އިޓާލީ ސަޕޯޓަރުންނަށް އޮގަސްޓް މަހު ދަނޑުތައް ހުޅުވާލަނީ

އިޓަލީގެ ސަޕޯޓަރުންނަށް އޯގަސްޓް މަހު ދަނޑުތައް ހުޅުވާލަނީ --- ފޮޓޯ/ ލައިވް ސްކޯ

ކޮރޯނާ ވައިރަހުގެ ސަބަބުން މިހާރު މެދުކަނޑާލާފައިވާ އިޓާލިއަން ލީގު މި މަހުގެ 20 ވަނަ ދުވަހު ފަށާއިރު އޮގަސްޓު މަހުގެ ތެރޭގައި ކުޅި ބަލާ ސަޕޯޓަރުންނަށް ދަނޑަށް ވަނުމަށް ހުއްދަ ދެވިދާނެ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ މިނިސްޓަރު ކާލޯ ސިބިލިއާ ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ފަށާފައިވާ އިރު މި މަަހުގެ ތެރޭގައި އެ ލީގުތައް ވެސް ފަށާނެ އެވެ.

އެކަމަކު މި ލީގުތައް ފަށާނީ ގައުމުތަކުގެ ސިއްހީ މާހިރުންނާއި، ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ގަވާއިދުތަކަކާ އެކު އެވެ. އެގޮތުން މެޗުތަކަށް ސަޕޯޓަރުން ނުވެއްދުމާއި، ކުޅުންތެރިންގެ ގައިދުރުކަމުގެ އިތުރުން ގަވައިދުން ވައިރަހަށް ޓެސްޓް ކުރުން ހިމެނެ އެވެ. ޔޫރޮޕުގެ އެންމެ ފުރަތަމައިން ލީގު ފެށި ޖަރުމަނުން ވެސް މިގަވާއިދުތަކަށް ބޯލަންބައިގެން ކުޅެމުން އަންނަ އިރު އިޓަލީގެ ސަޕޯޓަރުންނަށް ލީގު ނިމުމުގެ ކުރިން ދަނޑުތަކަށް ވަނުމުގެ ހުއްދަ ދޭނެ ކަމުގެ ފެހި ސިގްނަލެއް އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ ދެއްވައިފަ އެވެ.

"އެންމެންނަށް ވެސް އިނގޭނެ ހަގީގަތަކީ ސަޕޯޓަރުންނާ ނުލައި ފުޓުބޯޅަ އަކީ މުޅިން ތަފާތު ކުޅިވަރެއްކަން. އަހަރެންގެ އުންމީދަކީ އޮގަސްޓު މަހުގެ ތެރޭގައި ސަޕޯޓަރުންނަށް ދަނޑުތަކަށް ވަނުމުގެ ހުއްދަ ދިނުން. އެކަމަކު އެކަމަކީ އަދި އެއްކޮށް ފައިނަލް ނުކުރާ ކަމެއް. ހާލަތު ރަނގަޅު ނަމަ އެކަން ކުރުމަށް ދަނީ މަޝްވަރާ ކުރެވެމުން." އިޓަލީގެ ސިއްހަތާ ބެހޭ މިނިސްޓަރު ކާލޯ ސިބިލިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދުވަހަކަށް ވުރެން ދުވަހެއް ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި، ލީގު މި މަހު ފަށާއިރު ސަޕޯޓަރުންނަށް ވަދެވޭނެ މާހައުލެއް އޮތް ކަމަށް އަދި ނުފެންނަ ކަމަށެވެ. އެކަމަކު އޮގަސްޓް މަހުގެ ނިޔަލަށް ލިބޭ ކުރިއެރުންތައް ބެލުމަށްފަހު ހާލަތު ބަދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިޓާލިއަން ލީގުގެ ކުޅުން މި މަހުގެ 20 ވަނަ ދުވަހު ފަށަން ނިންމާފައިވަނީ ހަރުކަށި ފިޔަވަޅުތަކަކާ އެކު އެވެ. އެގޮތުން އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ގަވާއިދުތަކަށް ފަރުވާތެރި ނުވާ ކުލަބުތަކަށް ފިޔަވަޅު އަޅާނެކަން ހާމަކޮށްފައިވާ އިރު، ކުލަބުތަކުގެ ޕޮއިންޓް އުނިކުރުާ ހިސާބަށް ވެސް އަޅާ ފިޔަވަޅުތަކަށް ދޭ އަދަބު އިތުރު ވާނެ ކަމަށް އެފްއައިޖީސީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް