މައްސަލަތަކުގެ ތަހުގީގު ހުއްޓައެއް ނުލަން ދަނީ ކުރިއަށް: މަރު ކޮމިޝަން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގައި އިތުރަށް ހެކި ހޯދެން ނެތް ކަަމަށާއި، ދެން މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޮމިޝަނުން ބުނެފައިިވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ތަހުގީގުތައް އިިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޮމިޝަނުން ބުނާ ކަމަށާއި، އެހެން ނަމަވެސް އެކަމުގެ ސަބަބުތައް އިތުރަށް ސާފުވާނީ ރިޕޯޓު ލިބުމުން ކަމަށެވެ.

ނަޝީދުގެ ވާހަކަތަކާ ގުޅިގެން މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް އަންގާފައި ނުވާނެ ކަމަށެވެ.

ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުން އެންގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު، އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ މަޖިލީހަށް އަންގާފައިވާނެ ކަމަށެވެ.

"ނަމަވެސް ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ދަންނަވާފައި ނުވާނެއެވެ. އަދި މި ފުރުސަތުގައި ކޮމިޝަންގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދު ވިދާޅުވީ ތަހުގީގަށް ހެކި ހޯދަން ހުރަސް އެޅުނީ، އެ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުވުމުން ކަމަށް ކޮމިޝަނުން ބުނެފައިިވާ ކަމަށެވެ.

"މީ އަޅުގަނޑު ދެކޭގޮތުގައި މުއުޖިޒާތެއް ބާވަތުގެ ކަމެއް. އަޅުގަނޑު ދަންނަ ގައުމުތަކުގައި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއެއް ހެދުމާ އަދި އޭގެ ކަންކަން ހާމަކުރުމާ ޖިނާއީ ތަހުގީހާ އަދި ޖިނާއީ ދައުވާ އުފުލުމާ ގުޅުމެއް ނުހުރެ،" ނަޝީދު ވިދާޅުވި އެވެ.

މަރު ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި ލިބިފައިވާ ހެކިތަކަށް ބަލައި، މައްސަލަތަކުގައި ތުހުމަތުވާ މީހުންނަށް ދައުވާ ނުކުރި ސަބަބާ ގުޅޭގޮތުން ނަޝީދު މިއަދު ވެސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ދައުވާ ކުރަން އުޅެނީ ހަމައެކަނި "ވަޅި ޖެހި" މީހުންނަށެވެ. ނުވަތަ މަރުުތަކުގައި އަމަލީގޮތުން ބައިވެރިިވި މީހުންނަށެވެ. އެހެން ނަމަވެސް އެކަންކަން ރާވައި، ފަންޑުކޮށްދީ، ކުށްތައް ސިއްރުކުރި މީހުންނާ މެދު ކޮމިޝަނަށް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރިއަށް ގެންދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ.

އެ ތިން މަރުގެެ ވެސް މުގުލުގައި ތިބީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދު ކަމަށް މަރުކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން ކޮމިޝަނުން ޕީޖީ އަށް ފޮނުވި ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށެވެ.

ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއިން އެނގުނު ގޮތުގައި، ޖޫން، 2014ގައި އަލްގައިދާގެ ވެރިޔާ، އަބޫބަކުރު އަލް ބަގުދާދީ، އިސްލާމިކް ސްޓޭޓް އުފެއްދުމާ ގުޅިގެން ރާއްޖޭގެ އަލްގައިދާގެ ލީޑާޝީޕް ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އެއީ އަބޫބަކުރު އަލް ބަގުދާދީގެ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފި ބަޔަކާއި ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓަށް ނިސްބަތްވާ އަލްގައިދާގެ ޖަމާއަތަށް ބައިއަތު ހިފި ބައެކެވެ.

ރިލްވާންގެ މަރުގެ ރިޕޯޓު ނެރުމަށް ފަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައި މަޒީދު ދިރިއުޅޭ ގާކޮށި ފްލެޓުވެސް ބަލައި ފާސްކުރި އެވެ. އެކަމަކު، ސާމިތު ދިރިއުޅޭގެ ބަލާ ފާސްކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ރިލްވާން މަރުގެ މައްސަލާގައި މީގެކުރިން ވަނީ ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އެ ދައުވާ ސާބިތެއް ނުވެ އެވެ.

comment ކޮމެންޓް