މަޖިލިސް ރައީސް، ގާޒީއަކަށް ގަމާރެކޭ ވިދާޅުވުމުން ކަންބޮޑުވުން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު މިނިވަންވީ، އޭނާގެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ "ގަމާރުކަމުން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ބާ ކައުންސިލްގެ ރައީސް، މައުމޫން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުގައި ނުފޫޒާއި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލައި ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، މިި ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި، ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ގާޒީ އިސްމާއިލް ރަޝީދު ބާތިލުކުރެއްވީ އަދީބާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުންތަކާ ބެހޭގޮތުން މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، ގޮތެއް ނިންމަވަމުންނެވެ.

އެ ނިންމެވުމާ ގުޅިގެން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އޭނާ އެ ނިންމެވުން ނިންމެވީ ހުށަނާޅާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، އަމިއްލައަށް ފެންނަ ފެނުމަކަށް ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވެސް ފާހަގަކުރެއްވި ނުކުތާތައް ފާހަގަކުރައްވައި، މެމްބަރު ހަސަން ލަތީފް ވަނީ މަައްސަލަ ބެއްލެވި ގާޒީގެ ގާބިލުކަމާމެދު ސުވާލުއުފައްދަވައިފައެވެ.

ހަސަން ލަތީފުގެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މުޅި މައްސަލަ ހިނގައި ދިޔައީ ގާޒީގެ "ގަމާރުކަމުން" ކަމަށެވެ.

"ވިދާޅުވެދެއްވައިފި ގާނޫނުލްއުގޫބާތުގެ އިޖުރާއަތުތަކާއި އަދި އެހެންވެސް އެތައް އިޖުރާއަތުތަކެއް، އެއިން އެއްވެސް އިޖުރާއަތަކަށް ބެއްލެވުމުގެ ގާބިލުކަމެއް އިއްޒަތްތެރި ފަނޑިޔާރުގެ ކިބައިގައި ނެތިއްޔޭ، ނުވަތަ ގަމާރުކަން އިންތިހާއީއޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މައްސަލައިގެ ބަހުސްގައި މިފަދަ މައްސަލައެއް ރޯމާދުވާލު ހިނގާނީ ގާބިލުކަމުންތޯ ނުވަތަ ގަމާރުކަމުންތޯ ވިސްނާލުން ރަނގަޅު ކަމަށެވެ.

އަދި ގަމާރުކަމުން ހިނގި ކަމެއް ނޫން ކަމަށް ބެލެވޭ ނަމަ ދައުލަތުގެ އެހެން އިދާރާތަކަށް މި ބާވަތުގެ މުއާމަލާތެއް ހިންގާފައިވޭތޯ ނުވަތަ ނޫންތޯ އެއީ މަޖިލީހަށް ލިބެންޖެހޭ މައުލޫމާތު ކަމަށެވެ. އަދި އެ މައުލޫމާތު ދައުލަތުގެ އިދާރާތަކުގައި އެއްވެސް މިންވަރަކަށް ހުރިނަމަ އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައިވޭތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ.

https://sun.mv/140071

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާޒީއަކަށް ނިސްބަތްކުރައްވައި އެފަދަ އިބާރާތެއް ބޭނުންކުރެއްވުމުން ބާ ކައުންސިލްގެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މަޖިލިސް ރައީސްގެ ވާހަކަތަކާ ގުޅިގެން މައުމޫން ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯޓެއްގެ ގާޒީއަކާ ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ދެއްކުމަކީ މަޖިލިސް ރައީސްގެ މަގާމުގެ އަގުވެއްޓިގެންދާ ފަދަ ކަމެއް ކަމަށެވެ.

އަދި ގާނޫނީ ފަންނުގެ ދާއިރާގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް އަމާޒުކޮށް ވިދާޅުވި ދަށުދަރަޖައިގެ، ބަލައިނުގަނެވޭ ވާހަކަތައް މިއަދުގެ ޔައުމިއްޔާގައި ނުހިމެނުމަށް މަޖިލިސް ރައީސްގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގެ ޔައުމިއްޔާ މިހާރު އާންމު ކޮށްފައިިވާއިރު، އެ ހުރިހާ ވާހަކައެއް ވެސް ޔައުމިއްޔާގައި ވަނީ ހިމަނާފައެވެ.

މިހާރު ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިސްމާއިލް ރަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އަދީބުގެ ހަތް ދައުވާގެ މައްސަލައިގައި، އޭނާ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

ޖޭއެސްސީއިން ބުނީ އެ މައްސަލަ ބަލަން ނިންމައި، އެކަމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް އިއްވި ހަތް ދައުވާއަކީ އިއުތިރާފުވާން ޝަރުތުކޮށް ލުއިކޮށް އިއްވި ހަތް ދައުވާއެކެވެ. އެއީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ބާތިލު ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން މިއަދު ވަނީ ހުށަަހަޅައިފައެވެ.

comment ކޮމެންޓް