އައި ފިލްމްސް އިންވެސް ޖުމައްޔިލްއާ ގުޅުން ކަނޑާލައިފި

ފިލްމީތަރި ޖުމައްޔިލް ނިމާލް--

މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެގެ) ޕްރޮޑަކްޝަން "އައި ފިލްމްސް" އިންވެސް އޭނާއާއެކު އޮތް ގުޅުން ކަނޑާލުމަށް ނިންމައިފި އެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ޖުމައްޔިލް އާއެކު އެންމެ ގިނަ ޕްރޮޖެކްޓްތަކެއް ހަދާފައިވާ ކުންފުނި ކަމަށްވާ "ޑާކްރެއިން އެންޓަޓެއިންމެންޓް" އިން ވަނީ ޖުމައްޔިލްއާއެކު އޮތް ގުޅުން ނިންމުމަކަށް ގެނެސް ކުރިއަށް ހުރި ޕްރޮޖެކްޓްތަކުން އޭނާ ވަކި ކޮށްފަ އެވެ.

މިދިޔަ އަހަރު އެޅުވި ކާމިޔާބު ފިލްމު "ބަވަތި"ގެ ޕްރޮޑަކްޝަން އިން މިއަހަރު ނެރުމަށް ތައްޔާރުވެފައިވާ ފިލްމު "ނީނާ"ގެ ރޯލަކަށް ޖުމައްޔިލް ވަނީ މީގެކުރީން ހަމަޖައްސާފަ އެވެ. އަދި އެ ފިލްމުގެ ޝޫޓީންގެ މަސައްކަތް ނިންމާ މިހާރު ފިލްމު އޮތީ ޕޯސްޓް ޕްރޮޑަކްޝަނުގަ އެވެ.

މިއަހަރު އެ ފިލްމު ނެރުމަށް ހަމަޖައްސާފައިވި ނަމަވެސް އެ ފިލްމު ރިލީޒް ކުރުމަށްޓަކައި ގޮތެއް ނިންމާނީ ޖުމައްޔިލްގެ މައްސަލައަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށްވެސް އައި ފިލްމްސް އިން ވަނީ ބުނެފަ އެވެ.

އައި ފިލްސްމް އިން އިތުރަށް ބުނެފައިވަނީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކުގައި އަދި ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގައިވެސް އޭނާ ބައިވެރި ނުކުރާނެ ކަމަށެވެ. އަދި ނީނާ ފިލްމުގެ ޕްރޮމޯޝަންގެ އެއްވެސް މެޓީރިއަލްއެއްގައި ޖުމައްޔިލް ބޭނުން ނުކުރާނެ ކަމަށްވެސް އެ ޕްރޮޑަކްޝަނުން ބުނެ އެވެ.

އައިފިލްމްސް އިން ބުނީ ޖިންސީ އަނިޔާ އަދި ރޭޕް ފަދަ ކަންތަކާ އަބަދުވެސް އެ ޕްރޮޑަކްޝަން ދެކޮޅުވާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފެންމަތިވި ކަން އެނގުނު ނަމަވެސް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

comment ކޮމެންޓް