އޭޕްރީލް މަހު ތިން އަތޮޅަކުން ގްރީންޓެކްސް ނުލިބޭ

ސޮނޭވާ ޖާނީ ރިސޯޓް

މިއަހަރުގެ އޭޕްރީލް މަހު ރާއްޖޭގެ ތިން އަތޮޅަކުން ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ އޭޕްރީލް މަހުގެ ގްރީން ޓެކްސް ރިޕޯޓު ދައްކާގޮތުން ހއ. އަތޮޅާއި، މ. އަދި ފ. އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް މިންވަރެއް ދައްކައިފައެެއް ނުވެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި އޭޕްރީލް މަހު ލިބިފައިވަނީ 35.7 މިލިއަން ރުފިޔާއެވެ. މި މުއްދަތުގައި އެންމެ މޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖުމްލަ 12.5 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާއިރު އއ. އަތޮޅުން ވަނީ 4.6 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކައިފައެވެ. ރ. އަތޮޅުން ވަނީ 2.3 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކައިފައެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށްވެސް ދަނީ ނުރަނގަޅު އަސަރު ކުރަމުންނެވެ. ހާއްސަކޮށް ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިން އައުން ހުއްޓާލާފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. ގްރީން ޓެކުހަކީވެސް ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

މާޗު 27 ގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި އިރު ސަރުކާރުން ނިންމާފައިވަނީ މިމަހުގެ 15 އިން ފެށިގެން ބޯޑަރު އަލުން ހުޅުވާލާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 972.5 މިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައެވެ. އޭޕްރީލް މަހު އެފަންޑުން 7.8 މިލިއަން ރުފިޔާ ހޭދަކުރި އިރު ގްރީން ފަންޑުން ފައިސާ ހަރަދު ކުރަނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ވޭސްޓް މެނޭޖުމެންޓުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.

comment ކޮމެންޓް