މެޗަށް ނުކުންނަނީ ރެކޯޑް ހެދުމަށް ވިސްނައިގެނެއް ނޫން: ކްލޮޕް

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އެސްޓަން ވިލާ ބަލިކޮށް، ލީގްގެ ޗެމްޕިއަނެއްގެ ގޮތުގައި ފުރަތަމަ މޮޅު ހޯދި އިރު އެ ޓީމު މެޗުތަކަށް ނުކުންނަނީ ރެކޯޑް ހެދުމަށް ވިސްނައިގެން ނޫން ކަމަށް ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން 2-0 އިން އެސްޓަން ވިލާ ބަލިކޮށް އަމިއްލަ ދަނޑުގައި މޮޅުވުމުގެ ރެކޯޑް ދެމެހެއްޓި އެ މެޗުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކި އިރު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. ރޭގެ މޮޅާ އެކު ރޭގެ މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 33 މެޗުން 89 ޕޮއިންޓާ އެކު އެވެ.

ލީގުގައި ބާކީ ފަސް މެޗު އޮތް އިރު އެ ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެން ލިވަޕޫލަށް މީގެ ކުރިން މެންޗެސްޓާ ސިޓީ ހަދާފައިވާ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑް ލިބޭނެ އެވެ.

ޗެމްޕިއަން ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ 0-0 ގެ ނަތީޖާއެއްގައި އޮވެގެންނެވެ. ލިވަޕޫލުން ފުރަތަމަ ގޯލު ޖެހީ 71 ވަނަ މިނިޓްގައި ނަބީ ކެއިޓާ ދިން ބޯޅަ އަކުން ސަޑިއޯ މާނޭ އެވެ. މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ޒުވާން ކުޅުންތެރިޔާ ކާޓިސް ޖޯންސް އެވެ.

މި މެޗުން ލިބުނު މޮޅާ އެކު ލިވަޕޫލުން ވަނީ މި ފަހަރު ލީގުގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. ލިވަޕޫލް ވަނީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު 17 މެޗުން މޮޅުވެފަ އެވެ. އެ ޓީމަށް މިފަހަރުގެ ސީޒަނުގައި އަމިއްލަ ދަނޑުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ ބާންލީއާއި ޗެލްސީ މެޗެވެ.

ލީގުގެ އެއް ސީޒަނެއްގައި އަމިއްލަ ދަނޑު ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް އޮތީ ސަންޑަލެންޑް އަތުގަ އެވެ. އެ ރެކޯޑަށް ވަނީ 128 އަހަރުވެފަ އެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗަށް ނުކުންނަނީ ރެކޯޑް ހަދަން ވިސްނައިގެން ނޫން ކަމަށާއި، މިވަގުތުގެ އެންމެ މުހިއްމު ކަމަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށެވެ.

"ރޭގެ މެޗަކީ އެކި ސަބަބުތަކާ ހުރެ ވަރަށް އުނދަގޫވި މެޗެއް. ވައިގެ ސަބަބުން ދެ ޓީމަށް ވެސް އެންމެ ރަނގަޅަށް ކުޅެން ވަރަށް އުނދަގޫވި. ދެވަނަ ހާފުގައި ކުޅުން ކޮންމެސް ވަރަކަށް ބަދަލުކޮށްގެން ތަފާތު ފެނިގެން ދިޔައީ." ކްލޮޕް ބުންޏެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ރެކޯޑެއް ހެދުމަށް ވިސްނައިގެން އެކަމަށް ޓާގެޓް ކޮށްގެން ކުޅެގެން އެ ރެކޯޑެއް ހޯދަން އުނދަގޫވާނެ. މި ޓީމުގެ އަމާޒަކީ ހުރިހާ މެޗަކުން ވެސް މޮޅުވުން. އެއާ އެކު ރެކޯޑްތައް ވެސް އަންނަނެ."

comment ކޮމެންޓް