އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން 31 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ރީތިކޮށް ބޭއްވުމަށްޓަކައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ ބައެއް މަގުތަކާއި، ޕާކުތައް ސާފުކޮށް، މަގުމައްޗަށް ކުނި އަޅާ މީހުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން މާލޭގެ މަގުތައްމަތިން އިއްޔެ 31 ޓަނުގެ ކުނި ނެގިއިރު، އެއީ:
- 350 ކިލޯގެ 20 ޕިކަޕުގެ ކުނި
- 1.5 ޓަނުގެ 6 ޕިކަޕުގެ ކުނި
- 2 ޓަނުގެ 3 ޕިކަޕުގެ ކުނި
- 3 ޓަނުގެ 3 ޕިކަޕުގެ ކުނި
މާލެތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ މާލެ ސިޓީ ކައުންސިލުން ވަނީ މަގުމަތީ ކުނި ބެހެއްޓުމުގެ އިތުރުން ޤަވާއިދާ ހިލާފަށް މަގުމަތީ މުދާ ބަހައްޓައިގެން ވިޔަފާރި ކުރާތީ ، 18 މީހަކު ޖޫރިމާނާ ވެސްކޮށްފައެވެ.
ރޯދައަށް ގޭ ސާފުކުރުމަށް ފަހު އުކާލާ ކުނި މަގުމަތީގައި ބަހައްޓާ މައްސަލަ މި ފަހުން ވަނީ ވަރަށް ބޮޑުވެފައެވެ.
މާލެ ސިޓީ ރީތިކޮށް ބޭއްވުމަށް ޓަކައި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވަނީ މާލޭގެ މަގުމައްޗަށް ކުނިއަޅާ މީހުން ސީސީޓީވީގެ އެހީގައި ހޯދައި ޖޫރިމަނާކުރަން ވެސް ފަށާފައެވެ. އެގޮތުން، ނުގަވާއިދުން ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
ރޯދަ މަހާ ގާތްކޮށް ގެތައް ސާފުކުރުމަށް ފަހު، ބާ ސޯފާތަކާ، ގޭސް އުނދުނުން ފެށިގެން ތެލިތަށި ވެސް އުކައިލަން ނެރެ މަގުމަތީ ބަހައްޓާފައިވަނިކޮށް، ހަރުކަށި އުސޫލުތަކަކާ އެކު މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް ސާފުކުުރުމުގެ މަސައްކަތް ފަށާފައެވެ.