ޝަރުތު ހަމަނުވާ 10 އެޑްމިނިސްޓޭޓަރެއް ކޯޓުތަކުން ވަކި ކުރަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން: ޝަރުތު ހަމަނުވާ 10 އެޑްމިނިސްޓޭޓަރެއް ކޯޓުތަކުން ވަކި ކުރަން ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލިއިރު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބަދަލުވުމަށް ޝަރުތު ހަމަނުވާ 10 މުވައްޒަފަކަށް އެހެން ވަޒީފާއެއް ހަމަނުޖެއްސިއްޖެ ނަމަ ވަކިކުރުމަށް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ނިންމައިފި އެވެ.

ޝަރުއީ ކޯޓުތަކުގެ ތެރެއިން ބައެއް ކޯޓުތަކުގައާއި ބައެއް ޖުޑީޝަލް ދާއިރާތަކުގައި ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި މުވައްޒަފުން ތިބުމާ އެކު، އަލަށް އުފެއްދުނު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު އެ މުވައްޒަފުންނާ ހަވާލު ކުރުމަށް ޖޭއެސްސީން އޮތީ މީގެ ކުރިން ނިންމާފަ އެވެ.

ހަ މަސް ދުވަހަށް ހަވާލު ކުރެވުނު އެ މައްސޫލިއްޔަތުގެ ޒިންމާ އަދާކުރާ ގޮތް ބެލުމަށް ވަށައިޖެހޭ އެޕްރައިޒަލް ނިޒާމެއް ތައާރަފްކޮށް އެ ނިޒާމުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރިއިރު 70 ޕަސެންޓަށްވުރެ ދަށުން މާކްސް ލިބުނު 10 މުވައްޒަފުން ތިބި ކަމަށް ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެގޮތުން އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާފައިވަނީ، ކޯޓުގެ އެހެން ފަނޑިޔާރުންނާއި ހިންގުމާ ހަވާލުވެ ހުންނަވާ ފަނޑިޔާރާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، ޑިޕާޓްމަންޓުގެ ސެކްޝަންތަކުގެ ވެރިންނާއި ކޯޓުގެ މުވައްޒަފުންނާއި ކޯޓުން ހިދުމަތް ހޯދާ އާއްމު ފަރާތްތަކާއި އެ ފަރާތެއްގެ މަސައްކަތުގެ ފެންވަރު ބެލޭ ފަރާތް ވެސް ހިމެނޭހެން ފުރި ފޯމުތަކެއްގެ މައްޗަށް ބަލައި އެ ފަރާތްތަކުން ދޭ މާކްސްތަކުގެ މައްޗަށް ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.

ހަތް ދިހަ އިންސައްތަ މާކްސް ނުލިވޭ 10 މުވައްޒަފުން ފާހަގަކުރެވިފައިވާއިރު، ނޯޓިސް ދިނުމަށްފަހު، ޝަރުއީ ދާއިރާއިން އެކަށީގެންވާ ވަޒީފާއެއް ހަމަޖެއްސޭތޯ ބަލައި އެފަދަ ވަޒީފާއެއް ހަމަޖެހެން ނެތްނަމަ އެ މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ދޫކޮށްލުމަށް ނިންމާފައިވާ ކަަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް