ވެނަޒުއޭލާގެ ޕާލިމެންޓު އިންތިހާބު މަޑޫރޯގެ އެލަޔަންސުން ކާމިޔާބުކޮށްފި

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ -- ފޮޓޯ: ރޮއިޓާސް

ކަރާކަސް (ޑިސެމްބަރު 7): ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ އެލަޔަންސުން އެގައުމުގައި އިއްޔެ ބޭއްވި ޕާލިމެންޓަރީ އިންތިހާބު ކާމިޔާބުކޮށްފި އެވެ.

ވެނަޒުއޭލާގެ ނެޝަނަލް އިލެކްޓޯރަލް ކައުންސިލުން ބުނި އެ އިންތިހާބުން މަޑޫރޯގެ ޔުނައިޓެޑް ސޯޝަލިސްޓް ޕާޓީ އާއި އެ ޕާޓީގެ އެލަޔަންސުން ވަނީ ޕާލިމެންޓުގެ 67 ޕަސެންޓު ގޮނޑި ކާމިޔާބުކޮށްފަ އެވެ. ނަމަވެސް އެ އިންތިހާބުގައި ބައިވެެރިވީ ވޯޓު ލާން ރެޖިސްޓާ ކުރި 20 މިލިއަން މީހުންގެ ތެރެއިން އެންމެ 31 ޕަސެންޓު މީހުންނެވެ.

"ވެނެޒުއޭލާގެ ރައްޔިތުންގެ އަގުލަބިއްޔަތުން އަޅުގަނޑުމެން ވަނީ ޕާލިމެންޓު ކާމިޔާބުކޮށްފަ. މިއީ ޝައްކެއް ނެތް ގޮތުގައި ޑިމޮކްރަސީއަށް ވަރަށް ބޮޑު ކާމިޔާބީއެއް،" މަޑޫރޯ ވިދާޅުވި އެވެ.

ވެނަޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު މިހާރު އޮތީ އިދިކޮޅަށެވެ. އަދި އެ މަޖިލީހުގެ ރައީސް ހުއަން ގުއައިޑޯ ވަނީ 2018 ވަނަ އަހަރު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުން މަޑޫރޯ ކުރި ހޯއްދެވީ ވޯޓު އޮޅުވާލައިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުގެ އަސްލު ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފަ އެވެ.

ގުއައިޑޯ އާއި އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އިއްޔެގެ އިންތިހާބަކީ ސައްހަ ނޫން އިންތިހާބެއް ކަމަށް ބުނެ ވޯޓު ބޯއިކޮޓްކޮށްފަ އެވެ. އަދި މަޑޫރޯގެ ވެރިކަމާއި އާ ރިޔާސީ އިންތިހާބެއް ބޭއްވުމާ ބެހޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް މިއަދު ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ތައްޔާރުވެފަ އެވެ.

ގުއައިޑޯއަކީ ވެނަޒުއޭލާގެ ރައީސް ކަމަށް 50އަށް ވުރެ ގިނަ ގައުމަކުން ވަނީ ބަލައިގަނެފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި ލެޓިން އެމެރިކާ އާއި އީޔޫގެ ގިނަ ގައުމުތައް ހިމެނެ އެވެ.

މަޑޫރޯގެ ވެރިކަމުގައި ވެނަޒުއޭލާގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ފެނާއި ކަރަންޓާއި ސިއްހީ ހިދުމަތުގެ ފެންވަރު ވަނީ ދަށްވެފަ އެވެ. އަދި ބޭހާއި ކާބޯތަކެތި ލިބުމަށް ދަތިވުމާ ގުޅިގެން 2015އިގެ ފަހުން އެގައުމުން ފަސް މިލިއަން މީހުން ވަނީ ގައުމު ދޫކޮށް ހިޖުރަކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ މާޗް މަހު އެގައުމުގައި ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން 104،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލީގައި 916 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް