ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ބަދަލު ދޭން އެގްރިމަންޓްތައް ހަދަން ފަށައިފި

ގުޅީފަޅުން ގެދޮރު ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައި ނުވާ ފަރާތްތަކަށް ބަދަލު ދިނުމުގެ އެގްރިމެންޓްގައި ސޮއިކުރުން -- ފޮޓޯ: ހައުސިން

ގުޅީފަޅުން ގެދޮރު ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައި ނުވާ ފަރާތްތަކަށް ސަރުކާރުން ބަދަލު ދިނުމުގެ އެގްރިމެންޓުތަކުގައި ސޮއިކުރަން ފަށައިފި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީއިން ބުނީ ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީގައި ކުރިއަށްދާނެ ކަމަށެވެ.

ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް މަސައްކަތްކޮށް ނާކާމިޔާބުވި ފަރާތްތަކަށް ބަދަލު ދިނުމަށް ގިނަ ގޮތްތަކެއް ސަރުކާރުން ކަނޑައަޅާފައިވާކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ހައުސިން ޔުނިޓު ގަނެވޭނެ އިތުރު ގޮތްތަކާއި ބަދަލުގެ ގޮތުގައި ފައިސާ ދިނުން އަދި އާ ހައުސިން ޔުނިޓެއް ގަންނައިރު އެތަނުގެ އަގުން ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް ކޮށްފައިވާ ހަރަދު އުނިވާ ގޮތަށް ހަމަޖައްސައިދިނުން ނިންމާފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވެފައިވާގޮތުން، ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅުން ހައުސިން ޔުނިޓެއް ގަންނަން ފައިސާ ދައްކާފައިވާ ކޮންމެ ފަރާތަކަށް ބަދަލުގައި އެއް ހައުސިން ޔުނިޓު މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގަނެވޭނެ ގޮތެއް ނޫނީ ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ނުވަތަ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ޔުނިޓެއް އެ ފަރާތްތަކުން ގަތުމުގެ ފުރުސަތު ދިނުމަށެވެ.

މީގެ އިތުރުން ގުޅިފަޅުން ހައުސިން ޔުނިޓު ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ހައުސިން ޔުނިޓު ވިއްކަން ކަނޑައަޅާފައިވާ އަގުން އުނިކޮށް ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މަހަކު ވަކި އަދަދަކަށް ފައިސާ ދޫކުރުމަކީ ވެސް ސަރުކާރުން ނިންމާފައިވާ ގޮތެކެވެ.

އެގޮތުން ދޭން ނިންމާފައިވަނީ ހައުސިން ޔުނިޓު ނުލިބުމުގެ ސަބަބުން ބޯހިޔާވަހިކަމަށް މި މުއްދަތުގައި ކޮށްފައިވާ ހަރަދުގެ ބަދަލެއްގެ ގޮތުގައި 2017ވަނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުން ފެށިގެން ހިނގާ ކޮންމެ މަހަކަށް ތިން އަހަރު ދުވަހަށް 12،000 ރުފިޔާގެ ރޭޓުން ޖުމްލަ 432،000 ރުފިޔާ އެވެ.

ގުޅީފަޅުން ހައުސިން ޔުނިޓެއް ގަތުމަށް ދެއްކި ފައިސާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ އަލަށް ގަންނަ ހައުސިން ޔުނިޓެއްގެ އަގުން އުނިކުރުމަށްފަހު ބާކީވާ އަދަދު 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި ގަންނަ ހައުސިން ޔުނިޓުގެ އަގު، ކުރިން ދައްކާފައިވާ ފައިސާއަށް ވުރެ ކުޑަނަމަ އިތުރުވި އަދަދެއް އެ ފަރާތްތަކަށް އަނބުރާ ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"140 ފަރާތަކުން އެތަނުގައި ދިރިއުޅުމަށް ގެދޮރު ގަތުމަށް އެކި މަރުހަލާތަކުގައި މަސައްކަތްކޮށްފައިވޭ. ބައެއް ފަރާތްތަކުން ޑައުންޕޭމަންޓް ދައްކާފައި ބައެއް ފަރާތްތަކުން އެއަށްވުރެ ގިނައިން ވެސް ފައިސާ ދައްކާފައި އެބަހުރި،" މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

comment ކޮމެންޓް