އެމްއެމްޕީއާރުސީ މައްސަލައަށްވުރެ ބިދޭސީންގެ މައްސަލަ މުޑުދާރު: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ރާއްޖޭގެ ތާރީހުގެ އެންމެ ބޮޑު ކޮރަޕްޝަން ކަމުގައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށްވުރެ ރާއްޖޭގައި އޮތް ބިދޭސީންގެ "ވިޔަފާރި" މާ ހަޑިމުޑުދާރު ކަަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މުޒާހަރާތަކާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލަ އަކީ އެމީހުންނާ ބެހޭ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް ބިދޭސީންގެ މައްސަލަ ގޮތުގައި އަޅުގަނޑުމެން މިކިޔާ މައްސަލައަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ހަޑިމުޑުދާރުކޮށް ހިނގާފައިިވާ ކަންތއް ކަމަށެވެ.

"އިންސާނުންތަކެއް ވިއްކައިގެން ރާއްޖޭގައި ކޮށްފައި އޮތް މިހާ ހަޑިމުޑުދާރު ކަމެއް އަޅުގަނޑަކަށް ހަމަގައިމުވެސް، އަޅުގަނޑުގެ އުމުރުގައި ފެނިފައި އޮތް ކަމެއް ނޫން މީ. އެމްއެމްޕީއާރްސީގެ މައްސަލައަކީ އަދި މުޑުދާރު މައްސަލައެއް ނޫން މި މައްސަލައާ ބަލާއިރު،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެތައް ބައިވަރު އިންސާނުންތަކަކަށް އަނިޔާވެރިވެ، އެމީހުންގެ ނާޖާއިޒް ފައިދާ ހޯދުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށާއި އިގްތިސޯދަށާއި އަދި އިޖްތިމާއީ ފޭރާމަށް ވެސް ނުރައްކާތަކެއް ކުރިމަތިކުރުވާފައިވާ ކަމަށެވެ.

"އަޅުގަނޑާ ދިމާލަށް ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނި ނަމަވެސް ދިވެއްސެއްގެ ހައިސިއްޔަތުން މިކަމުގައި އަޅުގަނޑު ލަދުވެތިވަން އެމީހުންނާ ދޭތެރޭގަ ރާއްޖޭގައި ކަންކަން ވެފަ އޮތް ގޮތުން ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން އެމީހުންގެ މައްސަލަ ހައްލުކުރުމަށް ރާއްޖެއިން އެމީހުންނާ ދޭތެރޭ އަމަލުކޮށްފައި ވަނީ އިންސާފުވެރިކަމާއެކު ކަމަށް ތާރީހުގައި ލިޔެވިގެންދާން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ބިދޭސީންނަށް މުސާރަ ނުދިނުމާއި، އެމީހުންގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ކަންކަން ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ވަނީ މަގުތަކަށް ނުކުންނަން ފަށައިފައެވެ. އަދި އެމީހުން އަންނަނީ ސަލާމަތީ ބާރުތަކާ ކުރިމަތިލާ، މުދަލާއި ތަންތަނަށް ގެއްލުން ދެމުންނެވެ.

ފައްޔާޒް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުގައި، ބިދޭސީން ބޭނުންކޮށްގެން މުޒާހަރާ ކުރަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ.

"އެކަންކަން ކުރާނީވެސް އެހެން. ސިޔާސީ ކަންކަން އޮންނާނީ ވެސް އެހެން. އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު މިކަމުގައި އަމަލުކުރަންޖެހޭނީ. އަދި ރައްޔިތުން ވެސް މިކަމުގައި ޕޭޝަންސް އެބަ ގެންގުޅެންޖެހޭ. މީކީ އެއް ދުވަހަކުން ވެފައި އޮތް ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ބޭނުންވާ ދުވެލީގައި މަސައްކަތްތައް ނުކުރެވުނު ނަމަވެސް، ރަނގަޅު ފިޔަވަޅުތަކެއް އެޅި، ނަތީޖާ ނުކުންނަަ ކަމަށް ގިނަ ރައްޔިތުންނަށް ވެސް މިހާރު ގަބޫލުކުރެވޭ ކަމަށެވެ. އަދި ބޮޑެތި ގޮންޖެހުންތަކަކާއެކކު މަސައްކަތްތައް ކުރިއަށް ގެންދެވެނީ ފެންވަރު ހުރި ވަރަކުން، ރިސޯސަސް ހުރި ވަރަކުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިމިގްރޭޝަންގެ ރެކޯޑުތަކަށް ބަލާއިރު ރާއްޖޭގައި އެކި ސަބަބުތަކާ ހެދި ގަވާދާ ހިލާފަށް އުޅޭ މީހުންގެ އަދަދު 62،000 އަށް އަރާނެ ކަމަށް ބުނެފައި ވީނަމަވެސް، އެ އަދަދު ލަައްކައަކާ ކައިރި ކުރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އެމީހުން ހޯދައި، ގަވާއިދުގެ ތެރެއަށް ވެއްދުމަށް ފެށި މަސައްކަތުގެ ތެރެއިން، އަނބުރާ ގައުމަށް ދާން ބޭނުންވެ، ދެވޭނެ ގޮތެއް ނެތިފައި ތިބި އެތައް ބަޔަކު ފާހަގަވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެމީހުން ދާން އަންނަ އިރަށް އެމީހުންހައްޔަރު ކުރަނީތޯ ބަންދު ކުރާނީތޯ ޖަލަށް ލާނީތޯ ނޭނގިފައި. އެކަމުގެ ބިރުވެެރި ކަމުގައި އެމީހުން ފިލާވެސް އެބަތިބި. އެހެންވީމަ އަޅުގަނޑުމެން މި ހުޅުވާލު ހުޅުވާލުމާ ގުޅިގެން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް19 ގެ ހާލަތު ކުރިމަތިވުމުގެ ކުރިން، މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، ގަވާއިދުުގެ ތެރެއަށް ވަންނަންނ ބޭނުންވެގެން 43،000 ބިދޭސީން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ހާލަތު މެދުވެރިނުވި ނަމަ، ގިނަ އަދަދެއްގެ ބިދޭސީންގެ އިނގިލޭގެ ނިޝާން ނެގި، ބަންގްލަދޭޝް ސަރުކާރާ ގުޅިގެން އެމީހުންގެ ލިޔެކިޔުންތައް ތައްޔާރުކޮށް ވިސާގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑަށް މީ ލާފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައި ހުރަސް އަޅާނެ ބައިވަރު މީހުން އެބަތިބި ކަމަށެވެ.

"ހުރަސް އަޅަމުން އެބަދޭ. އެހެންވީމަ އަޅުގަނޑު ތިބޭފުޅުންނަށް [މަޖިލިސް މެމްބަރުންނަށް] ދަންނަވާލަން ބޭނުންވަނީ އެކަންތައްތަކުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވާށޭ. އަޅުގަނޑަށް ފުރުސަތު ދެއްވާށޭ އަޅުގަނޑު މިކަން ކުރުމަށް. އެކަން އަޅުގަނޑަށް ނުވެއްޖެއްޔާ ތިބޭފުޅުންނަށް އަޅުގަނޑާ ދޭތެރޭ ފިޔަވަޅުތަައް ގާނޫނުގައި އެހުރީ. މިތަނަށް ގެނެސް އަޅުގަނޑު ވަޒީފާއިން ވެސް ވަކިކުރެވޭނެ. އެހެން ނަމަވެސް އަޅުގަނޑަށް މިކަން ކުރުމަށް ތިބޭފުޅުން ފުރިހަަމަ އެއްބާރުލުން ދެއްވާށޭ. އަޅުގަނޑު ބޭނުންވާ ގޮތަށް. އަޅުގަނޑު ހުށަހަޅާ ހުށަހެޅުންތައް އެއީ ރަނގަޅު ހުށަހެޅުންތަކެއް ކަމަށް ތިބޭފުޅުންނަށް ގަބޫލުކުރެވެންޏާ އެ ފުރުސަތު ދެއްވާށޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތް ރަނގަޅު ކަމަށައި ނަތީޖާވެސް ހާސިލުކުރެވޭ ކަމަށެވެ. އަދި ތިރީހަކަށް އަހަރުން ހިނގާ ގޮސްފައި އޮތް ކަމެއް އެއް ދުވަހުން ރަނގަޅު ނުކުރެވޭނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ރަނގަޅު ކުރާނަމޭ މި ބުނަނީ އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަޅައިގެން އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް