ބޮޑެތި މަރުތަކުގެ އަޑި ނުހޯދުނު، މަރު ކޮމިޝަނުން ބުނަނީ ދެން ނުވާނޭ

15 ޖޫން 2020: މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގައި އިތުރަށް ހެކި ހޯދެން ނެތް ކަަމަށާއި، ދެން މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ތަހުގީގުތައް އިިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޮމިޝަނުން ބުނާ ސަބަބުތައް އިތުރަށް ސާފުވާނީ، ކޮމިޝަންގެ ރިޕޯޓު ލިބުމުން ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މަޖިލީހަށް މިހާރު ސިޓީ ލިޔުއްވާފައި އެބަ އޮތް އެބޭފުޅުންނަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ތަހުގީގަށް ހެކި ހޯދަން ހުރަސް އެޅުނީ، އެ ކޮމިޝަންގެ ތަހުގީގު ރިޕޯޓު އާންމުވުމުން ކަމަށް ކޮމިޝަނުން ބުނެފައިިވާ ކަމަށެވެ.

"މީ އަޅުގަނޑު ދެކޭގޮތުގައި މުއުޖިޒާތެއް ބާވަތުގެ ކަމެއް. އަޅުގަނޑު ދަންނަ ގައުމުތަކުގައި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއެއް ހެދުމާ އަދި އޭގެ ކަންކަން ހާމަކުރުމާ ޖިނާއީ ތަހުގީހާ އަދި ޖިނާއީ ދައުވާ އުފުލުމާ ގުޅުމެއް ނުހުރެ،" ނަޝީދު ވިދާޅުވި އެވެ.

މަރު ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި ލިބިފައިވާ ހެކިތަކަށް ބަލައި، މައްސަލަތަކުގައި ތުހުމަތުވާ މީހުންނަށް ދައުވާ ނުކުރި ސަބަބާ ގުޅޭގޮތުން ނަޝީދު މިއަދު ވެސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ދައުވާ ކުރަން އުޅެނީ ހަމައެކަނި "ވަޅި ޖެހި" މީހުންނަށެވެ. ނުވަތަ މަރުުތަކުގައި އަމަލީގޮތުން ބައިވެރިިވި މީހުންނަށެވެ. އެހެން ނަމަވެސް އެކަންކަން ރާވައި، ފަންޑުކޮށްދީ، ކުށްތައް ސިއްރުކުރި މީހުންނާ މެދު ކޮމިޝަނަށް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރިއަށް ގެންދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރަށް އެބަ އިވޭ ތަހުގީގެއް ހިންގާތާ އަހަރު ދެ އަހަރު ވީމާ، އެކަމާ ގުޅޭ ފަރާތްތަކަށް ހެކި ފޮރުވާފާ ބެހެއްޓުން އެއީ އެމީހުންގެ އަމިއްލަ ޒަމީރަށް ބުރައަކަށް ވާތީވެ ހެކި އެބަ ނެރޭ. ދެ އަހަރު ވާފަހުން. ތަހުގީގެއް ހިނގަމުންދެޔޭ ބުނާތާ،" ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ.

އެ ތިން މަރުގެެ ވެސް މުގުލުގައި ތިބީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދު ކަމަށް މަރުކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން ކޮމިޝަނުން ޕީޖީ އަށް ފޮނުވި ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށެވެ.

ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއިން އެނގުނު ގޮތުގައި، ޖޫން، 2014ގައި އަލްގައިދާގެ ވެރިޔާ، އަބޫބަކުރު އަލް ބަގުދާދީ، އިސްލާމިކް ސްޓޭޓް އުފެއްދުމާ ގުޅިގެން ރާއްޖޭގެ އަލްގައިދާގެ ލީޑާޝީޕް ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އެއީ އަބޫބަކުރު އަލް ބަގުދާދީގެ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފި ބަޔަކާއި ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓަށް ނިސްބަތްވާ އަލްގައިދާގެ ޖަމާއަތަށް ބައިއަތު ހިފި ބައެކެވެ.

ރިލްވާންގެ މަރުގެ ރިޕޯޓު ނެރުމަށް ފަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައި މަޒީދު ދިރިއުޅޭ ގާކޮށި ފްލެޓުވެސް ބަލައި ފާސްކުރި އެވެ. އެކަމަކު، ސާމިތު ދިރިއުޅޭގެ ބަލާ ފާސްކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ރިލްވާން މަރުގެ މައްސަލާގައި މީގެކުރިން ވަނީ ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އެ ދައުވާ ސާބިތެއް ނުވެ އެވެ.

ރިލްވާން އާއި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި މަރުކޮމިޝަނުން އެކުލަވާލި ޑްރާފްޓް ރިޕޯޓުގެ ކޮޕީއެއް ރައީސް ނަޝީދަށް އެރުވުމުން، ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕާލަމެޓްރީ ގްރޫޕުތަކުގެ ލީޑަރުންނަށް އޭގެ ކޮޕީއެއް އަރުވައިފަ އެވެ. އަދި މަޖިލީހުން ވަނީ އެ ރިޕޯޓު އާންމުވެސް ކޮށްފަ އެވެ.

comment ކޮމެންޓް