ހިޔާ ފްލެޓް: ފެއިލްވެދާނެ މޮޑެލްއެއް، ބޮޑެތި ސީރިއަސް މައްސަލަތަކެއް

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ސެކިޔުރިޓީ އަދި ޕްރައިވެސީގެ މައްސަލަތައް ގިނަ ކަމަށް އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ބުނެފި އެވެ.

އޭއޭއެމް ވިޒިޓިން ޕްރޮގްރާމުގެ ދަށުން އެ ޖަމްއިއްޔާގެ މެންބަރުންނާއި އާކިޓެކްޗާ ކިޔަވާ ދަރިވަރުން ހިޔާ ފްލެޓުތައް ބަލަން ދިޔުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓުގައި ބުނީ ގާތްގަނޑަކަށް 40،000 ވަރަކަށް މީހުން ދިރިއުޅޭނެ ކަމަށް ބެލެވޭ ހިޔާ ޓަވަރުގައި ކައިރިކައިރީ ހުރުމުން ނޭދެވޭ މައްސަލަތައް ނިކުންނާނެ ކަމަށެވެ. އެގޮތުން އިޖުތިމާއީ، ސިއްހީ އަދި ރައްކާތެރިކަމުގެ މައްސަލަތައް އުފެދޭނެ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން، ފްލެޓުތަކުގެ ޑިޒައިންގައި ހުރި ޕްރައިވެސީ އާއި ސެކިޔުރިޓީގެ މައްސަލަތަކުގެ ސަބަބުންް ފްލޯއެއްގައި ގިނަ ބަޔަކު ހިނގާބިނގާވެ އުޅެން ޖެހުމަކީ އިތުރު މައްސަލަތައް އުފެދި ދިރިއުޅޭ މާހައުލު ތަގައްޔަރު ވާނެ ކަމެއްކަމަށް ބުނެފައިވެ އެވެ. މީގެ ސަބަބުން އެތަނުގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ހިޔާ ފްލެޓު ސަރަހައްދުގައި ކުޅޭނެ ޕާކާއި ހުސްތަން އަދި ކަސްރަތު ކުރާނެ ސަރަހައްދު ނެތްކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައި ވަނީ މިއީ ދުޅަހެޔޮ ސިއްހަތަށް އަސަރު ކުރާނެ ކަމެއް ކަމަށާއި ޓަވަރުތަކުގެ ދޭތެރޭގައިވާ ހުސްޖާގަ ލޭންޑް ސްކޭޕްކޮށް ގަސް އިންދުމުގެ ޕްލޭން އޮތްނަމަ، އެތަނުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެކަން ފުރިހަމަކުރުން މުހިއްމު ކަމަށެވެ.

އާންމުކޮށް މިފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގައި، ހާއްސަކޮށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ސައިޓުގައި ފާޅުކަން ބޮޑުކޮށް ޕްރޮޖެކްޓުގެ މައުލޫމާތާއި ތަސައްވަރު ބަޔާންކޮށްފައި ހުންނަންވާނެހެން، ހިޔާ ފްލެޓުތަކުގެ ސައިޓުގައި އެފަދަ ކަމެއް ނެތްކަން ފާހަގަ ކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިޒައިންގެ މައްސަލަތައްވެސް ގިނަ

އޭއޭއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ހިޔާ ފްލެޓުގެ އިމާރާތުގެ ޑިޒައިންގެ މައްސަލަތައް ވެސް ގިނަ އެވެ. އެގޮތުން ކޮރިޑޯތަކުގެ ރެއިލިން ހުރީ ހުޅުމާލެ ޕްލޭނިން ގަވައިދާ ހިލާފަށް ކަމަށާއި ގާތްގަނޑަށް، ދެ ފޫޓު އުސް ފާރު ބުރިއެއްމަތީ ދެ ފޫޓު އުސް ރެއިލިން އެއް ހަރުކޮށްފައިވާއިރު، މި ފާރުބުރި މައްޗަށް ކުޑަކުއްޖަކަށް އެރޭގޮތަށް ހުރުމުން އެތަަން ރައްކާތެރި ނޫންކަމަށް ފާހަގަ ކުރެވޭކަމަށް ބުނެފައިވެ އެވެ.

ބޭސްމެންޓް ޕާކިންގައި ހޮޅިތައް ހަރުކޮށްފައިވާގޮތުން ބައެއް ދިމަދިމާލުން ރައްކާތެރި ނޫންކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެކަށީގެންވާ ސައިނޭޖް ނެތްކަމަށް ފާހަގަކުރެވޭކަމަށް ވެސް ބުނެފައިވެ އެވެ. އަދި ހުޅުމާލެ ޕްލޭނިން އެންޑް ޑިވެލޮޕްމެންޓް ގައިޑްލައިން: ޑިވެލޮޕްމެންޓް އޮފް ޕަބްލިކް ހައުސިންގައި ބުނާ ޕާކިންގެ އަދަދު ކޮންމެ އިމާރާތެއްގެ ތިރީގައިވާ ޖާގައިން ހަމަވަނެކަމަށް ނުބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން ޕީކް ގަޑިތަކުގައި ލިފްޓު ބޭނުން ކުރުމުގައި ދަތިތައް ފާހަގަވާނެކަމަށް ބެލެވޭ ކަމަށާއި ލިފްޓުން ނުކުންނަ ލޮބީގައި ބައެއް ސާވިސް ފޮށިތައް ހުރުމުން އެތަކެއްޗަށް ގެއްލުން ލިބުން ގާތް ކަމަށާއި ލޮބީގެ ޖާގަ ކުޑަކަމަށް ފަހަގަވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހިޔާ ފްލެޓުތަކުގައި ފްލޯއަކު 16 ޔުނިޓު ހުންނަ ޓަވަރުތަކުގައި އިމަޖެންސީ ލިފްޓާ އެކު 14 މީހުންގެ ތިން ލިފްޓު ހުންނައިރު ފްލޯއަކު 20 އެޕާޓްމެންޓު ހުންނަ ޓަވަރުތަކުގައި 14 މީހުންގެ ހަތަރު ލިފްޓު ހުރެ އެވެ.

މީގެެ އިތުރުން ބައެއް ޔުނިޓުތަކުގެ ކޮޓަރި ކުޑަދޮރު ބޭރަށް އޮންނަ ކޮރިޑޯ އަށް ހުންނާތީ އެއީ ޕްރައިވެސީގެ މައްސަލައެއްކަން ފާހަގަކޮށްފައިވެ އެވެ.

ޔުނިޓުތަކުގެ ބަދިގެ އާއި ކާގެ އަދި ސިޓިންރޫމް އެއްކޮށް ހުންނައިރު ބަދިގޭގެ ޑިޒައިން އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އިމާރާތުގެ ތިރީގައި ކުނި އެއްކުރާނެ ޖާގަ ނެތުމުން މިއީ ހުޅުމާލެ ޕްލޭނިން އެންޑް ޑިވެލޮޕްމެންޓް ގައިޑްލައިން: ޑިވެލޮޕްމެންޓް އޮފް ޕަބްލިކް ހައުސިން ގަވައިދާ ހިލާފު ކަމެއްކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލިފާނުން ރައްކާތެރިވާނެ ގޮތެއްވެސް ނެތް

އޭއޭއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިޔާ ފްލެޓުގެ އިމާރަތްތަކުގައި ދުމުން ރައްކާތެރިވެވޭނެ ސެޕަރޭޝަން ޒޯންތަކެއް ނެތެވެ. ލިފްޓް ލޮބީގައި ވެސް ސެޕަރޭޝަން ނެތްކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. ރިޕޯޓުގައި ބުނީ އިމާރާތުގައި ދިރިއުޅުމުގެ ހުއްދަ ދޭންވާނީ ފަޔާ ފްރެވެންޝަން އާއި ފަޔާ ފައިޓިން ނިޒާމުގެ ފުރިހަމަކަން ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެއިލްވެފައިވާ މޮޑެލްއެއް

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ގާތްގަނޑަކަށް 40،000 މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ މި 7،000 ޔުނިޓުގައި މީހުން ދިރުއުޅުމުގެ އިތުރުން އެހެން ހިދުމަތެއް ހުރިކަން ފަހަގައެއް ނުކުރެވެ އެވެ. މިފަދަ މަތީ ޑެންސިޓީއެއްގައި އަގުހެޔޮ ސޯޝަލް ހައުސިން އުސްއިމާރާތްތަކުގައި ހެދުމަކީ ދުނިޔޭގެ ގައުމުތަކުގައި 1960ގެ އަހަރުުތަކުން ފެށިގެން ކުރަމުންދިޔަ ކަމެއް ނަމަވެސް، މިއީ ގިނަފަހަރު ފެއިލްވެފައިވާ ކަމެއްކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި ޕްރޮޖެކްޓަކީވެސް، އެތަނުގައި ދިރިއުޅޭ މީހުން އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިދާނެ ޕްރޮޖެކްޓެއް ކަމަށާއި މިއީ ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިލުމަށް ގެއްލުނު ފުރުސަތެއް ކަމަށް ބުނެފައިވެ އެވެ.

ޕްރޮޖެކްޓު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، މަޝްރޫއުގެ ޑެންސިޓީ އާއި ޑިޒައިން އަށް ބަދަލު ގެނައުމަކީ މާލީ އަދި ސިޔާސީ ގޮންޖެހުން ކުރިމަތިވާނެ ކަމެއް ކަމަށާއި، މިހާރު އޮތްގޮތަށް އެ ޕްރޮޖެކްޓު ކުރިއަށް ގެންގޮސްފި ނަމަ، ފަހުން ދިމާވެދާނެ ސިއްހީ އަދި އިޖުތިމާއީ މައްސަލަތައް މާ ބޮޑުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހިޔާ މަޝްރޫއަށް 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) ހަރަދު ކުރާއިރު މި މަޝްރޫއުގެ ދަށުން ފްލެޓުތަކުގެ މަސައްކަތް ކުރަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ.

comment ކޮމެންޓް