ރިޒާގެ ކުންފުނީގެ ނަމާމެދު ސުވާލު އުފައްދާ، މެޖިސްޓްރޭޓުގެ މައްސަލަ ޖޭއެސްސީ އަށް

ބޮޑުފިނޮޅުގައި ތިބި ބިދޭސީން -- ފޮޓޯ/ ނަވާނަވައި

ބ. ބޮޑުފިނޮޅުގައި ބިދޭސިންތަކެއް ލައްވާ މަސައްކަތް ކުރުވާ، އެ މީހުންނަށް މުސާރަ ނުދިން މައްސަލާގައި ބިދޭސިންތައް އެރަށުގައި ހަމަނުޖެހުން ހިންގައި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިން މައްސަލާގައި އެ ބިދޭސިން ރަށުން ބޭލުމަށް ކޯޓު އަމުުރު ނެރުނު މެޖިސްޓްރޭޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ޖޭއެސްސީ އަށް ހުށަހަޅައިފި އެވެ.

ރިޒާގެ ކުންފުނި ތަމްސީލު ކުރާ ލޯކްރާފްޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޒާގެ ކުންފުނީގެ ނަމަކީ "އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑް" ކަމަށާއި، ނަމަވެސް ބޮޑުފިނޮޅު މައްސަލާގައި ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކަމަށެވެ.

އެހެން ކަމުން އެ އަމުރު ނެރެފައިވަނީ ރިޒާގެ ކުންފުނީގެ މައްޗަށް ނޫން ކަމަށާއި އެފަދަ އަމުރެއް ރިޒާގެ އާރުއައިއެކްސް ކުންފުނީގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ ދައުވާއަކާ ގުޅިގެން އެދައުވާއެއްގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ޝަރީއަތުން ހުކުމެއް ކުރުމަކީ ޝަރީއަތުގައި
ޢަމަލުކުރަމުން އަންނަ އުސޫލަކަށް ނުވާ ކަމަށެވެ.

އަދި ދައުވާތަކާ ގުޅިގެން ޝަރީއަތުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތަކަކީ ތަންދީޒުކުރުނ ގާނޫނީ ގޮތުން ލާޒިމު އެއްޗަކަށްވާއިރު، ވުޖޫދުގައި ނެތް ފަރާތެއްގެ މައްޗަށް ރައްދުޖިށް ކުރެވޭ ދައުވާއެއްގައި އެފަރާތެއްގެ މައްޗަށް ހުކުމް ކުރުމަކީ އެކަމުގައި ޝަރީއަތުގެ އަމުރު ތަންފީޒު ކުރުމުގައި އިޖުރާއީ ގޮތުން ކުރިމަތިވާ ސަބަބަކާހުރެ އެ
އަމުރުވެރިކަމުގެ ބާރު ކެދޑިދާދެކަމެއްކަމަށް ސިވިލް ކޯޓުގެ ގަޒިއްޔާއެއްގައި ބުނެފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބޮޑުފިނޮޅުން މީހުން ބޭލުމަށް ވަގުތީ އަމުރު ނެރުނު ޝަރީއަތުގެ މަޖިލީސް ވީީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ކަމަށާއި އެ މަޖިލިސް ކުރިއަށް ދަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ވީޑިއޯ މެދުކެނޑުނު ކަމަށް ލޯ ކްރާފްޓުން ނެރުނު ބަޔާނުގައި ބުންޏެވެ.

https://sun.mv/140088

ރިޒާގެ ކުންފުނިން ހުށަހެޅި ހަ ނުކުތާގެ މައްޗަށް އެކުލެވޭ އިޖުރާއީ ބަޔާނުގައި ހިމެނޭ އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ޝަރީއަތުގެ މަޖިލިސް ފެށިކަމަށާއި މަޖިލިސް ފަށައި އިޖުރާއީ ނުކުތާތަކާމެދު ގޮތް ނިންމާ އިއްވަން ފެށި ކަމަށާއި އެ ނުކުތާ އަކީ އިޖުރާއީ ނުކުތާގެ ގޮތުގައި ލިޔުމުން ހުފަހެޅި ފުރަތަމަ ނުކުތާ ކަމަށް ލޯ ކްރާފްޓުން ބުންޏެވެ. އެއް ނުކުތާ އަށްފަހު ވަގުތީ އަމުރާމެދު ގޮތް ނިންމި ކަމަށާއި އިޖުރާއީ ނުކުތާގެ ގޮތުގައި ޖުމްލަ ހަތަރު ނުކުތާ ފާހަގަކޮށްފައިވާ ކަމާއި ބާކީ ތިން ނުކުތާ އާމެދު ގޮތެއް ނިންމުމަށްފަހު ވަގުތީ އަމުރަށް ޖަވާބުދާރީވުމަށްފަހު ނޫންގޮތަކަށް އެކަން ކުރިއަށް ގެންދިޔުމަށް އިއުތިރާޒު ކުރާކަމަށް ބުނަމުންދަނިކޮށް ކުއްލިއަކަށް ވީޑިއޯ ލިންކު ކެނޑުނު ކަމަށް ރިޒާގެެ ކުންފުނި ތަމްސީލު ކުރާ ލޯކްރާފްޓުން ބުންޏެވެ.

އެ ބަޔާނުގައި ތުހުމަތުކޮށްފައިވަނީ ބޮޑުފިނޮޅުން ބިދޭސިން ބޭލުމަށް ވަގުތީ އަމުރު ނެރުނީ ނުފޫޒުގެ ތެރެއިން ކަމަށެވެ. އެއީ ވަކިބަޔަކަށް މަންފާވާގޮތަށް، ގާނޫނާ ހިލާފަށް ނެރުނު އަމުރެއްކަމަށާއި، އެ މައްސަލާގައި ވަގުތީ އަމުރު ނެރުނު ދަރަވަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ލަތީފްގެ ސުލޫކީ މައްސަލައެއް މިމަހުގެ 15 ވަނަ ދުވަހު ޖޭއެސްސީ އަށް ހުށަހަޅާފައިވާނެ ކަމަށް ބުންޏެވެ.

ބޮޑުފިނޮޅުގައި ޖުލައި މަހުގެ ދެވަނަ ދުވަހު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގީ މުސާރަ ނުދީ ހަތް މަސްދުވަސް ވެފައިވާ ކަމަށް ބުނެއެވެ. އެ ރަށުގައި ތިބި ބިދޭސީން ބުނީ ހަމަނުޖެހުން ހިންގީ މުސާރައިގެ މައްސަލައިގައި ޝަކުވާކޮށްފި ނަމަ މުސާރަ ނުދީ އެންމެން ޑީޕޯޓުކުރާނެކަމަށާއި ގޭންގެއް ފޮނުވައިގެން މާރާމާރީ ހިންގާނެކަމަށް ބުނެ ބިރުދައްކާފައިވާތީ ކަމަށެވެ.

ތުޅާދޫ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، އަމުރު ތަންފީޒު ކުރަން ފުލުހުންގެ އެންމެހާ ބާރުތައް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމުގެ އިހްތިޔާރު ދީފައެވެ.

މި ހުރިހާ ކަމެއް ހިނގާއިރު، ހަވާލުވާނެ ބަޔަކު ނެތިފައި ބިދޭސީން އަދިވެސް ތިބީ ބޮޑުފިނޮޅުގައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ސިއްހީ މައްސަލަތައްވެސް ދިމާވެފައިވާ ކަމުގެ ކަންބޮޑުުން އެ މީހުން ފާޅުކުރެ އެވެ.

ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގްގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް