ލަންޑަން ޑާބީ ޓޮޓެންހަމަށް، ލެސްޓާއަށް ހާސްކަން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ޓޮޓެންހަމް --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ވާދަވެރި ލަންޑަން ޑާބީ މެޗުގައި އާސެނަލް ބަލިކޮޑް ޓޮޓެންހަމް ކުރި ހޯދި އިރު ބޯންމައުތު އަތް ދަށުވެ ލެސްޓާ ސިޓީ ބޮޑު ހާސްކަމަކަށް ގޮސްފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލްގެ މައްޗަށް ހޯމް ޓީމު ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މީގެ ކުރީ ހަތަރު، ފަސް ސީޒަނުގައި ވެސް ގަދަ ހަތަރެއްގައި ހިމެނުނު ޓޮޓެންހަމްއަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު ރޭގެ މޮޅާ އެކު އެ ޓީމު ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް މި ސީޒަނުގައި މިހާތަނަށް 35 މެޗު ކުޅުނު އިރު ލިބުނީ 52 ޕޮއިންޓް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ޓޮޓެންހަމް --- ފޮޓޯ/ލައިވްސްކޯ

އަނެއްކޮޅުން ފަހަކަށް އައިސް ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި އާސެނަލް ރޭގެ މެޗުން ބަލިވުމާ އެކު ވަނީ ތާވަލުގެ އަށްވަނައަށް ވެއްޓިފަ އެވެ. އާސެނަލް އެ މަގާމުގައި އޮތީ 35 މެޗުން ލިބުނު 50 ޕޮއިންޓާ އެކުގަ އެވެ.

ލަންޑަން ޑާބީގެ ނަމުން މަޝްހޫރުވެފައިވާ އާސެނަލް-ޓޮޓެންހަމް ބައްދަލު ކުރި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އާސެނަލުންނެވެ. އާސެނަލަށް މެޗުގެ 16 ވަނަ މިނަޓުގައި ފްރެންޗް ފޯވާޑް އަލަކްސެންޑަރާ ލަކަޒެޓް ލީޑު ނަގައިދިން އިރު އޭގެ ތިން މިނަޓު ފަހުން ޓޮޓެންހަމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލަކީ ހެންގް-މިން ސޮން އެ ޓީމަށް ޖަހައިދިން ގޯލެކެވެ.

އެއަށްފަހު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައިރު މެޗު ނިމެންދަނިކޮށް ޓޮޓެންހަމަށް މެޗުން ތިން ޕޮއިންޓް ޔަގީންކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ޓޮބީ އަލްޑާވީލްޑް ކާމިޔާބު ކުރި ގޯލަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ޓޮޓެންހަމް --- ފޮޓޯ/ލައިވްސްކޯ

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ލިބުނު މޮޅާ އެކު އެ ޓީމަށް ވަނީ ކުލަބުގެ ތާރީހީ ރެކޯޑަކާ އެއްހަމަ ވެފަ އެވެ. އެގޮތުން 1968 ވަނަ އަހަރު އެކުލަބުން ހަދާފައިވާ އާސެނަލް އަތުން އަމިއްލަ ދަނޑުގައި ބަލިނުވެ ޖެހި ޖެހިގެން ހަ މެޗު ވަނީ ރޭގެ މޮޅާ އެކު ޓޮޓެންހަމަށް ހަމަ ވެފަ އެވެ.

މީގެ އިތުރުން ރޭ ބޯންމައުތު އަތުން ލިބުނު ބޮޑު ބައްޔާއެކު ގަދަ ހަތަރެއްގައި ލީގު ނިންމާލުމަށް ލެސްޓާ ސިޓީން ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ. ބޯންމައުތުގެ ދަނޑުގައި ކުޅުނު އެ މެޗުން ލެސްޓާ ބަލިވީ 1-4 ގެ ނަތީޖާއަކުންނެވެ.

ލެސްޓާ މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައި 35 މެޗު ކުޅެގެން ލިބުނު 59 ޕޮއިންޓާ އެކުގަ އެވެ. އެކަމަކު މިރޭ ސައުތަމްޓޮންއާ ދެކޮޅަށް ކުޅޭ މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ ނަމަ ޔުނައިޓެޑް ތާވަލުގެ ތިންވަނައަށް އަރާނެ އެވެ. އޭރަށް ލެސްޓާ ތާވަލުގެ ފަސްވަނައަޑް ވެއްޓޭ އިރު ހަތަރު ވަނައިގައި އޮންނާނީ މިހާރު ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީ އެވެ.

ރޭގެ މެޗުގައި ލެސްޓާގެ ފޯވާޑް ޖޭމީ ވާޑީ ވަނީ އެ ޓީމަށް މެޗުގެ ކުރީ ކޮޅުގައި ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމެންދެން ލެސްޓާއިން ވަނީ އެމީހުންގެ ލީޑު ދަމަހައްޓައިފަ އެވެ. އެކަމަކު ބޯންމައުތުން ވަނީ ދެވަނަ ހާފުގައި ހަތަރު ގޯލު ޖަހައި ނަތީޖާ ބަދަލު ކޮށްލައިފަ އެވެ. ބޯންމައުތަށް އެ މެޗުގައި ގޯލުތައް ޖަހައިދިނީ ޖޫނިއާ ސްޓެނިސްލަސްއާއި ޑޮމިނިކް ސޮލަންކޭ އެވެ. ސޮލަންކޭ އެ މެޗުގައި ދެ ގޯލު ޖެހި އިރު ބާކީ ލަނޑަކީ ލެސްޓާގެ ކުޅުންތެރިއެއް ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.

comment ކޮމެންޓް