ގޭމްގެ ހަރަކާތްތަކަށް ފަންނީ ލަފާދޭނެ ފަރާތެއް ހޯދަނީ

ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް ނާސިހު -- ފޮޓޯ: ގޭމް

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހިންގާ އަހަރީ ބޮޑެތި ހަރަކާތްތައް ހިންގުމުގައި އެހީތެރިވާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ރާއްޖޭގެ އައިލެންޑް ކޮމިޔުނިޓީ ޓުއަރިޒަމް ސިނާއަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން މި ސިނާއަތުގެ ބްރޭންޑިން އަދި އިމޭޖިން މަސައްކަތް ކުރުމަށް، ގޭމް އާއި ގުޅިގެން މަސައްކަތްކުރާނޭ ފަންނީ ގާބިލްކަމާއި ތަޖްރިބާހުރި ކުންފުންޏެއް ނުވަތަ ފަރާތެއް ހޯދުމަށް ރިކުއެސްޓް ފޯރް ޕްރޮޕޮޒަލެއް އާއްމުކޮށްފަ އެވެ.

މި އާރްއެފްޕީ އާންމުކޮށްފައިވަނީ ގޭމް އިން ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތްތައް ރާވާ ހިންގުމުގައި ގޭމް އަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ގޭމްއާއިއެކު މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށެވެ.

އެގޮތުން އައިލެންޑް ކޮމިޔުނިޓީ ޓުއަރިޒަމް ނުވަތަ ގެސްޓްހައުސް ސިނާއަތު ބްރޭންޑިން، ގެސްޓްހައުސްތައް އިޝްތިހާރުކުރުން، ޕަބްލިކް ރިލޭޝަންސްގެ ހަރަކާތްތައް، ގެސްޓްހައުސްތަކާއިބެހޭ މަޖައްލާ (ގައިޑް) ނެރުން، ގެސްޓްހައުސް އަހަރީ އެކްސްޕޯ އާއި ކޮންފަރެންސް އަދި ކޯޕަރޭޓް އެވޯޑް ނައިޓްގެ ކަންތަކުގައި އެ ޖަމްއިއްޔާ އާއި ގުޅިގެން މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ގޭމް އިން ބުންޏެވެ.

މާޗު ހަތްވަނަ ދުވަހު ބޭއްވ ގޭމް ގެ އަހަރީ އާއްމު ޖަލްސާގަައި، ގޭމް ގެ ރައީސް ނާސިހު ވަނީ އެ ޖަމްއިއްޔާއިން މިއަހަރުގެ ތެރޭގައި ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތައް އެކުލެވޭ އަހަރީ ކަލަންޑަރު މެމްބަރުންނާއި ހިއްސާކުރައްވާފަ އެވެ.

މިކަލަންޑަރުގައި ގެސްޓް ހައުސް މަޖައްލާ (ގައިޑް) ނެރުމާއި، ގެސްޓް އެވޯޑް އަދި ގާލާ ނައިޓެއް ބޭއްވުން އަދި ގެސްޓްހައުސް އަހަރީ އެކްސްޕޯ އަދި ކޮންފަރެންސް ބޭއްވުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގައި އޮތް އައިލެންޑް ކޮމިޔުނިޓީ ޓުއަރިޒަމް ތަމްސީލުކުރާ ޖަމްއިއްޔާއަކީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. ރާއްޖޭގެ އައިލެންޑް ކޮމިޔުނިޓީ ޓުއަރިޒަމް ސިނާއަތުގެ ބަލަދުވެރިފަރާތެއްގެ ގޮތުގައި ދިވެހި ސަރުކާރުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ބަލައިގަނެފައިވާކަމަށް ގޭމް އިން ބުންޏެވެ.

comment ކޮމެންޓް