އުތުރު ރަށެއްގައި އިންޑިއާ މީހުން އާބާދުކުރަން އުޅޭވާހަކަ ސަރުކާރުން ދޮގުކޮށްފި

ޖޫން 8، 2019: ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަން އުޅޭކަމަށް ބުނެ އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ހއ ދައްޕަރުގައި އިންޑިއާ ރައްޔިތުން އާބާދު ކުރަން އުޅޭކަމަށް ބުނެ އޮންލައިން ނޫހަކުން މިއަދު ޝާއިއު ކުރި ހަބަރާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުމީހުން އާބާދު ކުރުމުގެެ އެއްވެސް ވިސްނުމެއް އެއްވެސް އިރެއްގައި ސަރުކާރުން ގެންގުޅެފައިނުވާނެ ކަމަށެވެ.

"އެއީ ދުވަހަކު ކުރާނެ ކަމެއްވެސް ނޫން" ކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިމަހުގެ 20 ވަނަ ދުވަހު ވިދާޅުވީ ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހއ ދައްޕަރުގައި ސަރުކާރުން ފަށަން އުޅޭ ކަމަށެވެ. އެތަނުގައި އެޕާޓްމެންޓްސް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ވިއްކާލައި އެތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާކަން މިނިސްޓަރު ހާމަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ބިން މިލްކޮށް ދިނުން ނޫން ކަމަށާއި ސިޓިޒަންޝިޕް ދިނުމެއްވެސް ނޫން ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކައާއި ގުޅުވައިގެން މިއަދު އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނީ އެ މަޝްރޫއު ހިންގަން އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅަމުންދާ ކަމަށާއި މިއީ ރާއްޖޭގެ މިނިވަންކަން ބީވެގެން ގޮސްދާނެ ކަމެއްކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވީ މި މަޝްރޫއަކީ އަދި އިންކިޔުބޭޝަން މަރުހަލާގައި އޮތް ވިސްނުމެއް ކަމަށެވެ. އަދި ސެކަންޑް ހޯމް ކޮންސެޕްޓަށް އެއްވެސް ބަޔަކު އިންވެސްޓު ކުރަން ނިންމާފައި ނުވާ ކަމަށާއި ފައިނޭންސިން އަދި ކޮންޓްރެކްޓަރުންވެސް ފައިނަލް ނުވާ ކަމަށެވެ. އެ އާޓިކަލްގައި އިންޑިއާ އިން ސެކަންޑް ހޯމް ޕައިލޮޓް ޕްރޮޖެކްޓަށް ފަންޑު ކުރަން އުޅޭކަމަށް ބުނެފައިވާ ބުނުމަކީ ދޮގެއް ކަމަށް ހޫދު ވިދާޅުވިއެވެ.

"ބިދޭސިންގެ ގޮތުގައި ބެލެވޭނެ ދުނިޔޭގެ މިނިވަން މުސްތަގިއްލު 192 ގައުމުގެ ކޮންމެ ރައްޔިތެއްވެސް. ބިދޭސިންނަކީ ހަމައެކަނި އިންޑިއާ ރައްޔިތުންނެއް ނޫން. އާޓިކަލްގައި ބުނެފައިވަނީ އިންޑިއާ އިން ރާއްޖޭގައި އިސްތިއުމާތީ ބާރު ފަތުރަން އުޅޭކަމަށް. އެއީ ދޮގު ވާހަކައެއް،" ހޫދު ވިދާޅުވިއެވެ.

މަޖިލީހުގައި މިނިސްޓަރު ފައްޔާޒު ވާހަކަފުޅާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދައްޕަރުގައި ސެކަންޑް ހޯމް ޕްރޮޖެކްޓެއް ހިންގައިފި ނަމަ އިންޑިއާގެ އިންވެސްޓަރުން ގިނަ އަދަދަކަށް އައުން ގާތް ކަމަށެވެ. އެއީ އިންޑިއާ އަދި ކުޅުދުއްފުއްޓާ ދެމެދު ފެރީ ނެޓްވޯކެއް ފަށާތީ ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.

ޗައިނާ އާއި ޔޫރަޕުގެ އިންވެސްޓަރުންވެސް އައިސްދާނެ ކަމަށާއި އެހެންނަމަވެސް ރާއްޖެ އޮތް ލޮކޭޝަނާއި ރާއްޖެއަށް އޮތް ޑިމާންޑަށް ބަލާފައި ރައްޔިތުންގެ ހިތުގައި ޝައްކުތަކެއް އުފެދޭ ކަމަށް ސައީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ވިދާޅުވ މިއީ ވަކި ގައުމެއްގެ ބަޔަކު އައިސްގެން ވަކި ކަމެއްވާން އޮތް ކަމެއް ނޫންކަން ކަމަށާއި މިއީ ހަމަ ރިސޯޓަށް ގެސްޓުން އަންނަހެން އޮތް ކޮންސެޕްޓެއް ކަމަށެވެ.

އޮންލައިން ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމާ ގުޅޭގޮތުން މިނިސްޓަރު ފައްޔާޒު ވެސް ވަނީ ޓްވީޓު ކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ އެ ލިޔުމުގައި ބުނެފައިވާ ވާހަކަ ތަކަކީ ހަގީގަތާ ހިލާފު، ދޮގު ވާހަކަތަކެއް ކަމަށެވެ.

"ހާއްސަކޮށް މިނިވަންދުވަހު ސަރުކާރާއި، އަވައްޓެރި ގައުމަކާ ގުޅުވައިގެން ލިޔެފައިވާ މި ލިޔުމުގެ ތެދު ދޮގު ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނަން" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް