ވައި ތަޣައްޔަރުވުމުން ސިކުނޑިއަށް ކުރާ އަސަރު މަސް ކެއުމުން ކުޑަކޮށްދޭ

މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައި ތަޣައްޔަރުވުމުން އުމުރުން ދުވަސްވީ މީހުންގެ ސިކުނޑިއަށް ކުރާ އަސަރު މަސް ކެއުމުން ކުޑަކޮށްދޭކަމަށް ދިރާސާއެއްގައި ދައްކައިފި އެވެ.

އެމެރިކަން އެކެޑެމީ އޮފް ނިއުރޮލޮޖީގެ ޖާނަލްގައި ޝާއިިއުކުރި ދިރާސާއެއްގައި ބުނީ ހަފްތާއަކު ދެފަހަރު މަސް ކެއުމުން އުމުރުން ދުވަސްވީ އަންހެނުންގެ ސިކުނޑިއަށް ބޭނުންވާ އޯމެގަ-3 ފެޓީ އެސިޑް ލިބޭ ކަމަށާއި އެއާ އެކު ވައި ތަޣައްޔަރުވުމުން ސިކުނޑިއަށް ކުރާ އަސަރު ކުޑަކޮށްދޭ ކަމަށެވެ.

"އޯމެގަ-3 ފެޓީ އެސިޑުން ސިކުނޑީގެ އިންފްލަމޭޝަން ކުޑަކޮށްދޭކަން އެއީ ކުރިންވެސް އެނގޭކަމެއް. އަދި އެ މާއްދާ (ވިހަ ހިމެނޭ) ނިއުރޯޓޮކްސިން ކަމަށްވާ މާކރަީ އަދި ލެޑުންވެސް ސިކުނޑި ރައްކާތެރިކޮށްދޭ،" ކޮލަމްބިއާ ޔުނިވާސިޓީގެ ޕްރޮފެސާ އޮފް އެޕިޑެމޮލޮޖީ ޑރ. ކާ ކަހޭ ވިދާޅުވި އެވެ.

އެ ދިރާސާގައި ވަނީ ވައި ތަޢައްޔަރު ސަރަހައްދުގައި އުޅޭ އުމުރުން 70 އަހަރުން މަތީގެ މީހުންގެ ސިކުނޑީގެ ދުޅަހެޔޮކަން ބަލައިފަ އެވެ. އަދި އެ މީހުންގެ ސިކުނޑީގައި އެންމެ މަދުން އޯމެގަ-3 ފެޓީ އެސިޑް ހުރި މީހުންގެ ސިކުނޑި ވަރަށް ބޮޑަށް "ޝްރިންކް" ވެފައިވާކަމަށް ވަނީ ފާހަގަވެފަ އެވެ.

އެ ދިރާސާގައި ވަނީ އެ އަންހެނުން ހަފްތާއަކު މަސްކޭވަރާއި އެމީހުންގެ ލޭގައި އޯމެގަ-3 ފެޓީ އެސިޑްހުރި މިންވަރާއި އަދި އެ މީހުންގެ ދިރިއުޅޭ ސަރަހައްދުގެ ވައިގެ ތަޣައްޔަރުކަން ހުރި މިންވަރު ބަލައިފަ އެވެ. އަދި އޭގެ ފަހުން އެ މީހުންގެ ސިކުނޑީގެ ސްކޭން ވެސް ވަނީ ހަދައިފަ އެވެ.--ސީއެންއެން--

comment ކޮމެންޓް