ޔޫރޮޕް މުބާރާތްތަކުން ސިޓީ ބޭރު ނުކުރަން ނިންމައިފި

ސިޓީން ލީގު ތަށި އުފުލާލުމާއި އުފާފާޅުކުރުމުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ކުރިއަށް އޮތް ދެ ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައިވާ މެންޗެސްޓަރ ސިޓީގެ މައްސަލަ ފުރިހަމައަށް އިސްތިއުނާފްކޮށް ޔޫރޮޕުގެ މުބާރާތްތަކުގައި ސިޓީއަށް އަލުން ވާދަ ކުރެވޭ ގޮތަށް ހަދައިފި އެވެ.

ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އާ ހިލާފުވުމުގެ ސަބަބުން ސިޓީ ޔޫރަޕްގެ މުބާރާތްތަކުން ދެ ސީޒަނަށް ސަސްޕެންޑް ކުރި މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ 2012 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދު ހިނގި ކަމަކަށް ވެފައި އޭރު ސިޓީގައި ތިބި ބޯޑް މެމްބަރުންނާއި ކުލަބުގެ މެނޭޖްމެންޓް މިހާރު މުޅިން އެއްކޮށް ބަދަލުވެފައި އޮތުމުން ސިޓީން ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފް ކޮށްފަ އެވެ.

ސިޓީން މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ދުވަސްތަކުގައި އޮންލައިންކޮށް އަޑުއެހުންތައް ބާއްވައި މިއަދު ވަނީ އެކަމަށް ގޮތެއް ނިންމާފަ އެވެ. އަދި ސިޓީއާ ދެކޮޅަށް ކޮށްފައި ހުރި ގިނަ ތުހުމަތު ތަކަކީ މީގެ ފަސް އަހަރެއް ވުރެން ގިނަ ދުވަސް ވެފައިވާ މައްސަލައަކަށް ވެފައި ޔޫއެފާއިން ބަލޭ މައްސަލައިގެ މުއްދަތު އެޔަށް ވުރެން ފަސް ވާން ޖެހޭ ކަމަށް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ.

ސިޓިގެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅު ޔޫއެފާއިން ތަހުގީގުކުރަން ފެށީ ޖަރުމަނުގެ ނޫހަކުން އާއްމުކުރި ރިޕޯޓުތަކަކާއި ގުޅިގެންނެވެ. އެ ރިޕޯޓުތަކުން އެނގޭ ގޮތުގައި ސިޓީން އައީ ގަވާއިދާ ހިލާފަށް ޔޫއެފާގެ ބައެއް އޮފިޝަލުންތަކަކަށް ރިޝްވަތުދެމުންނެވެ. އަދި، އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދުމާއި، ދަރަނިތައް ފޮރުވައި މުއާމަލާތުތައް އޮޅުންއަރާ ގޮތަށް ކުޅުންތެރިން ގަތުން ވެސް ސިޓީގެ މައްޗަށް ތުހުމަތު ކުރެވުނެވެ.

"ސިޓީއާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަތަކަށް އެކަށީގެންވާ ހެކި ލިބިފައެއް ނުވޭ. އަދި ސްޕޮންސާގެ ގޮތުގައި ހޯދާފައިވާ ފައިސާ އަކީ ރަނގަޅަށް ހޯދާފައިވާ ފައިސާކަން ވަނީ އިނގިފައި. ސިޓީއިން މައްސަލަ ބެލުމުގައި ޔޫއެފާއަށް އެއްބާރުލުން ނުދީ އޮތްކަން ފާހަގަވޭ،" ކާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

comment ކޮމެންޓް