ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން ދައުލަތަށް ދެ މިލިއަން ރުފިޔާ ހޯދައިފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ކުރާ މަސައްކަތުގެ ތެރެއިން ބޭންކް އެކައުންޓްތައް ފްރީޒް ކޮށްގެން ދެ މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މީރާ އިން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، 169.3 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.

މީރާގެ އެކި ޕޮލިސީތަކުގެ ދަށުން މަސައްކަތް ކޮށްގެން ހޯދި ފައިސާގެ ތެރޭ ހިމެނެނީ ބެންކް އެކައުންޓް ފްރީޒްކޮށްގެން ލިބުނު ދެ މިލިއަން ރުފިޔާގެ އިތުރުން ޑަނިން ޕޮލިސީގެ ދަށުން ހޯދި 61.1 މިލިއަން ރުފިޔާ އާއި ރިމައިންޑާ ކޯލްސް އަދި އީމެއިލްސް މެދުވެރިކޮށް ހޯދި 71.2 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިޔަރެންސް ޕޮލިސީގެ ދަށުން ލިބުނު 31.7 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މީރާ އެރިއާސް މެދުވެރިކޮށް 155،174 ރުފިޔާ އަދި ގާނޫނީ ފިޔަވަޅު އަޅައިގެން 6،000 ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މީރާގެ ރިޕޯޓުގައި ބުނީ ފައިނަލް ނޯޓިސް ހަވާލުކޮށްފައިވާ ޓެކްސް ދައްކާ ފަރާތްތަކުގެ ތެރޭގައި ބަޔާން ހުށަނާޅާ 2،938 މީހުން އަދި ފައިސާ ނުދައްކާ 1،932 މީހުން ހިމެނޭ ކަމަށެވެ.

މި މުއްދަތުގައި 52 ފަރާތަކަށް އިންސްޓޯލްމެންޓަށް ޓެކްސް ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާދީފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ އެ އިދާރާ އިން ކުރިއަށްގެންދިޔަ އިންވެސްޓިގޭޝަން އަދި އޮޑިޓްތަކަށް ފަހު، 140 ފަރާތަކަށް އިތުރަށް ޓެކްސް ދެއްކުމަށްވެސް އެންގިފައިވާ ކަމަށެވެ. އެގޮތުން 114.6 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި އިތުރަށް ދެއްކުމަށް އެންގުނު ކަމަށް މީރާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންކަމް ޓެކްސް ދެއްކުމަށް އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް 31،738 މީހުން ރެޖިސްޓްރީ ކޮށްފައިވެ އެވެ. ޓީޖީއެސްޓީ އަށް 2،086 ފަރާތަަކުން ރެޖިސްޓްރީކޮށްފައި ވާއިރު، ޖެނެރަލް ޖީއެސްޓީ އަށް 12،342 ފަރާތަކުން، ގްރީން ޓެކްސް އަށް 1،168 ފަރާތުން، އެއާޕޯޓު ސާވިސް ޗާޖަށް 45 ފަރާތުން އަދި ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުމަށް އަށް ފަރާތަކުން މީރާގައި ރެޖިސްޓްރީ ކޮށްފައިވެ އެވެ.

comment ކޮމެންޓް