އޯގަސްޓް މަހާ ހަމައަށް، ވެމްކޯއިން ކުނި ނަގާނީ އިމާރާތުގެ ތިރިން

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގެ ފުރަބަންދަށް މާދަމާއިން ފެށިގެން ލުއި ދޭން ނިންމާފައި ވީނަމަވެސް، އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވެސް ވެމްކޯއިން ކުނި ނަގަމުންދާނީ، މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް، އިމާރާތްތަކުގެ ގްރައުންޑް ފްލޯއިން ކަމަށް އެ ކޯޕަރޭޝަން އިން ބުނެފިއެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދު ބަންދުކުރުމަށް އެޗްޕީއޭ އިން 15 އޭޕްރިލް ވަނަ ދުވަހު ނިންމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވެމްކޯއިން ވަނީ ގޭބީސީ ތަކުން އުފެދޭ ކުނި ނެގުމުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ފާއިތުވި ހަފްތާތަކުގައި، ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު ގެނެސް، ކުނި ނަގަމުން ދިޔައީ ހަމައެކަނި އިމާރާތްތަކުގެ އެންމެ ތިރިންނެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު، ސަރުކާރުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމުމާއި ގުޅިގެން، އެ ކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން އޯގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، ފުރަމާލެ ސަރަހައްދުގައިވާ ހުރިހާ ގޭބީސީތަކެއްގެ
ދުވަހު ކުނި ކުރިން އާންމުކުރެވިފައިވާ އުސޫލުގެ ދަށުން ނަގަމުން ގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.

ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ އިމާރާތުގެ ތިރިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައިވަނީ، މިހާރެކޭ ވެސް އެއްފަދައިން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާދެމެދު ކަމަށް ވެސް ބަޔާނުގައިވެއެވެ.

އަދި، ވެމްކޯގެ މުއައްޒަފުންނަށް އިމާރާތަށް ވަދެނިކުމެވޭނެ އިންތިޒާމު، ދުރާލާ ހަމަޖެއްސުމަށް ވަނީ އެދިފައެވެ.

"މިދެންނެވުނު މުއްދަތުގައި، މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް އިމާރާތުގެ ވަކިވަކި ފަންގިފިލާތަކަށް
ނާރާނެ ވާހަކަ ފާހަގަކުރަމެވެ." އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން މޮނިޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގަމުންދާނީ އެޗްޕީއޭގެ އިރުޝާދުގެ މަތިން އެ ކޯޕަރޭޝަންގެ ހާއްސަ ޓާސްކް ފޯހުންނެވެ.

ވެމްކޯއިން ބުނީ ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މިހާލަތުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެ ކޯޕަރޭޝަނުން އާންމުކޮށްފައިިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

comment ކޮމެންޓް