ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މިއަދު ހެދުނުގެ ވަގުތެއްގައިި މީހަކު މަގުމަތިން ދިމާކޮށްލައި، ފުރައްސާރަކުރި ކުރުން، ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފިއެވެ.
ޑރ. ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ރިޕޯޓުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޕޭޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންނަކީ ޒަމާނުންސުރެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އިސްކޮށް ދަތި އުނދަގޫ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް އެހީތެރިވެދޭ ބައެއް ކަމަށާއި، މަދުބައެއްގެ ފަރާތުން ފެންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެއްގޮތަކަށް ޗެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ގާނޫނުއަސާސީން ދިވެހި ރައްޔިތުންްނަށް ލިބިދީފައިިވާ ހައްގެއް، އަދި މިނިވަންކަމެއް އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން ނިގުޅައިގަތުމަކީ ގާނޫނީ ކުށެއް ކަމަށާއި އެހެންކަމުންް މިފަދަ އަމަލެއް އެއްވެސް މީހަކު ކޮށްފިނަމަ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަން އެ ޕާޓީން ވަނީ ގޮވާލައިިފައެވެ.
"އެފަދަ ނޭއްގާނީ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ގާނޫނުއަސާސީ ނަގަހައްޓާ، ދަމަހައްޓާ އާންމު މަސްލަހަތުތައް ހިމާޔަތްކޮށް އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." އެ ޕާޓީގެ ބަޔާނުގައިވެއެވެ.
ރައީސް ވަހީދާއި އަނބިކަނބަލުންނަށް ފުރައްސާރަކުރުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފޯނުން ގުޅުވައި، ދެމަފިރިކަނބަލުންގެ ހާލުބައްލަވައިފައެވެ.
އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ އެކަން ކުށްވެރިކުރައްވައިފައެވެ.