މަރު ކޮމިޝަން އޮތުމުގެ ބޭނުމެއް މިހާރު ނެތް، އުވާލަން ޖެހޭ: މީކާއީލް

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން ބުނާނަމަ، އެ ކޮމިޝަން އޮތުމުގެ ބޭނުން ވިސްނިވަޑައިނުގަންނަވާ ކަމަށާއި، މިހާރުން މިހާރަށް އެ ކޮމިޝަން އުވާލަންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މަރު ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކުގައި ހެކި ހޯދެން ނެތް ކަމަށާއި، މައްސަލަތައް އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް އެ ކޮމިޝަނުން އަންގާފައިވާކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން، މައްސަލަތައް ކުރިއަށް ގެންދާނެ ގޮތަކާމެދު، މެމްބަރުގެ ހިޔާލަށް އެދިވަޑައިގެން ނަޝީދު ވަނީ 30 މިނެޓުގެ ވަގުތުކޮޅެއް މެމްބަރުންނަށް އަރުވައިފަ އެވެ.

މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން މެމްބަރު މީކާއީލް ވިދާޅުވީ، ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުން، މަރު ކޮމިޝަނާ ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރެވެން ނެތް ކަމާއި މިހިނދުން މިހިނދަށް ކޮމިޝަން އުވާލަންޖެހޭކަން ހާވެގެން ގޮސްފައިވާ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަދީގެން ދޮޅު އަހަރެއް ދެ އަހަރެއް ވެގެންދާއިރު އެބޭފުޅުންނަށް ނަތީޖާއެއް ނުނެރެވޭ ކަމަށް ވަންޏާ، އަދި މިހާ ހާމަކަން ބޮޑުގޮތެއްގައި ނަތީޖާއެއް ނެރެވެން ނެތް ކަމަށް ހާމަކުރައްވަމުން ގެންދަވާ ކަމުގައި ވަންޏާ އަޅުގަނޑު ދެކޭގޮތުގައި އެ ކޮމިޝަން މިހާރު އޮތުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ މަރު ކޮމިޝަނަށް މެންޑޭޓެއް ހަވާލުކޮށް، ވަރަށް ކުރު މުއްދަތެއްގައި ކޮމިޝަނާ ގުޅޭ ގާނޫނެއް މަޖިލީހުން ފާސްކުރީ ފުލުހުންގެ ތަހުގީގަށް ރައްޔިތުން ވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިތުބާރު ނުކުރައްވާތީ ކަމަށެވެ.

"އެހެންވީމަ އެބޭފުޅުންނަށް ވަކި މެންޑޭޓެއް ނެތިގެން ފުލުހުންނާ ހަމައަށް މިކަންތައްތައް ގެންދަން ޖެހުންް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މީކާއީލް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ގައުމީ ސަލާމަތާ ގުޅޭ ކޮމިޓީގެ ދަށުން، މައްސަލަތައް ތަހުގީގު ކުރެވި، މައްސަލަތަކާ ގުޅޭ ރިޕޯޓެއް ރައްޔިތުންނަށް ހާމަވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ވރަ ވއެކަމަށް ގާނޫނުއަސާސީ ތަންނުދޭ ނަމަ، ގާނޫނު އަސާސީ އިސްލާހުކޮށްގެން ނުވަތަ ސަންސެޓު ގާނޫނެއް ވުޖޫދުކޮށްގެން ނުވަތަ އާ ތަހުގީގީ އިދާރާއެއް ވުޖޫދުކޮށްގެން ވިޔަސް، މަރުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާނެ ގޮތަކަށް މަޖިލީހުން މަސައްކަތް ކުރަން މީކާއީލް އެދިވަޑައިގަތެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވިދާޅުވީ މިހާރު ހޯދިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މަޖިލީހުގެ ކަމާބެހޭ ކޮމިޓިން މައްސަލަތައް ތަހުގީގުކޮށް، މިކަމުގައި މަޖިލީހަށް ފެންނަ ގޮތެއް ހާމަކުރަން ޖެހޭ ކަމަށެވެ.

މެމްބަރުންގެ ވާހަކަތަކަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލީހުން އެ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން، މެމްބަރުންނާއި ދިވެހި ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"ނޭދޭ ކަމަކީ މިކަން ނުވިކަމަށް ބަލާއި މިކަން ހުއްޓަލުން. އެއީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ކުރާނެ ކަމެއް ނޫން. މިއަށް އަޅުގަނޑުމެން ގޮތެއް ހޯދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ތިބި ބަޔަކު ތަހުގީގަށް ހުރަސްއަޅަމުން އަންނަކަން މަރު ކޮމިޝަންގެ ހުރިހާ ރިޕޯޓަކުން އެނގެން އޮތް ނަމަވެސް، އަދިވެސް އެ ފުލުހުން ތަހުގީގުތަކުން ދުރަށް ނުދާ ކަމަށެވެ.

"ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އަޅުގަނޑުމެން ތަކުރާރުކޮށް އެވާހަކަ ދައްކައިފީމު. އެމަގުން ވެސް އެކަމެއް ނުވި. އެހެން ނަމަވެސް ހަނދުމަފުޅުކޮށް ބަހައްޓަވާތި ރާއްޖޭގެ ހުރިހާ މުއައްސަސާތަކުން ވެސް، މާތް ރަސްކަލާނގެ އަމުރާ އިރާދަފުޅުން، މި މަޖިލީހުގެ ވަޅީގައި ތުނޑު އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމުގައި ގޮތެއް ނިންމާދޭނަން،" ނަޝީދު ވިދާޅުވި އެވެ.

މަރު ކޮމިޝަނުގެ ތަހުގީގުތައް ކުރިއަށް ގެންދެވެން ނެތް ކަމަށް ނަޝީދު މިއަދު ވިދާޅުވި ވާހަކަ އެ ކޮމިޝަނުން ވަނީ ދޮގުކޮށްފައެވެ. މަރު ކޮމިޝަނުން ބުނީ އެއްވެސް މައްސަލައެއްގެ ތަހުގީގު ހުއްޓާލާފައި ނުވާނެ ކަމަށާއި، ހުރިހާ މައްސަލައެއް ވެސް ކުރިއަށްދާ ކަމަށެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ.

comment ކޮމެންޓް