ޝީލާގެ ފުރަބަންދުން ހިތަށް ފިނިވި އެތައް ހަނދާނެއް

ޝީލާ ގެ ލޮކްޑައުން ބ.ގޮއިދޫ އިން

ނިމިދިޔަ މާރިޗު މަހުގެ ކުރީކޮޅު ފޮށި ތަންމަތި ބަދެގެން ދަރިންކޮޅާއިއެކު ފިލްމީ ތަރި، ޝީލާ ނަޖީބު ބ.ގޮއިދޫ އަށް ދިޔައީ ހަފްތާއެއްހާ ދުވަހު އެ ރަށުގައި ޗުއްޓީއެއް ހޭދަކޮށްލާފައި އެނބުރި މާލެ އަންނާށެވެ. އެކަމަކު، ކަންކަން ދިޔައީ ރޭވި ގޮތާ ދިމާ އިދިކޮޅަށެވެ. ފިލްމް ޝޫޓިންއެއްގެ ތެރެއިން ލޯބި ޖެހުނު ގޮއިދޫގައި ޝީލާ އާއި އާއިލާ ތިން މަހެއްހާ ދުވަހަށް "ތާށިވީ" އެވެ. ކޮވިޑް-19އާ އެކު މާލެ ފުރަބަންދަކަށް ދިޔުމާ އެކު، މާލެ އާދެވޭނެ މަގުތައް ބަންދުވެ، އެ ރަށުގައި މަޑުކުރުން ނޫން ގޮތެއް އެ އާއިލާއަށް ނެތުނީ އެވެ.

"ސްކޫލް ބަންދުކުރި ހަފްތާއަށް ގޮއިދޫ އަށް ދިޔައީ. ތައްޔާރުވީ ހަމަ އެންމެ ހަފްތާއެއްގެ ދަތުރަކަށް. އެކަމަކު ކޮވިޑް19 އަށް މީހުން ޕޮޒިޓިވްވި ވަރަކަށް އެ ރަށުގައި މަޑުކުރަމުން މަޑުކުރަމުން ގޮސް އެންމެ ފަހުން ލޮކްޑައުންކުރީ. ދޮށީ ދަރިފުޅު ނޫން އެހެން ހުރިހާކުދިންނާއި މަނިކުއާއި އާއިލާގެ ބައެއް މީހުންނާއި އެކީ ދިޔައީ." ދަތުރު ފެށުނު ގޮތް ޝީލާ ބުންޏެވެ.

ގޮއިދޫ އަކީ ޝީލާއަށް އާ ރަށެއް ނޫނެވެ. މީގެކުރިންވެސް އެތަށްފަހަރަކު އޭނއަށް ވަނީ އެރަށަށް ދެވިފަ އެވެ. ފިރިމީހާ މަނިކުގެ ޝޫޓިންގްއެއްގެ ތެރެއިން އެންމެ ފުރަތަމަ އެރަށަށް ދެވުނު އިރު، އޭރުވެސް ޝީލާ އެންމެ ލޯބިކުރީ ރަށުގެ އަންހެންވެރިންނާ އެކު ކެއްކުމާއި އެކި ކަންކަމުގައި އެހީވެދީ ނެގި މަޖަލަށެވެ. ޝީލާ ބުނާ ގޮތުގައި، އެ ދުވަހަށް ފަހު ވަރަށް ހާއްސަ ގުޅުމެއް އޭނާގެ ހިތުގައި ގޮއިދުއަށް ދެވިފައިވެ އެވެ.

ޝީލާ ގެ ލޮކްޑައުން ބ.ގޮއިދޫ އިން

ރަށްފުށުގެ ދިރިއުޅުން މާ ހިތް ފަސޭހަ!

މާލޭގައި ދިރިއުޅުނު ނަމަވެސް ރަށްފުށު ދިރިއުޅުމަކަށް ޝިލާ އަބަދުވެސް ލޯބިކުރެ އެވެ. އެއާއެކު ކޮންމެ ރަށަކަށް ދިޔަޔަސް އަބަދުވެސް ބަލަނީ އެރަށެއްގެ ދިރިއުޅުން ތަޖުރިބާކުރެވޭތޯ އެވެ. މި މުއްދަތުގެ ތެރޭގައި ރޯދަމަސް ވެސް އެއްކޮށް ހޭދަކުރަންޖެހުނީ އެ ރަށުގަ އެވެ. ޝިލާ ބުނިގޮތުގައި އެއީ މިއިން ދުވަހަކު ތަޖުރިބާ ނުކުރާހާ ތަފާތު ރޯދަމަހެކެވެ.

ފަތިސް ނަމާދަށްފަހު ހެނދުނާ ހެނދުނާ ތެދުވެ އެންމެ ފުރަތަމަ ކަމަކަށް އޮންނަނީ އޭނާ އުޅުނު ގޭގެ ގޯތިތެރެއާއި މަގުމަތި ކުނިކެހުމެވެ. އާންމުކޮށް ވެސް ތަންތަން ފޮޅާ ތަރުތީބުކޮށް ސާފުކޮށް ބެހެއްޓުމަށް ލޯބިކުރާ ޝީލާއަށް އިލޮށި ފައްޗަކުން ކުނިކެހުމާއި، ގަސްގިނަ ބަގީޗާއެއް ސާފުކުރުން ވެގެންދިޔައީ މުޅީން އާ ތަޖުރިބާއަކަށެވެ.

"ދުވަސް ފެށެނީ ކުނިކެހުމުން، އެންމެ ހާއްސަ އެއްކަމަކީ ވެސް އެއީ. ކުރިން އިލޮށިފަތިން މިގޮތަށް ކުނިކަހަން ޖެހިފައި ނެތީމަ އާވެފައި ހުރީ ވެސް. ބައެއް މީހުން އައިސް ބުނާނެ ޝީލާ މިހާރު ހީވަނީ މި ރަށު މީހެކޭ. ނޫނީ ޝީލާއަށް އެނގޭހެއްޔޭ [ކުނިކަހަން] ވެސް އަހާނެ ބައެއް މީހުން" ޝީލާ ބުންޏެވެ.

މި ނޫނަސް، ގޮއިދޫގައި މީހުން އެއްވެގެން އެއްކޮށް ބޭއްވި ކޮންމެ ހަރަކާތެއްގައިވެސް ޝީލާ ނިކަން ޝައުގުވެރިކަމާއެކު ބައިވެރިވި އެވެ. މިގޮތުން ތެލުލި ފަތް ތައްޔާރުކުރުމަށް ފަތް ހޯދަން ހިނގުމާއި ތެލުލުމުގައި ޝީލާވެސް ރަށު އަންހެނުން ނެކޭ އެއްގޮތަށް އުޅުނެވެ. ޝީލާ ބުނާ ގޮތުގައި އެ ހަނދާންތައް އޭނާގެ ހިތުން ދުވަހަކުވެސް ފިލާ ނުދާނެ އެވެ.

މީގެއިތުރުން ރޯދަމަހުގެ އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ޝީލާ ފާހަގަކުރި އަނެއްކަމަކީ ކެއިންބުއިމުގެ ކަންކަމެވެ. މާލޭގައިނަމަ ފަނިގިރުމަށް އާންމުކޮށް މޭވާ ދަޅުތައް ބޭނުންކުރި ނަމަވެސް މިއަހަރުގެ މުޅި ރޯދަމަހު ފަނިގިރުމަށް ލިބުނު ތާޒާމޭވާތަކުގެ ވާހަކަ އޭނާ ފާހަގަކުރީ ނިކަން އުފަލުންނެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ މާލޭގައި އުޅުނު ދިރިއުޅުމަށްވުރެ ހުރިހާ ގޮތަކުންވެސް ގޮއިދޫގެ އެ ހިތްގައިމު ފަސްގަނޑުގައި އޭނާހޭދަކުރި ދުވަސްތައް މާ އުފާވެރި އެވެ. މާ ހިތްހަމަޖެހެ އެވެ.

ޝީލާ ގެ ލޮކްޑައުން ބ.ގޮއިދޫ އިން

ދިރިއުޅުމުގެ މުހިންމު ފިލާވަޅެއް!

އުފާވެރި އަދި މަޖާ ދުވަސްތަކެއްގެ ގޮތުގައި ގޮއިދޫގެ ދަތުރު ޝީލާ ފާހަގަކުރިއަސް، މި ދަތުރުން ލިބުނު ފިލާވަޅުތައް ވެސް ބޮޑު ކަމަށް ޝީލާ ބުންޏެވެ. އާމްދަނީ ހޯދުމުގެ ގޮތުން މިވަގުތު ޝީލާ ހަމައެކަނި ކުރާ މަސައްކަތަކީ ފިލްމީ މަސައްކަތްތައް ކަމުގައިވާއިރު، ކޮވިޑް19އާއި އެކީ ފިލްމް އިންޑަސްޓްރީ އޮތީ އެއްކޮށް ހުއްޓިފަ އެވެ. އެއާއެކު އާމްދަނީ ލިބޭނޭ އެއްވެސް ގޮތެއް މިވަގުތަކު ނެތެވެ.

އެއާއެކު، ހަފްތާއެއްހާ ދުވަހަށް ތައްޔާރުވެގެން ދިޔަ މި ދަތުރުގައި އޭނާގެ ދޮށީ ދަރިފުޅު ބައިވެރިއެއް ނުވެ އެވެ. އަދި މުޅި މާލެ އެއްކޮށް ލޮކްޑައުންކޮށް ދަތުރުފަތުރުކުރުން އެއްކޮށްހެން ހުއްޓާލަން އެންގީ ދަރިފުޅު ގޮއިދޫއަށް ގެންނަން މަސައްކަތްކުރަނިކޮށެވެ. އެއާއެކު ދަރިފުޅުގެ ކަންކަން ދެން ބެލެހެއްޓީ މަނިކުގެ އާއިލާއިންކަން ޝީލާ ޝުކުރާއިއެކު ފާހަގަކުރި އެވެ.

ގޮއިދޫއިން ކޮވިޑްގެ ކޭސްއެއް ނުފެނުނު ނަމަވެސް، ބަލީގެ ބިރުވެރިކަމާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހުނީ ގޭތެރޭގަ އެވެ. ނަމަވެސް ބޮޑު ގޯތިތެރެއެއްވެސް އޮތުމާއިއެކު ތަނެއްގައި ބަންދުވެފައި ތިބިކަމުގެ އިހުސާސެއް ނުކުރެވޭކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދަރިންނަށް ދަސްކޮށްދިން އެއްކަމަކީ އެއިރެއްގެ ހާލަތަކަށް ބަލައި ދިރިއުޅެން ދަސްކުރުމެވެ. މަދު އެތިކޮޅަކުން ފުއްދާލުމެވެ. ލިބެންހުރި މިންވަރަކަށް ޝުކުރުކުރުމެވެ.

"ދަރިންނަށް ދަސްކޮށްދިނިން އެއިރެއްގައި އުޅޭންވާ ފެންވަރެއްގައި އުޅެން. ކޮންމެހެން މިނަަރަލް ވޯޓާ ނުލިބުނަސް އޯކޭކަން. ވާރޭފެން ބުއީ ހަމަ. ޝީލާމެންގެ އިންކަމްވެސް އެއްކޮށް ހުއްޓިފައި ކަހަލަ ގޮތަކަށް މިއޮތީ. އެހެންވެ ވަރަށް ލިމިޓްކޮށްގެން އުޅުނީ. ކުދިންނަށް މިކަންކަން ދަސްކޮށްދޭން ވަރަށް މަސައްކަތްކުރިން" ޝީލާ ކިޔައިދިނެވެ.

ޝީލާ ގެ ލޮކްޑައުން ބ.ގޮއިދޫ އިން

ގޮއިދޫ އަށް ޝުކުރުން ހިތް ފުރިއްޖެ!

ގޮއިދޫގެ ދަތުރު ނިންމާލާ އެންމެ ފަހުން ޝީލާ އާއި އޭނާގެ އާއިލާއަށް މިހާރު މާލެ އާދެވިއްޖެ އެވެ. މާލޭގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވިޔަސް އެނބުރި އާންމު ދިރިއުޅުމަށް ދެވޭނެ ދުވަހެއް ބުނަން އެނގޭކަށްނެތެވެ. އެހެން ނަމަވެސް ޔަގީނާ ގާތަށް އެނގޭ އެއްކަމަކީ ގޮއިދޫއަކީ މިހާރު އޭނާގެ އަމިއްލަ ފަސްގަނޑުފަދައިން ލޯބިވާ ރަށެއްކަމެވެ. ދެންވެސް، އަދިވެސް ދެވޭނެ ރަށެއްކަމެވެ.

ހުދު ޝީލާއަށްވެސް އަދި ގޮއިދޫގެ ގިނަ މީހުންނަށްވެސް އިހުސާސްވަނީ ހަމައެހެންނެވެ. މި ވީ ތިންމަހެއްހާ ދުވަހު، އެއްވެސް ކަމަކަށް ދަތިވެފައި، އުނދަގޫވެފައި ހުންނާކަށް އޭނާއަކަށް ނުޖެހެ އެވެ. އެހާވެސް މީހުން ހެޔޮވެފައި އޯގާތެރި އެވެ.

ޝީލާ ގެ ލޮކްޑައުން ބ.ގޮއިދޫ އިން

"ރޯދަމަހުވެސް ވަރަށް މަދުން ނޫނީ ނުހުންނާނެ އިރާދަކުރެއްވިއްޔާ ފަނި ގިރާނެ އެއްޗެއްވެސް ގަންނަން ޖެހިފައި. ހަމައެކި މީހުން އައިސް ކުރުނބާ، އަނބު ނޫނީ އެކަހަލަ އެއްޗެއް ދޭނެ. އަނެއްކާ ޝިލާމެން ތިބި ގެއަކީވެސް ތިން ކޮޓަރީގެ ބޮޑު ގެއެއް. އެނގޭ އަސްލު ދަތިވާނެކަންވެސް އެކަމަކު އެހާ ގިނަ ދުވަސްވީއިރު ވެސް އެއްވެސް އަގެއް ނުނަގާ. ޚުލްގު ހެޔޮ، ވަރަށް ހެޔޮ ބައެއް އެއީ. ގޮއިދޫ މިހާރު އަމިއްލަ ރަށް ފަދަ ވެއްޖެ،" ޝިލާ ބުންޏެވެ.

މި ހިތްދަތި އަދި ދަތިވަގުތުކޮޅުގައި ގޮއިދޫ މީހުންގެ ފަރާތުން އޭނާގެ ކުޑަ އާއިލާއަށް ދިން އެހީތެރިކަމާއި ބެހެއްޓި ގާތްކަމަކީ ޝީލާބުނާގޮތުން ގޮއިދޫ ރައްޔިތުންނަށް އޭނާ އަބަދުވެސް ޝުކުރުވެރިވާނެ ކަމެކެވެ.

comment ކޮމެންޓް