މައްސަލަ ބޮޑުވެ، ޖީހާން އަށް ގަމުން ލިބުނު ގޯތި ދޫކޮށްލައިފި

މެމްބަރު ޖީހާން މަހްމޫދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ލ. ގަމުން ގޯއްޗެއް ލިބުނު ގޮތާމެދު ސުވާލު އުފެއްދުމުން، ލިބުނު ގޯތި ދޫކޮށްލައްވައިފިއެވެ.

ޖީހާނަށް ގަމުން ގޯތި ލިބުނު ގޮތާމެދު ސުވާލު އުފެދުނީ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލިއިރު، ގައުމުގައި ދިރިއުޅޭ މީހުންނާ ޕޮއިންޓް ދޭ ބައިން ޖީހާނަށް 10 ޕޮއިންޓް ލިބިވަޑައިގެންފައިވާތީއެވެ.

ޖީހާނަށް ގަމުން ގޯއްޗެއް ލިބިވަޑައިގެންނެވި އިރު، ޖީހާންގެ ފިރިކަލުންނަކީ ގަމު ރަށްވެއްސެކެވެ. އަދި ދެމަފިރިންްގެ ދެކުދިންގެ ރަޖިސްޓްރީ ވެސް އޮތީ ގަމުގައެވެ.

ލ. ގަމު ކައުންސިލުން ގޯތި ލިބޭ މީހުންގެ ލިސްޓުގެ ގޮތުގައި އާންމުކުރި ލިސްޓުގައި ވަނީ ގޯތި ލިބޭ 400 މީހަކާއި، އޭގެ ތެރެއިން މީހަކު އުނިކުރާ ހާލަތެއްގައި މީހަކު ނެގުމަށްޓަކައި އެކުލަވާލާފައިވާ 49 މީހުންގެ ރިޒާވް ލިސްޓެކެވެ.

މި މައްސަލައާ ގުޅިގެން ޖީހާން މިއަދު "ސަން" އަށް ވިދާޅުވީ ގޯއްޗަށް ކުރިމަަތިލީ، ދެ ކުދިންގެ މުސްތަގުބަލަށް ވިސްނައި، އެ ދެ ކުދީންނަށް އަމިއްލަ ބިމެއް ހޯދައިދެއްވުމުގެ މަގުސަދުގައި ކަމަށެވެ.

"އަޅުގަނޑަކީ މާލޭގަވެސް އަޅުގަނޑުގެ އުފަން ރަށް ޅ. ހިންނަވަރުގައި ވެސް ގޯއްޗެއް އޮތް މީހެއް ނޫން. ވަރަށް މަދު ރަށްތަކުން ރަށުން ބޭރު މީހުންނަށް ގޯތި ދޫކުރަން ހުޅުވާލަނީވެސް. މިފަހަރު ކަންދިމާކުރި ގޮތުން ފުރުސަތު ހުޅުވާލީ އަޅުގަނޑުގެ ފިރިމީހާއާއި ކުދިންގެ ރަށުން. އެހެންވެ ފޯމު ހުށަހެޅީ،" ޖީހާން ވިދާޅުވިއެވެ.

ޖީހާންއަށް ލިބިފައިވަނީ 71 ޕޮއިންޓެވެ. ގަމުގައި ދިރިއުޅޭ ކަމަށް ލިބޭ 10 ޕޮއިންޓް އުނިކުރުމުން ލިބިވަޑައިގަންނަވާނީ 61 ޕޮއިންޓެވެ.

ޖީހާން ވިދާޅުވީ ފޯމު ހުށަހެޅުއްވި އިރުވެސް، ގޯއްޗަށް ޝަރުތު ހަމަވާ ވަރަށް ޕޮއިންޓް ލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކައިވެނީގެ ބައިންނާއި، ދަރިންގެ ބައިންނާއި، މަތީ ތައުލީމުގެ ބައިންނާއި އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި އަމިއްލަ ގޯއްޗެއް ނެތުމުން ލިބޭ ޕޮއިންޓުން ގޯތި ލިބޭ ވަރަށް ޕޮއިންޓް ހަމަވާނެ ކަމަށެވެ. އެހެންކަމުން ގޯތި ލިބޭ ވަރަށް މާކްސް ހަމަކުރަން، ލިބެން ނުޖެހޭ ޕޮއިންޓެއް ހޯދަން ނުވެސް ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ގަމުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓުގައި، ގޯތި ލިބޭކަމަށް އޮތް 400 މީހުންގެ ތެރެއިން އެންމެ ދަށުން ލިބިފައިވާ މާކްސްއަކީ 67 އެވެ. އެހެންކަމުން ޖީހާންއަށ ނުހައްގުން ދީފައިވާ 10 ޕޮއިންޓް އުނިކޮށް، 61 ޕޮއިންޓު ލިބޭނަމަ އޭނާއަށް ގޯތި ލިބޭ ވަރަށް މާކްސް ލިބިވަޑައެއް ނުގަންނަވާނެއެވެ.

"އަޅުގަނޑަކަށް ނުވެސް ވިސްނޭ ކީއްވެގެން ކަމެއް ގަމުގައި އުޅޭކަމަށް އަޅުގަނޑަށް ޕޮއިންޓް ލިބިފައި ވަނީ. އަޅުގަނޑެއް ނޫން ދެއްތޯ މާކްސް ދެނީ. އަޅުގަނޑަކަށް ނޭނގޭ މާކްސް ދީފަ އޮތް ގޮތެއް،" ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ ގޯއްޗަށް ފޯމު ހުށަހެޅިކަން ވަރަށް ފަހަކާ ޖެހެންދެންވެސް ހަނދުމަފުޅު ނެތް ކަމަށާއި، ގޯތި ލިބުނުކަން ވެސް އެނގިވަޑައިގަތީ ނޫހަކުން އެކަން ރިޕޯޓުކުރުމުން ކަމަށެވެ.

އަދި ގަމުގައި އުޅޭކަމަށް ދީފައިވާ ޕޮއިންޓާ ގުޅިގެން، އެކަން ސާފުކުރަން މިހާރު ކައުންސިލަށް ސިޓީ ހުށަހަޅުއްވާފައިިވާ ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި ޖީހާނަށް ގޯތި ލިބުނު ގޮތާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިފައިވާތީ، އެ ލިބުނު ގޯތި ބޭނުން ނޫން ކަމަށާއި، ގޯތި ދޫކޮށްލައި، އެޕްލިކޭޝަން ބާތިލްކޮށްދިނުމަށްވެސް މިހާރު އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތަކީ އެއްވެސް ޕްރޮސެސްއަކާ މެދު ފެން ތިއްކެއްގެ މިންވަރަށް ވެސް ޝައްކެއް އުފެދިއްޖެނަމަ، އެ ހިސާބުން ދެން އެ ޕްރޮސެސް އެއް ބާތިލްވީ ކަމަށް. އަޅުގަނޑަކީ މިހާތަނަށް ވެސް އަމިއްލައަށް މަސައްކަތް ކޮށްގެން ކުރިއަށް ދާ މީހެއް. ގެއަށް ގަންނަ ގެރިކިރު ދަޅުވެސް ނުހައްގުން ހޯދާފައެއް ނޯންނާނެ،" ޖީހާން ވިދާޅުވިއެވެ.

ޖީހާން ވަނީ ގަމުން ގޯތި ހޯދުމުގައި އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި މީގެ ކުރިން ދުވަހަކު ވެސް ނުހައްގުން އެއްވެސް އެއްޗެއް ހޯއްދަވާފައި ނުވާނެ ކަމަށާއިި، އެއީ ދުވަހަކުވެސް ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އުމުރުދުވަހު މާލޭގައި ދިރިއުޅުއްވުމަކީ ބޭނުންވެވަޑައިގަންނަވާ ގޮތް ނޫން ކަމަށާއި، އެންމެ ކުރިން ފެށިގެން ވެސް ނިންމައިގެން ހުންނެވީ އުމުރުން 50 އަހަރުވުމުން، ދިރިއުޅުން ހިންނަވަރަށް ނުވަތަ ގަމަށް ބަދަލުކުރެއްވުމަށް ކަމަށެވެ.

"ދެން މި ދައުރު [މަޖިލިސް މެމްބަރުކަމުގެ ދައުރު] ނިމުނީމަ ކަންނޭނގެ މިކަހަލަ ކަމަކާ އުޅެންވީ. އިރާދަކުރެއްވިއްޔާ މިއަށްވުރެ ރަނގަޅު ގޮތެއް މިންވަރު ކުރައްވާނެ،" ޖީހާން ވިދާޅުވިއެވެ.

ގަމުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗަށް އެދި 1،400 އެއްހައި މީހުން ވަނީ ފޯމް ހުށައަޅާފައެވެ. ނަމަވެސް މި ބުރުގައި އެރަށުން ދޫކޮށްފައިވަނީ 400 ގޯއްޗެވެ.

ގަމުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ.

comment ކޮމެންޓް