ޖިންޖާބޭކްސްގެ ޖާދުވީ ފިއުޝަން ޑެޒާޓްތައް

ޖިންޖާބޭކްސްގެ ސަރުބަތު ޓްރެސް ލެޗޭސް ކޭކް -- ފޮޓޯ/ ޖިންޖާބޭކްސް

ސޯޝަލް މީޑިއާގައި އުޅޭ ދިވެހީންގެ ތެރޭގައި ޖިންޖާބޭކްސް ނުދަންނާނެ މީހަކު މަދުވާނެކަން ޔަގީނެވެ. ޖިންޖާބޭކްސްގެ އިންސްޓަގްރާމް ފީޑު ބަލާލި ކޮންމެ މީހަކަށްވެސް ފެންނާނީ ކާނާ ތައްޔާރުކުރުމާއި ކެއްކުމުގެ ފަންނުވެރިކަމެވެ. ތަފާތު އަދި މީރު ރަހައެއް ގެނެސްދިނުމަށް ކޮށްފައިވާ ފަރުވާތެރި، ބުރަ މަސައްކަތެވެ.

ޖިންޖާބޭކްސް ހިންގާ ފާތިމަތު ޝާދްނީ (ޝާ)ގެ ރެސިޕީތަކުން އެންމެ އަޅައިގަންނާނެ އެއް ކަމަކީ ސަގާފީ އަދި ދިވެހިވަންތަ ބައެއް ބާވަތްތަކާއި ކެއުންތަކުގެ އެލެމެންޓުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޒަމާނީ ޕްރޮޑަކްޓްތަކެވެ. ނުވަތަ އޭނާގެ "ފިއުޝަން ޑެޒާޓް"ތަކެވެ.

ޝާ ބުނި ގޮތުގައި، އޭނާގެ ފިއުޝަން ޑެޒާޓްތައް އުފައްދަން ޖެހުނީ ޑަބްލިއު މޯލްޑިވްސް ރިސޯޓުގެ ފަރާތުން އޭނާއަށް ކުރި ޗެލެންޖަކުންނެވެ. އެއީ، މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަށް ޚާއްސަކޮށް، އެ ރިސޯޓުގައި ފަތުރުވެރިންނަށް ސާވްކުރުމަށް ތަފާތު ޑެޒާޓްތަކެއް އުފެއްދުމަށް ކުރި ޗެލެންޖެކެވެ.

އެ ޗެލެންޖް ބަލައިގަނެ، ޝާ އުފެއްދީ ވަރަށްވެސް އާދަޔާޚިލާފު ފިއުޝަން ރެސިޕީތަކެކެވެ. ދިވެހީންނަށް އާ ރަހަތަކެއް ނޫނެވެ. ނަމަވެސް އެ ރަހަތައް ބޭނުންކޮށްގެން އޭނާ އުފެއްދީ ޒަމާނީ ޑެޒާޓްތަކެކެވެ.

މި ދައްކަނީ ސޯޝަލް މީޑިއާގައި ވައިގައި ހިފި ސަރުބަތު ޓްރެސް ލެޗޭސް ކޭކާއި ބޮނޑިބަތް ޓާޓް އަދި ހުނިހަކުރުލީ ރާނބާފަތު ބަނަސް ފަދަ ތަކެތީގެ ވާހަކައެވެ.

ޑަބްލިއު މޯލްޑިވްސްއަށް ޝާ ހަދައިދިން ފިއުޝަން ޑެޒާޓްތަކުގެ ތެރޭގައި އޭނާގެ މައިދައިތަގެ ސާގު ބޮނޑިބަތް ރެސިޕީ ބޭނުންކޮށްގެން، އަދި ކެރެމަލައިޒްޑް އަލަނާސި އަޅައިގެން ހެދި ސާގު ޕާފޭއަކާއި، ދިވެހީންގެ މެދުގައި ލޮބުވެތި ކަށިކެޔޮލުން އުފެއްދި ޕައިއެއް ހިމެނެއެވެ.

އެ ޗެލެންޖަށް ޝާ ތައްޔާރުކުރި ރާނބާފަތު ބަނަހަށް ދިން ނަމަކީ "އެންޖެ"އެވެ. އޭނާގެ ކާފަ، ލޮބުވެތި މާމައަށް ލޯބިން ކިޔައި އުޅުނު ވަނަން "އެންޖެ"ގެ ނަން މި ބަނަހަށް ދޭންޖެހުނު ސަބަބަކީ އެއީ ހަމަ ފިސާރި އަންހެނަކަށް ވީތީއެވެ. ޝާ ބުނީ މާމައަކީ ކާފަ ރަށުގައި ނެތް ދުވަސްވަރު، އަމިއްލައަށް މަސައްކަތްކޮށްގެން ދެކޮޅު ޖެއްސި ހީވާގި އަންހެނެއް ކަމަށެވެ. ހިތްވަރު ލައި، ހެދިކާ ތައްޔާރުކޮށްގެން އެއްކުރި ފައިސާއިން އަމިއްލަ ގެއެއް ގަނެވުނެވެ.

"އެންޖެ" ބަނަހުގެ ކުލަ ފެހިކޮށް ހުންނަނީ ފުށްގަނޑަށް ރާނބާފަތުގެ ދިޔަ އަޅާފައި ހުންނާތީއެވެ. އަދި ބަނަހުގެ އެތެރެ ފުރާލާފައިވަނީ ޝާގެ މާމަގެ ރެސިޕީއަށް ހަދާފައިވާ ހުނިހަކުރެވެ.

މީގެ އަހަރުތަކެއް ކުރިން ދިވެހީންގެ މެދުގައި ޓްރެސް ލެޗެސް ކޭކު ތައާރަފުވެ، މަގުބޫލު ޑެޒާޓަކަށް ވެފައި އޮއްވާ ޝާ ތައާރަފުކުރީ ޓްރެސް ލެޗޭސްގެ "ސަގާފީ" ވާޝަންއެކެވެ. ރޯޒް ސިރަޕާއި ސަރުބަތަކީ ދިވެހި ސަގާފީ އުފެއްދުމަކަށް ނުވި ނަމަވެސް، މިއީ ދިވެހީން އެތައް އަހަރެއް ކުރީއްސުރެ ބޮއެ އުޅޭ ބުއިމެކެވެ. ހަނދާންތަކާ ގުޅި ލާމެހިފައިވާ ރަހައެކެވެ. ރޯދަ މަހުގެ ސުފުރާތައް ފަޅު ފިލުވައިދިން މީރު، ފިނި އަދި ފޮނި ސަރުބަތު ތަށިތަކުގެ ހަނދާންތަކެވެ.

ހަމައެކަނި ކިރުގެ ބަދަލުގައި، ރޯޒް ސިރަޕު އެއްކޮށްގެން ހަދާ ސަރުބަތުން ކޭކު ފޯކޮށްލައިގެން އުފެއްދި ޓްރެސް ލެޗޭސް ކޭކު ވެގެން ދިޔައީ ގިނަ ބަޔަކު އާޝޯޚުކޮށްލި އެއްޗަކަށެވެ. އޯޑަރުތަކަށް ޝާ ސަރުބަތު ޓްރެސް ލެޗޭސް ހަދަމުން ދިޔަ އިރު އޭނާ ގެންދިޔައީ އެހެނިހެން ރަހަތަކާއެކުވެސް ޓްރެސް ލެޗޭސް "އެކްސްޕެރިމެންޓް"ކުރަމުންނެވެ. އަދި މިކަމުން އިންސްޕަޔާވެ، އެހެނިހެން ގިނަ ބަޔަކުވެސް ޓްރެސް ލެޗޭސްގެ ތަފާތު ރަހަތައް އުފައްދަމުންނެވެ.

ފިއުޝަން ޑެޒާޓްސްގެ ޓްރެންޑެއް ގާއިމުކުރަމުން އަންނަ ޝާއަށް އެންމެ ޚާއްސަ އުފެއްދުމަކީ "ދޮންހިޔަލަ"އެވެ. މަންމައާއި މާމަގެ ބޮނޑިބަތް ރެސިޕީތައް އެއްކޮށްލައިގެން ޝާ އުފެއްދީ ބޮނޑިބަތް ޓާޓްއެކެވެ.

ބޮނޑިބަތުގެ އިތުރުން ކާށިކިރާއި ދިވެހި އަނބު ބޭނުންކޮށްގެން ޝާ ހެދި "ދޮންހިޔަލަ"އަށް ބަލާލުމުންވެސް އޭގެ ހިތްގައިމު ރަހަ ތަސައްވަރުކޮށްލެވޭނެއެވެ.

މިއިން ކޮންމެ ޑެޒާޓެއް އުފެއްދުމަކީ، ޝާ ބުނި ގޮތުގައި، ގޮންޖެހުން ބޮޑު އަދި ބުރަ މަސައްކަތެކެވެ. އެތައް ފަހަރެއްގެ މަތިން އެކްސްޕެރިމެންޓްކޮށްގެން "ޕާފެކްޓް"ކުރާ މި ފިއުޝަން ޑެޒާޓްތައް ޝާއަށް ވަރަށް ޚާއްސަވެފައި މުހިންމެވެ. އެއީ އޭގެ ފަހަތުގައި ލޮބުވެތި އެތައް ހަނދާންތަކަކާއި ލޯބިވާ ބައެއްގެ އަސަރުތައް ހުރުމުންނެވެ.

މި އަޟްހާ އީދާ ދިމާކޮށް، "ސަން"އާ ގުޅިގެން ޖިންޖާބޭކްސްއިން ކިޔުންތެރިންނަށްވެސް އެ ލޯބީގެ އަސަރުތައް ދޫކޮށްލުމަަށް ވަނީ ނިންމާފައެވެ. އެއީ ފޭސްބުކްއާއި ޓްވިޓާއިން ހޮވާލެވޭ ދެ ފަރާތަކަށް ދޭ "ދޮންހިޔަލަ" ޓާޓްއެއް މެދުވެރިކޮށެވެ.

comment ކޮމެންޓް