ޑރ. ނިޔާފްގެ ވާހަކަތަކަށް ރޮޒެއިނާ ތާއީދު ކުރެއްވުމުން އާޒިމްގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މެމްބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

އާންމު ސިއްހަތުގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހަށް ޑރ. އަލީ ނިޔާފް ދެއްވި ހިޔާލަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗީފް ވިޕް ރޮޒެއިނާ އާދަމް ތާއީދުކުރެއްވުމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ނުރުހުންފާޅުކުރައްވައިފިއެވެ.

ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު، 48 ގަޑިއިރުތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ރޭ ޑރ. ނިޔާފް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ޑރ. ނިޔާފް ދެއްކެވި ވާހަކަފުޅުން ބައެއް ފެންނަ ވީޑިއޯއެއް މެމްބަރު ރޮޒެއިނާ ވަނީ ޓްވީޓު ކުރައްވައިފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިސްކިތްތައް ބަންދު ކުރެވޭ ނަމަ ރައްޔިތުންގެ މަޖިލިސްވެސް ބަންދު ކުރެވެން ޖެހޭ ކަމަށް ޑރ. ނިޔާފް ވިދާޅުވާތަން އެ ވީޑިއޯއިން ފެނެއެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ބާތިލު ކުރުމުގެ ބާރާއި، ގަަރާރަށް ބަދަލު ގެނައުމުގެ ބާރާއި، މަޖިލީހަށް ފެންނަ ބަދަލެއް ގަރާރަށް ގެނައުމުގެ ބާރު ބިިލުގައި މަޖިލީހަށް ދީފައިވާކަން ފާހަގަކުރައްވައި ސިއްހީ މާހިރުންގެ ލަފައާއެކު އެކަން ކުރަން ބިލުގައި ހިމަނަން އޭނާ އެދިވަޑައިގެންނެވިތަން ފެނެއެވެ.

އެ ވީޑިއޯއާއެކު ރޮޒެއިނާ ވިދާޅުވީ، ޑރ. ނިޔާފް ދެއްކެވި ވާހަކައާ އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާގެ ހުށަހެޅުންތައް ކޮމެޓީއިން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރޮޒެއިނާގެ ޓްވީޓަށް ރައްދުދެއްވައި އާޒިމް ވިދާޅުވީ، ޕާޓީގެ ޗީފް ވިޕް ކަމަށްވާ ރޮޒެއިނާގެ ހިޔާލުތައް ޕީޖީ ގްރޫޕުގެ ތެރޭގައި މަޝްވަރާ ކުރެއްވޭނެ ކަމަށެވެ. އެކަން ކުރަންވީ ސޯޝަލް މީޑިއާގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ތާއީދު ހޯދުމުގެ މުބާރާތެއް ނޫން ކަމަށާއި، އަމިއްލަ ފައިދާއަށް "ޕޮޕިއުލިސްޓް އެޖެންޑާ" ކުރިއެރުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީވެސް ވަނީ ރޮޒެއިނާގެ ޓްވީޓަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރޮޒެއިނާ ކޮމެންޓު ކުރެއްވީ ބިލު ވިދާޅުނުވެހެން ހީވާ ކަމަށެވެ.

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ، އޭނާ އާންމުންގެ ތެރޭގައި އެއްބަސްވީ ވަރަށް އިހުތިރާމު ލިބިފައިވާ ޑޮކްޓަރަކު ދެއްވި ރަނގަޅު ހިޔާލަކަށް ކަމަށެވެ. އަދި މައްސަލައަކީ މިހާރު އެކަމަކާ ގުޅިގެން މަޝްވަރާ ކުރެވެމުންދާ މައްސަަލައެއްކަން ފާހަގަކުރެއްވިއެވެ. އަދި އާޒިމް އެހެން ވިދާޅުވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ ބިލު މިހާރު އޮތީ ޖުޑިޝަރީ ކޮމެޓީގައެވެ.

އެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅޭގޮތުން ޑރ. ނިޔާފް ފާހަގަ ކުރެއްވި ކަންކަމަށް ރޮޒެއިނާ ތާއީދު ކުރައްވާފައިވާއިރު، ބިދޭސީންނަށް ރެޒިޑެންޓު ވިސާ ދިނުމުގައި ފަސޭހަ ގޮތްތަކެއް ހަދަން ހުށަހެޅި އެމްޑީޕީގެ އިސްލާހުގައިވާ ކަންކަމަށް އޭނާ ވަނީ ދެކޮޅު ހައްދަވައިފައެވެ.

comment ކޮމެންޓް