީތެރިންތަކެއް---

އަވަސް ފަރުވާ ބޭނުންވާ އިތުރު ދިވެހީންގެ ބަޔަކު އިންޑިއާއަށް ބޭހަށް ދާން އެގައުމުން ހުއްދަ ދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ބޭސްފަރުވާއަށް ދާން މިފަހަރު ހާއްސަ ހުއްދައެއް ދިނީ 150 މީހަކަށް ކަމަށެވެެ.

ފުރަބަންދުގެ ފަހުން މީގެ ކުރިން ތިން ފަހަރެއްގެ މަތިންވެސް ހާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ހުއްދަ ދިނެެވެ. މިހާތަނަށް އާސަންދައިގެ ދަށުން ޖުމްލަ 60 މީހުން ވަނީ އިންޑިއާއަށް ގޮސްފައެވެ.

އިންޑިއާގެ ހައިކޮމިޝަނުން ބުނީ އަލަށް ހުއްދަ ދިން މީހުން ވަރަށް އަވަހަށް އިންޑިއާއަށް ފުރާނެ ކަމަށެވެ.

އިންޑިއާގެ އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރުގަދަވުމަށް ދެ ގައުމުގެ ރައްޔިތުން ގުޅި ލާމެހިފައި އޮތުން ކޮންމެހެންވެސް މުހިންމު ކަމަށެވެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ފޮނުވަނީ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19 ޓެސްޓުކޮށް ނެގެޓިވްވެފައިވާ މީހުންނެވެ. އަދި އެމީހުން އިންޑިއާއަށް ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކޮށް އަލުން ކޮވިޑަށް ޓެސްޓްކުރަން ޖެހެއެވެ.

comment ކޮމެންޓް