ތުހުމަތެއްގެ މައްޗަށް ބިނާކޮށް 3 ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީ ޖަވާބުދާރީވާންޖެހޭނެ: ކުޑޫ

2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން --

ހަމައެކަނި ކުރެވުނު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ސާބިތުނުކުރެވޭ ހާލަތެއްގައި ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު މަގާމުން ވަކިކޮށް އަބުރު ކަތިލާފައިވާތީ، އެކަމުގެ ފުރިހަމަ ޒިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުފުލައި، އެ ކޮމިޝަން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

މެންބަރު ކުޑޫ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުން ވަޒީފާއިން ވަކިކޮށްފައި ވަނީ އެ ފަރާތްތަކާ ދެކޮޅަށް ކުރެވުނު ތުހުމަތުތައް އެކަށީގެންވާ ގޮތެއްގައި ސާބިތުކޮށްދެވިފައި ނުވާ ހާލަތެއްގައި ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެ ބޭފުޅުންގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް ފިޔަވަޅު އަޅައި ވަކިކޮށްފައިވާތީ މި މައްސަލައިގެ ފުރިހަމަ ޒިންމާ ޖޭއެސްސީން ނަގަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، އެ ކޯޓުގެ ބެންޗުގައި އޭރު ހިމެނިވަޑައިގެންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ފެބުރުވަރީ 26 ގައެވެ.

އެ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލުމަށާއި ފަނޑިޔާރުން ވަކިކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ކުޑަތަންވެފައި ވަނިކޮށެވެ.

https://sun.mv/228786

އެ ދުވަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސިސްޓަމަށް މައްސަލައެއް ދިމާވެގެން ރޯލްކޯލް ވޯޓަކުން ވަނީ ފާސްކޮށްފައެވެ. ސަސްޕެންޝަނާ ގުޅިގެން ފަނޑިޔާރު ސުއޫދު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، މަޖިލީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ޑރ. އަޒްމިރާލްދާއާއި މަހާޒު މަގާމުން ވަކިކޮށްފައެވެ.

ހަމައެއާއެކު ފަނޑިޔާރު ޑރ. އަޒްމިރާލްދާ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ވަކިކުރި ނަމަވެސް، ފުލުހުން ބެލި އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވިދާނެ ފަދަ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ނިންމައި ދެ ބޭފުޅުންގެ މައްސަލަ ފައިލްކޮށްފައިވާކަން ފުލުހުން ވަނީ އިއްޔެ އަންގައިފައެވެ.

އެކަމާ ގުޅިގެން އަޒްމިރާލްދާގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ، މައްސަލަ ފައިލްކުރުމުން އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

https://sun.mv/228781

މިކަމާ ގުޅީގެން މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް މި ސަރުކާރުގައި ވަކިކުރި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލަ ފައިލްކުރުމުން، އެ ތުހުމަތުތައް ކުރީ ބަޔަކު ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަންކަން ސާބިތުވެފައިވާ ކަމަށް މަހާޒު ވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

comment ކޮމެންޓް