އައްޑޫގައި ގޭދޮށު މަސްފެކްޓްރީ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫސިޓީގެ ދެ އަވަށެއްގައި ގޭ ދޮށު މަސް ފެކްޓްރީ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

އައްޑޫ ސިޓީގެ ދެ އަވަށެއްގައި ގޭ ދޮށު މަސް ފެކްޓްރީ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެގޮތުން މަރަދޫ އަދި ހުޅުދޫގައި ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ދެ ބޭފުޅުން ރަސްމިއްޔާރުގައި ބައިވެރިވެ ވަޑައިގެންނެވީ ވާޗުއަލް ކޮށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވިދާޅުވީ މި މަޝްރޫއުގައި ސޮއިކުރުމަކީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާއީ އަދި އިގްތިސޯދީ މަޝްރޫއުތަކުގެ ތެރެއިން މުހިއްމު މަޝްރޫއެއްކަމަށާއި އަދި މި މަޝްރޫޢާއެކު އައްޑޫ ސިޓީއަށް އިތުރު އިންވެސްޓްމަންޓްތައް އައުމަށް މަގުފަހިވާނެ ކަމަށެވެ.

އަދި އެ ސިޓީގެ އިގްތިސޯދީ ހާލަތު އިތުރަށް ރަނގަޅުވެ، މަސްވެރިކަމާ ގުޅުން ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަން ވެސް ފޮރިން ސެކްރެޓަރީ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ގޭދޮށު މަސް ފެކްޓްރީ ގާއިމް ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. މަރަދޫ އަދި ހުޅުދޫގެ އިތުރުން ހިތަދޫގައި ވެސް މަސް ފެކްޓްރީ ގާއިމްކުރާއިރު މި ތިން މަޝްރޫއަށް އިންޑިއާ ސަރުކާރުން 23 މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އިންޑިއާ އިން ރައްޖޭގައި ގޭދޮށު މަސްފެކްޓްރީ އަޅައިދޭން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.

comment ކޮމެންޓް