މަޖިލިސް ދޮށުގައި "މަޖިލިސް ހޭލައްވާ" ފެށުމާ އެކު ދުރަށް ޖައްސައިފި

ނަވާނަވައިން މަޖިލިސް ކުރިމަތީގައި ކުރިއަށް ގެންދާ މުޒާހަރާ: މުޒާހަރާ ފެށުމާއެކު، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސާފައި -- ފޮޓޯ/ ނަވާނަވައި

ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި މިއަދު ކުރިއަށް ގެންދާ "މަޖިލިސް ހޭލައްވާ" މުޒާހަރާ ފެށުމާއެކު، މުޒާހަރާގެ ބައިިވެރިން ދުރަށް ޖައްސައިފި އެވެ.

ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައިއިން ބުނީ މުޒާހަރާގައި މައިގަނޑު ގޮތެއްގައި އިހުތިޖާޖު ކުރާނީ ހަތަރު ކަމަކަށް ގޮވާލައި ކަމަށެވެ.

އެއީ ކުލި ނުދެއްކިގެން އާއިލާތައް މަގުމަތި ކުރުން ހުއްޓުވުމަށާއި، ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށާއި، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި، އިންކަމް ސަޕޯޓު އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުން އަވަސް ކުރުމަށެވެ.

މިއަދު 8:30 ހާއިރުން ފެށިގެން މަޖިލިސް ކުރިމައްޗަށް ބެނާތަކާ، ޕޯސްޓަރުތަކާ އެކު މާސްކް އަޅައިގެެން ޒުވާނުން އަންނަނީ އެއްވަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން އަންނަނީ ބޯޑު ހިފައިގެން ޝުއޫރު ފާޅުކުރަމުންނެވެ.

ނަމަވެސް މުޒާހަރާ ފެށުމާއެކު އެ ސަރަހައްދުގައި ތިބި ފުލުހުން އަންނަނީ މުޒާހަރާގެ ބައިިވެރިން ފަހަތަށް ޖައްސަމުންނެވެ. ނަވާނަވައިން މިހާރު އަޑުއުފުލަމުން އަންނަނީ ހޮޓެލް ޖެން ކައިރީގައި ތިބެގެންނެވެ.

ނަވާނަވައިން ބުނަމުން އަންނަނީ ހިޔާލުފާޅުކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިިވާ ހައްގެއް ކަމަށާއި، އެކަމަށް ކަމާބެހޭ ފަރާތްތަކުން އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ.

ނަވާނަވައިން މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރަން ތައްޔާރުވެ އެކަން އިއުލާނުކުރުމާއެކު، ފުލުހުން ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރު އިއުލާން ކޮށްފައި ވާތީ، އިހުތިޖާޖުތަކާއި އެހެން ވެސް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ.

އަދި އާންމު ސިއްހަތުގެ ކުއްލި ހާލަތުގެ މި ދަނޑިވަޅުގައި، ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައިވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށާއި އެގޮތަށް ބާއްވާ އެއްވުންތަކަކީ ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފައިވާ އެންގެވުމާ ހިލާފަށް ބާއްވާ އެއްވުމެއްކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް