ޓިކްޓޮކްގެ ރައްދު ޓްރަމްޕަށް: އެމެރިކާއާ ދުރަކަށް ނުދާނަން

ޗައިނާގެ މަޝްހޫރު ވީޑިއޯ ޝެއަރިން ޕްލެޓްފޯމް ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކުރުމަށް އެގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ނިންމެވުމާއެކު ޓިކްޓޮކް އިން ރައީސަށް ރައްދު ދީފި އެވެ.

ޒުވާނުންގެ މެދުގައި މިހާރު އެންމެ މަޝްހޫރު އެއް ވީޑިއޯ ޝެއަރިން ޕްލެޓްފޯމް ކަމަށްވާ "ޓިކްޓޮކް" އެމެރިކާގައި ބޭނުންކުރުން މަނާކުރަން އަމުރު ނެރުއްވާނެ ކަމަށް ޓްރަމްޕް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ޓިކްޓޮކް އިން ރައްދު ދެމުން ބުނެފައިވަނީ އެ އެޕްލިކޭޝަން އެމެރިކާއާ ދުރަށް ނުދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ޕްލެޓްފޯމް އެމެރިކާއިން ބޭނުންކުރެވޭނެގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޓިކްޓޮކް އިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސެކިއުރިޓީ އޮފިޝަލުން ވަނީ ޓިކްޓޮކްއާ ގުޅޭގޮތުން މީގެކުރީން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އެމެރިކާގެ އާންމުންގެ ޒާތީ މަައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ބޭނުންކުރަމުންދާ ކަމަށް ސެކިއުރިޓީ އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ.

ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކޮށްފިނަމަ އޭގެ ސަބަބުން އެ ޕްލެޓްފޯމަށްވެސް ގެއްލުންވާނެ އެވެ. ސަބަބަކީ ޓިކްޓޮކްގެ އެންމެ މަގުބޫލު ޔޫޒަރުންގެ ތެރޭގައި ހިމެނޭ ޗާލީ ޑިއެމީލިއޯ ފަދަ ޔޫޒަރުންނަކީ އެމެރިކާ ޔޫޒަރުންނަށްވީމަ އެވެ.

އެމެރިކާގައި އެކަނިވެސް މަހެއްގެ މައްޗަށް 80 މިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.

comment ކޮމެންޓް