ރިޒް ކުންފުނީގެ މުވައްޒަފުން ބޮޑުފިނޮޅުން ބާލަން ތުޅާދޫ ކޯޓުން އަމުރުކޮށްފި

ބޮޑުފިނޮޅުގައި ތިބި ބިދޭސީން: އެ މީހުން ބާލަން ރިޒް ކުންފުނީގެ މައްޗަށް ވަނީ އަމުރުކޮށްފައި --

ރިޒް ކުންފުނީގެ ދަށުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުން އެ ރަށުން ބާލަން އެ ކުންފުނީގެ މައްޗަށް އަންގައި ތުޅާދޫ މެޖިސްޓްރޭޓު ކޯޓުން ވަގުތީ އަމުރެއް ނެރެދީފިއެވެ.

ސީލް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދޫކުރި ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏެވެ. އެ ކުންފުނީގެ މަސައްކަތުގައި 200އެއްހާ ބިދޭސީން ބޮޑުފިނޮޅުގައި އުޅުނު ކަމަށްވެއެވެ. މުސާރަ ނުދީގެން ބޮޑުފިނޮޅުގައި މުޒާހަރާ ކުރީ އެ ބިދޭސީންނެވެ. ބޮޑުފިނޮޅުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރު ކުރިއެވެ. އެހެންކަމުން މިހާރު އެ ރަށުގައި ތިބީ 179 ބިދޭސީންނެވެ.

ނަމަވެސް ރިޒް ކުންފުނިން ބުނަނީ އެރަށުގައި ތިބީ އެ ކުންފުނީގެ އެންމެ 14 މީހުން ކަމަށެވެ. އަދި އެ ކުންފުނިން ހަވާލުވާނީ އެ 14 މީހުންނާ ކަމަށެވެ. ނަމަވެސް، އެ ރިޒް ކުންފުނީގެ ދަށުން ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 205 ބިދޭސީންގެ ލިސްޓެއް ސީލް މޯލްޑިވްސްއަށް ފޮނުވާ ކަމަށް ސީލް މޯލްޑިވްސްއިން ބުނެއެވެ.

އެހެން ބިދޭސީން ރަށުން ބާލަން ރިޒް ކުންފުނީގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް ސީލް މޯލްޑިވްސްއިން ތުޅާދޫ ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

އެ މައްސަލައިގައި ތުޅާދޫ ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުުގައި ބުނެފައި ވަނީ ސީލް މޯލްޑިވްސްއަށް ފޫނުބުދޭ ވަރުގެ ގެއްލުންތަކެއް ވެދާނެކަމަށްޓަކައި، ރިޒް ކުންފުނިން ބޮޑުފިނޮޅަށް އަރުވާފައި ތިބި އެންމެހާ ފަރާތްތަކާ ހަވާލުވުމަށާއި، އެ ބިދޭސީން ވަގުތުން ވަގުތަށް އެ ރަށުން ބޭލުމަށާއި، އެ ކުންފުނީގެ މުދާ އެ ރަށުގައި ހުރި މުދަލެއްވެސް އެ ރަށުން ބޭލުމަށް ރިޒް ޕްރައިވެޓް ލިމިޓެޑަށް އަންގާ ކަމަށެވެ.

https://sun.mv/139691

ތުޅާދޫ ކޯޓުގެ އަމުރުގައި ބުނެފައިވަނީ 16 މޭ 2020 ވީ ދުވަހުވެސް ބޮޑުފިނޮޅުގައި ބިދޭސީން މާރާމާރީ ހިންގައި، ސީލް ކުންފުނީގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި އެމީހުން އެރަށުގައި އިތުރަށް ބައިތިއްބައިފި ނަމަ ދައުވާ ކުރާ ސީލް މޯލްޑިވްސްގެ މުދަލަށާއި ރަށުގައި ތިބި އެހެން މީހުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފާނެކަމާށް އަންދާޒާ ކުރެވޭނީ 31 މޭ 2020 ގެ ކުރިން އެންމެން އެރަށުން ބޭލުމަށް ސީލް ކުންފުނިން ވަނީ ރިޒް ކުންފުންޏަށް ސިޓީއަކުން އަންގާފައި ކަމަށެވެ.

އަދި އެ ދެ ކުންފުނީގެ ދެމދުގައި ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ރިޒް ކުންފުނީގެ މުވައްޒަފުން ރަށުން ބާލަން އެންގުމުގެ ބާރު ސީލް ކުންފުންޏަށް ލިބިގެންވާކަމަށް ތުޅާދޫ ކޯޓުގެ އަމުރުގައި ވެއެވެ. އަދި އެ އަމުރަށް ރިޒް ކުންފުނިން ތަބާވާންޖެހޭނެ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.

ބ. ބޮޑުފިނޮޅުގައި 2 ޖޫން 2020 ވީ ދުވަހު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގީ މުސާރ ނުދީ ހަތް މަސްދުވަސް ވެފައިވާ ކަމަށް ބުނެއެވެ. އެ ރަށުގައި ތިބި ބިދޭސީން ބުނީ ހަމަނުޖެހުން ހިންގީ މުސާރައިގެ މައްސަލައިގައި ޝަކުވާކޮށްފި ނަމަ މުސާރަ ނުދީ އެންމެން ޑީޕޯޓުކުރާނެކަމަށާއި ގޭންގެއް ފޮނުވައިގެން މާރާމާރީ ހިންގާނެކަމަށް ބުނެ ބިރުދައްކާފައިވާތީ ކަމަށެވެ.

https://sun.mv/139637

ތުޅާދޫ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، އަމުރު ތަންފީޒު ކުރަން ފުލުހުންގެ އެންމެހާ ބާރުތައް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމުގެ އިހްތިޔާރު ދީފައެވެ.

މި ހުރިހާ ކަމެއް ހިނގާއިރު، ހަވާލުވާނެ ބަޔަކު ނެތިފައި ބިދޭސީން އަދިވެސް ތިބީ ބޮޑުފިނޮޅުގައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ސިއްހީ މައްސަލަތައްވެސް ދިމާވެފައިވާ ކަމުގެ ކަންބޮޑުުން އެ މީހުން ފާޅުކުރެއެވެ.

ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގްގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް