މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރަން ތަޅުމުން ފާސްކޮށްފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.

އެ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭ ގޮތުން، އަހަރަކު އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަންވާނެ ކަމަށެވެ.

އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށެވެ.

ނަމަވެސް އެ ދެ މާއްދާ އިސްލާހުކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމާ ގުޅިގެން މަޖިލީހުގެ އާންމު ކޮމެޓީން ނިންމު ގޮތަށް މިއަދު ވަނީ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ތަޅުމުން ފާސްކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އިސްލާހުކޮށްފައި ވަނީ، މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންޖެހޭ ގޮތަށެވެ.

އެ މާއްދާގެ (ރ) އިސްލާހުކޮށްފައި ވަނީ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަން ވާނެ ކަމަށެވެ.

އެ ދެ އިސްލާހު ފާސްވެފައި ވަނީ މިއަދު މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުންނެވެ.

އެ ރިޕޯޓު މިއަދު ތަޅުމުން ފާސްކުރީ، މެމްބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ އަމީންއާންމަށް ހުށަހަޅާތާ ހަފްތާއެއްގެ ތެރޭގައި ބަޔާންތަކުގެ ކޮޕީ އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަން ޖެހޭ ގޮތަށް، ގަވައިދަށް އަކުރެއް އިތުރުކުރަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހާވެސް އެކުއެވެ.

އެހެންކަމުން މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހެޅަން ޖެހުނު ނަމަވެސް، މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރާކަށް ނުޖެހޭނެއެވެ.

comment ކޮމެންޓް