ގެސްޓްހައުސް އެސޯސިއޭޝަނުގެ ރައީސް އިސްތިއުފާ ދެއްވައިފި

ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް ނާސިހު -- ފޮޓޯ: ގޭމް

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް މޫސާ ނާސިހު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވާ ނެރުއްވި ކުރު ބަޔާނުގައި އޭނާ ވިދާޅުވީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީ އަށް މި އަހަރުގެ ޖޫން 23 ވަނަ ދުވަހު ހުށަހެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ހުށަހެޅި، އެ މައްސަލަ ކުރިއަށް ނުގެންދެވޭތީ، އެސޯސިއޭޝަނުގެ ރައީސް އިސްތިއުފާ ދެއްވިއިރު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދުގެ އަހުލާގީ މައްސަލައެއްގައި އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރޭ އޭނާއަށް އަންގަވައިފަ އެވެ.

އަލީ ވަހީދު، މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށްބުނެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާ އެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

އަލީވަހީދު އިސްތިއުފާ ދެއްވާ ރޭ ވިދާޅުވީ ކޮށްދެވުނު ހިދުމަތްތަކަށް ފަހުރުވެރިވާ ކަމަށެވެ.

comment ކޮމެންޓް