ހިޔާ ފުލެޓުތަކަށް ދެ ލިފްޓު އިތުރުކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ހިޔާ ފުލެޓުތަކުގައި އިތުރު ދެ ލިފްޓު ހަރު ކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ނަދީމް

ހިޔާ ފުލެޓުތަކުގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު އެ މަސައްކަތް ފެށުމަށް ހިޔާ ޓަވަރެއްގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެޗްޑީސީގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި. އަދި އެބޭފުޅުންނަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި ކެނޑިނޭޅި ކުރެވޭ މަސައްކަތް،" ފަޒުލް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ހުޅުމާލޭގައި އަދިވެސް ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައް އެބަ ހުރި ކަމަށާއި އެކަންތައްތައް ތަރުތީބު ކުރެވިގެން އެ ކުރިއަށް ގެންދާނެ ކަމަށެވެ. ފަޒުލް ވިދާޅުވީ މިހާރު ވެސް ފަށައިފައިވާ މަސައްކަތްތަކަކާއި ފެށުމަށް ޓަކައި ތައްޔާރުވާ މަސައްކަތްތަކެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ހުޅުމާލޭ ހިޔާ ފުލެޓުތަކުގައި އިތުރު ދެ ލިފްޓު ހަރު ކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ނަދީމް

"ހުޅުމާލޭ އެކެއް އަދި ދޭއްގައި ވެސް މިގޮތަށް ދިމާވެފައި ހުރި މައްސަލަތައް ޕާކިން މައްސަލަ ކަމުގައި ވިޔަސް، ހައުސިން މައްސަލަ ކަމުގައި ވިޔަސް އަދި ލައިޓިން މައްސަލަ ކަމުގައި ވިޔަސް ނުވަތަ ޓްރެފިކް މައްސަލަތައް ވެސް ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތައް ވާނީ ފައްޓައިފަ،" ފަޒުލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ އަލަށް ހަރުކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓު ހުންނާނީ ސްޓްރެޗާގައި މީހުން އަރުވާ ބޭލޭވަރަށް ބޮޑުކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ހަވާލުކުރޯ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެޗްޑީސީން އޭރު ވެސް ވަނީ އޭގެ ތެރޭގައި ސްޓްރެޗަރު އެރުވޭ ލިފްޓު ހިމެނޭކަން ހާމަކޮށްފައެވެ.

ހިޔާގައި އެތައް ބަޔަކު ދިރިއުޅޭއިރު ބައެއް ވަގުތުތަކުގައި ލިފްޓަށް ބޮޑު ކިއޫއެއް އޮވެއެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދޭން އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް