އެންމެ ކުއްޖެއް ރިހެބިލިޓޭޓު ކުރުމަކީ ޖީލުތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުން: މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ/ ހޯމް މިނިސްޓްރީ

އެންމެ ކުއްޖެއް ރިހެބިލިޓޭޓުކޮށް، ކުށް ކުރުމުން ދުރުކުރަމަކީ ވެސް ޖީލުތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާ، ޓެކްނިކަލް އެސިސްޓަންސް ނީޑްސް އެސެސްމެންޓް އިން ދި އޭރިއާ އޮފް ޖުވެނައިލް ޖަސްޓިސް ފޯ ޗިލްޑްރަންގެ ހޯދުންތައް ހުށަހެޅުމަށް ބޭއްވި ވާޗުއަލް ބައްދަލުވުމަށް ފޮނުއްވި ސްޓޭޓްމަންޓްގަ އެވެ.

އެ ސްޓޭޓްމަންޓުގައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާގެ އަލީގައި ނިޒާމުގެ ތެރެއިން ހުރި ހުސްކަންކަމާއި، ގޮންޖެހުންތަކާއި، ބޭނުންތައް އަދި ފުރުސަތުތައް ދެނެގަނެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުޑަކުދިންގެ އަދުލު ގާއިމުކުރުމުގެ މަސްލަހަތު ހިއްސާކުރާ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ވަކި ވަކި މުވައްސަސާތަކެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި، އެއް ނިޒާމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ހުރި މަގުސަދުތައް ހާސިލުކުރުމަށް މި މަސައްކަތުން ފަހިކޮށްދޭނޭކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެގޮތުން، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރާ މުއައްސަސާތަކާއި ޖުޑީޝަރީ ގުޅިގެން މަސައްކަތްކުރަންވާނީ، ޖިނާއީ އަދުލުގެ ނިޒާމުން ކުޑަކުދިން ބޭރުކުރުމަށްކަމަށް މިނިސްޓަރުގެ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ.

މަސައްކަތް ކާމިޔާބުކުރެވޭނީ ކުށްކުރާ ކުދިންނާމެދު މުޖުތަމައު ދެކޭގޮތް ބަދަލުކޮށް، މައްސަލައަކީ އެ ކުދިން ނޫންކަން ބަލައިގަނެ އަދި މައްސަލައެއް ފެންމަތިވުމުން ހައްލެއް ހޯދަން އުޅުމުގެ ބަދަލުގައި މައްސަލައެއް މެދުވެރިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމުގެ މުހިއްމުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތްތައް ކުރުމުގައި މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ކުޑަކުދިން ހިމެނޭނޭހެން ދިރާސާތައްކޮށް، އެއްކުރެވޭ މައުލޫމާތުގެ އަލީގައި ސިޔާސަތުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަރައްގީކުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތް ކުރަމުންދާއިރު ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވުމާއި، އާއިލާ ތެރެއިން އެފަދަ މައްސަލަތައް ފެންމަތިވުމަކީ ބޮޑު މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މިކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި މަދަނީ ހުރިހާ ޖަމިއްޔާތެއް ވެސް ހިމެނޭ ގޮތުން ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ޔޫއެންއޯޑީސީއާއި، ޔުނިސެފް ފަދަ ޖަމާއަތްތަކުން މެދުކެނޑުމެއްނެތި ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ހޯމް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ދާއިރާގައި މަސައްކަތްކުރައްވާ 40 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވި ކަމަށެވެ.

comment ކޮމެންޓް