ރިޔާސީ ކޮމިޝަންތަކަކީ މިހާރު ބޭކާރު ހަރަދެއް، އުވާލަން ޖެހޭ: މަޖިލިސް ރައީސް

15 ޖޫން 2020: މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބު އަދާނުކުރެވޭ ކަމަށާއި އެހެންކަމުން މިހާރު އެ ދެ ކޮމިޝަން އޮތުމުގެ ބޭނުން ވިސްނިވަޑައިނުގަންނަވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ދެ ރިޔާސީ ކޮމިޝަނެއް އެކުލަވާލާފައިވެ އެވެ. އެއީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނެކެވެ.

އެ ކޮމިޝަންތަކަށް ބާރުދޭ ގާނޫނުތައް މަޖިލީހުން ފާސްކޮށް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އެއާއެކު އެ ކޮމިޝަން ތަކުން ކުރާ ތަހުގީގުތަކަށް ދައުލަތުގެ އެހެން މުވައްސަސާތަކުގެ އެހީ ހޯދައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ކޮމިޝަންތަކަށް ވަނީ ލިބިދީފަ އެވެ. މީގެ އިތުރުން ޖިނާއީ ތަހުގީގުތަކާގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް އެދުމުގެ ބާރުވެސް ކޮމިޝަންތަކަށް ލިބިދީފައިވެ އެވެ.

މީގެ އިތުރުން ޖިނާއީ މައްސަލަތައް ބަލައިދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވުމުގައ ބާރާއި މަދަނީ މައްސަލަތައް ބަލައި ދައުވާކޮށް ފިޔަވަޅު އެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ފުރުސަތުވެސް ކޮމިޝަންތަކަށް ލިބެ އެވެ.

ހަމައެއާއެކު ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއް ވެސް ދީފަ އެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކަމަށް ގާނޫނުގައިވެ އެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ އެވެ.

މި ހުރިހާ ބާރުތަކާއި އިމްތިޔާޒްތަކާ އެކުވެސް ކޮމިޝަންތަކުން ބަލާ މައްސަލަތަކުން އެއްވެސް ނަތީޖާއެއް ނުނުކުންނަ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވެސް ވިދާޅުވީ ގާނޫނުގައި ބުނާ މަސައްކަތް، އެ ދެ ކޮމިޝަނަށް ވެސް ކުރެވުނު ކަމަށް ގަބޫލުފުޅުކުރައްވަން ދަތި ކަމަށެވެ.

ދެ ކޮމިޝަން އޮތުމުގެ ބޭނުން ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ރިޔާސީ ކޮމިޝަންތަކުގެ ގާނޫނާ ދެ ކޮމިޝަން އުވާލުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ބުއްދިއަށް މިހާރު ފެންނަނީ މި ދެ ކޮމިޝަނަކީ ބޭނުންްތެރި ކޮމިޝަނެއް ނޫން ކަމަށް. އެ ތަންތަން މިހާރު އުވާލެވެން ޖެހޭ ކަމަށް. އަޅުގަނޑުމެން ބޭކާރު ބޭނުން ނެތް ހަރަދު، ހާއްސަކޮށް ކޮވިޑިގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއް ނެތް،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައި ބުނާގޮތުން އެވަގުތަކު އުފައްދާ ރިޔާސީ ކޮމިޝަނެއްގެ މަސައްކަތް ނިމުމުން ނުވަތަ
އެނޫންވެސް ސަބަބަކަށްޓަކައި އެ ކޮމިޝަނެއް އުވާލުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުން އެ ކޮމިޝަނެއް އުވުނީއެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ. މިހާތަނަށް ޑރ. އަފްރާޝީމް އާއި ރިލްވާންގެ މައްސަލައިގައި އެ ކޮމިޝަނުން ވަނީ ރިޕޯޓުވެސް އެކުލަވާލައިފައެވެ. އެހެން ނަމަވެސް އެ ރިޕޯޓުތަކުން ވެސް އެއްވެސް ކަހަލަ ނަތީޖާއެއް ނުކުމެފައި ނުވާކަމަށް މަޖިލިސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުން އަންނަ އިރު، އެ މައްސަލައިގައި ކުރިއެރުންތަކެއް ލިބިފައި ވީކަމަށް ބުނި ނަމަވެސް، މައްސަލައިގެ ތަހުގީގު ގޮސްފައިިވާ ހިސާބު ސާފުނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ތަހުގީގު ގޮސްފައިވާ ހިސާބު ސާފުކުރަން މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް