ވެނަޒުއޭލާގެ އިދިކޮޅު ދެ ޕާޓީއެއްގެ ލީޑަރުން މަގާމުން ވަކިކޮށްފި

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން 2017 ވަނަ އަހަރު އެގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެއްކޮށް -- ފޮޓޯ: އޭޕީ

ކަރާކަސް (ޖޫން 18): ވެނަޒުއޭލާގެ ސުޕްރީމް ކޯޓުން އެގައުމުގެ އިދިކޮޅު ދެ ޕާޓީއެއްގެ ލީޑަރުން މަގާމުން ވަކިކޮށްފި އެވެ.

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް ވަފާތެރިވާ ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ އެގައުމުގެ ޖަސްޓިސް ފަސްޓް ޕާޓީ އާއި ޑިމޮކްރެޓިކް އެކްޝަން ޕާޓީގެ ލީޑަރުން މަގާމުން ވަކިކުރާށެވެ. އަދި މީގެ ކުރިން އެ ދެ ޕާޓީން ވަކިކޮށްފައިވާ ދެ މެމްބަރަކު އެ މަގާމުތަކަށް އައްޔަން ކުރާށެވެ.

އެގޮތުން ޖަސްޓިސް ފަސްޓް ޕާޓީއަށް އައްޔަން ކޮށްފައިވާ ލީޑަރަކީ ހޯސޭ ބުރީތޯ އެވެ. އޭނާ އަކީ މިދިޔަ އަހަރު ކޮރަޕްޝަނުގެ ތުހުމަތުގައި ޕާޓީން ވަކިކޮށްފައިވާ މީހެކެވެ. އަދި ޑިމޮކްރެޓިކް އެކަޝަން ޕާޓީގެ ލީޑަރަކަށް ހަމަޖައްސާފައި ވަނީ ބަރުނަބީ ގުޓިއެރޭޒް އެވެ. އޭނާއަކީ ރައީސް މަޑޫރޯއަށް ވާގިވެރިވުމުގެ ތުހުމަތުގައި މީގެ ކުރިން އެ ޕާޓީން ވަކި ކުރި މީހެކެވެ.

ސުޕްރީމް ކޯޓުން އެފަދައިން ނިންމީ އެކޯޓުން މިދިޔަ ހަފްތާ ތެރޭގައި އެގައުމުގެ އިންތިހާބުތަކާ ބެހޭ މަޖިލީހަށް އާ މެމްބަރުން އައްޔަން ކުރުމަށްފަހުގަ އެވެ. އެ މަޖިލީހަށް މެމްބަރުން ހޮވުމުގެ ބާރު ދީފައި އޮންނަނީ ގާނޫނު ހަދާ މަޖިލީހަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ގާނޫނު ހަދާ މަޖިލީހަށް އެ ޒިންމާ އަދާ ނުކުރެވުނު ކަމަށް ބުނެ، އިލެކްޓޯރަލް ކައުންސިލަށް ފަސް މެމްބަރުން އައްޔަންކޮށްފަ އެވެ.

ވެނަޒުއޭލާގައި މި އަހަރު ޕާލިމެންޓު އިންތިހާބު ބާއްވަން ހަމަޖެހިފައިވާ އިރު، އެގައުމުގެ ސުޕްރީމް ކޯޓުން އެބަދަލުތައް ގެންނަނީ ރައީސް މަޑޫރޯއަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ހަދަން ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ އިންތިހާބު ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވެ އެވެ.

ވެނަޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު އޮތީ އިދިކޮޅަށެވެ. އަދި އެ މަޖިލީހުގެ ރައީސް ހުއަން ގުއައިޑޯ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލީ ކަމަށާއި މަޑޫރޯ ދެވަނަ ދައުރަކަށް ވެރިކަން ކުރައްވަނީ ނުހައްގުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުގެ އަސްލު ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފަ އެވެ.

ގުއައިޑޯއަކީ ވެނަޒުއޭލާގެ ރައީސް ކަމަށް މިހާތަނަށް 50އަށް ވުރެ ގިނަ ގައުމަކުން ބަލައިގަނެފައިވާ އިރު އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި ލެޓިން އެމެރިކާ އާއި އީޔޫގެ ގިނަ ގައުމުތައް ހިމެނެ އެވެ.

މަޑޫރޯގެ ވެރިކަމުގައި ވެނަޒުއޭލާގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ފެނާއި ކަރަންޓާއި ސިއްހީ ހިދުމަތުގެ ފެންވަރު ވަނީ ދަށްވެފަ އެވެ. އަދި ބޭހާއި ކާބޯތަކެތި ލިބުމަށް ދަތިވުމާ ގުޅިގެން 2015އިގެ ފަހުން އެގައުމުން ހަތަރު މިލިއަން މީހުން ވަނީ ގައުމު ދޫކޮށް ހިޖުރަކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ މާޗް މަހު އެގައުމުން ކޮރޯނާވައިރަސް ފެނި، މިހާތަނަށް 3،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 28 މީހަކު މަރުވެފައިވާ ކަމަށް އެގައުމުން ބުންޏެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ އެގައުމުގެ އަސްލު އަދަދުތައް އެއަށް ވުރެ އިތުރު ވާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް