އިންތިހާބުން ނަން ނެގީ އިންސާފު ނުލިބި، ހުވަފެންތައް ބިލާހަކަށް ވުމުން!

ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓްކަމުން ނަން އަބުރާ ނެންގެވި މިއުނާ ހަސަން.

"މިއީ ހަމަ އެކަނި މިފަހުން ފެނުނު ރޭޕް އަދި ޖިންސީ ގޯނާގެ ކޭސްތަކާއި ހެދި ކުރި ކަމެއް ނޫން. އެކަމަކު ޝިދާތާގެ މިނިސްޓަރުކަމުގެ ދުވަސްވަރުން ފަށައިގެންވެސް އޮތް ކަމެއް،" ކައުންސިލް އިންތިހާބުގައި ވާދަނުކުރަން ނިންމި މިއުނާ ހަސަން ނަން އަބުރާ ގެންދެވި ސަބަބު ހާމަކުރަމުން "ސަން" އަށް ކިޔައިދިނެވެ.

މިއުނާ އަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ހއ. މުރައިދޫ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓެވެ.

އެހެންނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު މިއުނާ ވަނީ ކުރީ ސަރުކާރަށްވުރެ މި ސަރުކާރުން އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވާކަމަށް ބުނެ ކައުންސިލް އިންތިހާބުގައި ވާދަނުކުރަން ނިންމައިފަ އެވެ.

މިއުނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މިފަހުން ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލުމެވެ.

"މި ސަރުކާރު، ފުލުހުންނަށްވެސް އެންމެ ފަހުން މި ފެނުނު ބޮޑު ތިން ކޭސް ތަހުގީގުކުރަން އެކަށީގެންވާ ވަގުތު އަދި ނުލިބިދާނެ. އެކަމަކު ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މީހުން މުޖުތަމައުއަށް އަނބުރާ ދޫކޮށްލުމަކީ ގޯހެއް" މިއުނާ ބުންޏެވެ.

މިއުނާގެ މި ބަސްތަކަކީ މިދިޔަ ހުކުރުދުވަހުގެ ރޭ ސަފާރީއެއްގައި ބޭރު އަންހެނަކަށް ޖިންސި ގޯނާ ކުރިކަމުގެ ތުހުމަތުގައި ހުށަހެޅި މައްސަލައާއި ގުޅިގެން އޭނާ ފާޅުކުރި ކަންބޮޑުވުންތަކެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ތުހުމަތު ކުރެވުނު 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ދޫކޮށްލައިފަ އެވެ. ކުށުގެ ތުހުމަތު ލިބޭ އެކަކީ މަޖިލިސް މެންބަރެއްގެ ފިރިކަލުންކަމަށް ވާހަކަދެކެވެން ފެށުމާއިއެކު ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު އޮންނަކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރާއްޖޭގެ އެހެން ނޫހެއްގައި މި ހާދިސާގައި ކަން ހިނގިގޮތްކަމަށް ބުނެ ޝާއިއު ކުރި ރިޕޯޓަކާއިއެކު އާންމުންގެ ގިނަ ބައެއްގެ ރުޅިވެރިކަންވެސް ވަނީ ފާޅުވާން ފަށައިފަ އެވެ.

"އަޅުގަނޑު، މިއީ އެފަދަ ގޯނާ ކުޑައިރު ތަޖުރިބާކޮށްފައި ހުރި މީހެއް. ބޮޑުވިވަރަކަށް ތަހައްމަލުކުރެވޭ އެފަދަ އަނިޔާ ލިބޭ މީހުންގެ އިހުސާސްތަކާއި ވޭން،" މީގެ ކުރިން ޖިންސީ އަނިޔާގެ ޝިކާރައަކަށްވި މިއުނާ ބުންޏެވެ.

"އަދިވެސް އެކަމަށް އިންސާފެއް ނުލިބޭ. އަދި މިހާރު މިހުރީ އެކަން މާޒީއަށް ދޫކޮށްލާވަރަށް ތައުލީމާއި ހިތްވަރު ލިބިފައި. އެކަމަކު މިހާރު އެކަމާއި ދެކޮޅަށް ތެދުވެ ތަފާތެއް ގެނުވިދާނެކަން ގަބޫލުކުރަން،"

ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓްކަމުން ނަން އަބުރާ ނެންގެވި މިއުނާ ހަސަން.

މި ސަރުކާރަށް ސަޕޯޓުކުރަން ފެށީ ހަމަހަމަކަމާއި އިންސާފުގެ ވައުދުތަކުގެ ސަބަބުންކަމަށް ބުނަމުން މިއުނާ ބުނީ މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެއްކަމަށެވެ. ކުރިން ދައްކަމުން އައި ވާހަކަ، މިހާރު އަމަލާއި ދިމާނުވާކަމަށް މިއުނާ ބުންޏެވެ.

"ކެންޑިޑޭޓްކަން ދޫކޮށްލަން ނިންމީ، އެ މަގާމަށް އެމްޑީޕީގެ ފަަރާތުން ކުރިމަތިލައިގެން ހޮވިއްޖެނަމަ، އަޅުގަނޑު، އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް އޮޅުވާލައި، ގަބޫލުކުރާ ކަންކަމާއި ދެކޮޅަށް، ދިއުޅިއެއްނުވާ ވާހަކަތަކެއް ވިއްކަން ޖެހޭނެތީ،" އެމްޑީޕީގެ ފަރާތުން ވާދަކުރަން ލަދުގަންނަކަމަށް ބުނަމުން މިއުނާ ކިޔައިދިނެވެ.

ކޮންމެ ސަރުކާރެއްގައިވެސް ކޮންމެވެސް ވަރަކަށް ކޮރަޕްޝަނާއި ނުފޫޒާއި ބާރު، މިފަދަ މައްސަލަތަކަށް އޮންނާނެކަމަށް މިއުނާ ގަބޫލުކުރެ އެވެ.

އެހެން ނަމަވެސް މި ސަރުކާރާއިމެދު އޭނާ ކުރީ އެޔަށްވުރެ ފޮނި އުންމީދުތަކެވެ. އަދި އެ އުންމީދުތައް މިއަދު ބިލާހަކަށް ވެއްޖެކަމަށް މިއުނާ ދެކެ އެވެ.

"އެކަމުގައި ފެއިލްވާ ހިސާބުން އަޅުގަނޑު ގަބޫލެއްނުކުރަން ސަރުކާރަށް ސަޕޯޓުކުރަން ޖެހޭކަމަށް. ބައެއް މީހުން ބުނޭ މިއީ ހަމައެކަނި އެމްޑީޕީގެ ސަރުކާރެއް ނޫނެއްނޫންހޭވެސް، އެކަމަކު އެމްޑީޕީއަކީ އަޢުލަބިއްޔަތު އޮންނަ މައި ޕާޓީ، މަޖިލީހުގައިވެސް،" މިއުނާ ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން މިއުނާ ބުނީ، ނަން އަނބުރާ ގެންދިޔުމަށްފަހު އެއްވެސް ހާލެއްގައި އެހެން ޕާޓީއަކާއި ގުޅެންވެސް އޭނާ ނުވިސްނާކަމަށެވެ.

ސަފާރީ ރޭޕް ކޭސްގެ ސަބަބުން ސަރުކާރަށް އަދި ފުލުހުންނަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ކޮވިޑް-19ގެ ހާލަތުގައި އިންސާފު ހޯދައިދިނުމަށް ގޮވާލާއި ޒުވާނުން މިވަނީ މަގުތަކަށް މުޒާހަރާއަށް ނުކުންނަން ފަށައިފަ އެވެ. ހެޔޮ ބަދަލަކަށް އެދިގެން ދިން ވޯޓު ބޭކާރުވެ، މި ސަރުކާރުގައި ހިމެނޭ ބަޔަކު ވެސް ގާނޫނަށް ވުރެ މަތީގައި ތިބޭކަމަށް ގިނަ ބަޔަކަށް މިވަނީ ގަބޫލުކުރެވިފަ އެވެ.

comment ކޮމެންޓް