ބިދޭސީންގެ މައްސަލަ ވަރަށް ބިރުވެރި، ތުހުމަތު ސިޔާސީ މީހުންނަށް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީންގެ މައްސަލަ ސިފަވަނީ "ބިރުވެރި ހޮހޮޅައެއް"ގެ ގޮތުގައި ކަމަށާއި ބިދޭސީން ލައްވާ މުޒާހަރާ ކުރުވުމުގައި ސިޔާސީ ބަޔަކު ވެސް ތިބޭ ކަމުގެ ތުހުމަތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ކުރައްވައިފި އެވެ.

ފަހަކަށް އައިސް ބިދޭސީން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވާއިރު، އެ މައްސަލައިގައި މިނިސްޓަރު ފައްޔާޒް ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުމުން، ބިދޭސީންގެ މައްސަލައަކީ ހުދު މިނިސްޓަރުގެ ސަބަބުން އުފެދިގެން އުޅޭ މައްސަލައެއް ކަމަށް ހީވާ ފަހަރުވެސް ދާކަމަށެވެ.

"ބައެއް ފަހަރު އަޅުގަނޑަށް ވެސް ހީވާކަހަލަ މީ އަޅުގަނޑު ކޮށްގެން އުޅޭ ކަމެކޭ. އަޅުގަނޑޭ މި އެންމެން ގެނައީ، އަޅުގަނޑު ކުރި ކަމަކޭ މީ. އެހެން ނަމަވެސް އެންމެ ރަނގަޅު އެގޮތްވެސް. އަޅުގަނޑު މި މަސައްކަތް ކުރަނީ މިކަމަށް ހައްލެއް ހޯދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގައި އޭނާގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ޖެހިލުންވާނެ ކަމެއް ވެސް ނޯންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި ފަސޭހައިން މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި މަގާމުގައި ހުންނެވިހާ ދުވަހަކު ފެނިވަޑައިގަންނަވާ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑަށް މިކަމާ ހަވާލުވެ އަޅުގަނޑަށް ފާހަގަވީ، އަޅުގަނޑަށް ހީކުރެވުނީ ކުޑައިރު އަޅުގަނޑުމެން ކާނިވާތަކަށް ވަދެ ބިރުވެރި ހޮހޮޅައަކަށް ވަދެގެން އުޅޭ ކަހަލަ ގޮތަކަށް. ދާނެ ދިމާލެއް ދެން ވާނެ ގޮތެއް، އެއްވެސް އެއްޗެއް ނޭނގޭ ކަހަލަ މި ދެންނެވި އަނދިރި ކަންތައްގަނޑެއްގެ ތެރެއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ވެސް ތަޅުމުގައި ހިއްސާކުރައްވައިފައެވެ.

އެގޮތުން މި ހަފްތާގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާ ބެހޭ ގަވާއިދު އެއްކޮށް މުރާޖައާކޮށް ގެޒެޓު ކުރެވޭނެ ކަމަށެވެ. އަދި ގަވާއިދު ގެޒެޓުވެގެން ދިއުމާއެކު ކަން ވާންވީ ގޮތް ހިދުމަތްދޭ މީހުންނަށް ވަރަށް ސާފުކޮށް އެނގިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދެންނެވިގެން ކުރިން އޮތް ކަޅު ބިރުވެރި ހޮހޮޅައިގެ ބޭރުން ވަރަށް ސާފުކޮށް އަލިކޮށް ފެންނާނެ ކިހިނެތްތޯ ވާންވީ ކިހިނެތްތޯ ހަދަންވީ ކޯއްޗެއްތޯ ލިބޭނީ ނުލިބޭނީ ކޯއްޗެއްތޯ ވަރަށް ބޮޑަށް ސާފުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތްތަކުގެ ބޭނުމަކީ ބިދޭސީން ފޮނުވާލުން ނޫން ކަމަށާއި ބޭނުމަކީ "ގަވާއިދާ ހިލާފުކޮށްފައި ތިބި، ވެފަ ތިބި، އަދި ގަސްތުގައި ވެފަ ތިބި" މީހުންގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި 62،000 އެއްހާ އަންޑޮކިއުމެންޓެޑް ބިދޭސީން އުޅޭކަމަށް ލަފާކުރެވޭއިރު، އޭގެތެރެއިން 95 ޕަސެންޓު މީހުންނަކީ ބަންގްލަދޭޝް ރައްޔިތުން ކަމަށެވެ. އެހެންކަމުން މައްސަލަ ހައްލުވަންދެން ބަންގްލަދޭޝްގެ އާދައިގެ މަސައްކަތްތެރިން ގެނައުން މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ.

ބަންގްލަދޭޝް މީހުން ގެނައުން މެދުކަނޑާލީ އެއް އަހަރު ދުވަހަށް ކަމަށާއި، އެހެން ނަމަވެސް މަސައްކަތް މުޅިން ނިމި ސާފުވަންދެން އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"މީކީ ޕިޗޯރީން ފޮނުވާލި ގޮތަކަށް ބޯޓަކަށް ލާފައެއް ނުފޮނުވޭނޭ އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާފުކޮށް. ބައިނަލްއަގުވާމީ އޮބްލިގޭޝަނަސްތަކެއް އަޅުގަނޑުމެންގެ މައްޗަށް އެބަހުރި. އަޅުގަނޑުމެން ހުރިހާ ސަކަރާތެއް ޖަހާފައި، އެހެން ގައުމެއްގެ މައްޗަށް ހަމަ އެހެން ހެދޭކަށް ނޯންނާނެ. އަޅުގަނޑުމެން އެކަން ބޭނުންވި ކަމުގައި ވިޔަސް. އިންޓަނޭޝަނަލް އޮތް ގުޅުންތަކާ މީގެ ތެރެއިން މިކަން މި ކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމާއެކު މިހާތަނަށް އެގައުމުގެ 4000 މީހުން އަނބުރާ ފޮނުވާލާފައިވާކަމާއި އޭގެ ތެރޭގައި 3800 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ގަދަކަމުން އެމީހުން ފޮނުވާލަން މަސައްކަތް ކުރާނަމަ، ބޭނުންވާ ލިޔެކިޔުންތަކާ އެއްޗެހި ނުލިބޭނެ ކަމަށެވެ. އަދި އެމީހުން ގަދަކަމުން ފޮނުވާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

"އެހެންވީމަ މިކަމަކީ އުނދަގޫކަމެއް. އަޅުގަނޑު ކޮށްފަ އޮތް ކަމެއް ނަމަވެސް އަދި މިކަން ހައްލުކުރަން ވަގުތު ނަގާނެ. އަޅުގަނޑުގެ ބޮލުގަ މިކަން އެޅުނު ނަމަވެސް. އަދި މިކަަން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް