ބޮޑު ތިލަދުންމަތީގެ ކަނޑޫފާތަކެއް މަރުވަނީ، ސަބަބެއް ނޭނގޭ!

ހއ. ކެލާގެ ކަނޑޫފަލުގެ ސަރަހައްދެއްގެ ކަނޑޫ ގަސްތައް މަރުވެފައި: ފަހުގެ ތާރީހެއްގައި އެ ރަށުން މިހާ ބޮޑަށް ކަނޑޫ ގަސް މަރުވެފައި ނުވޭ -- ފޮޓޯ: އަހްމަދު ޝަރަފް/ކެލާ

"އެންމެ ކުރީގައި މީހުން ބުނާނެ ވަޒަންވެސް ނާރާނައޭ ކަނޑޫފާ ތެރޭގައި. ވާހަކައަކީ ވަޒަނެއް ޖެހިޔަސް މީހެއް ގަޔަކަށް ނާރާނެއޭ، އެހާވެސް ބޯ ވާނެއޭ ކަނޑޫފާ. އަޅުގަނޑުމެން ހަނދާން ހުންނަ އިރުވެސް ފުދޭވަރަކަށް ބޯކޮށް އޮންނާނެ ކަނޑޫފާ،" ހދ. ނޭކުރެންދޫގެ ކަނޑޫފަލާ ބެހޭ ކުޑައިރުގެ ހަނދާނެއް އެ ރަށު ކައުންސިލުގެ ރައީސް އަލީ އާދަމް ކިޔައިދެއްވި އެވެ.

ނޭކުރެންދޫ ކަނޑޫފަލަކީ ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު އެއް ކަނޑޫފަލެވެ. އެ ރަށު މީހުން އުޅެ ބޮޑުވީ އެ ފަލުން ލިބޭ ކަނޑޫ ކައިގެންނެވެ. އެ ރަށު އޮޑިފަހަރުގެ ފަށަން ލައި އުޅުނީ އެ ފަލުން ލިބޭ ކަނޑޫ ގަސްތަކުގެ ވަރުގަދަ ލަކުޑިންނެވެ. އެ ކަނޑޫފާ ވެފައި އޮތީ އެ ރަށުގެ ފަހުރެއްގެ ގޮތުގަ އެވެ. އެއީ އެ ރަށަށް ލިބިފައި އޮތް އެންމެ ބޮޑު ގުދުރަތީ މުއްސަނދިކަމެވެ.

ނަމަވެސް، މިއަދު އެއީ މާޒީއަށް ވެއްޖެ އެވެ. ކުޑައިރުގެ ހަނދާންތައް އާ ކުރައްވަމުން އަލީ އާދަމް ވިދާޅުވި ގޮތުގައި، ނޭކުރެންދޫ ކަނޑޫފާ ކުރީހާ ވަރުގަދައެއް ނޫނެވެ. އަދި އެ ކަނޑޫފަލަށް ނުރައްކަލާ ކުރިމަތިވެ، މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ފަލުގެ ބޮޑު ސަރަހައްދެއްގެ ގަސްތަކުގެ ފަތްތައް ރީނދޫވެ، ގަސްތައް ހިކި މުޅިންހެން މަރުވަނީ އެވެ. ކުދި ގަސްތަކާއި ބޮޑެތި ގަސްތަކުގެ ހާލަކީވެސް މިއީ އެވެ.

މިއީ ހަމައެކަނި ނޭކުރެންދޫއަށް ދިމާވެފައި އޮތް މައްސަލައެއް ނޫނެވެ. ހއ. ކެލާގެ ކަނޑޫފަލަށްވެސް ޖެހިފައި ވަނީ މިހާލެވެ. އަދި ނ. ކެނދިކުޅުދޫގައިވެސް މި މައްސަލަ ވަނީ ދިމާވެފަ އެވެ.

ގަސްތައް ހިކި، ފަލުން ބޮޑު ތަންތަންގަނޑު މަރުވަނީ

އުތުރުގެ އެންމެ ބޮޑެތި ކަނޑޫފާތަކުގެ ތެރޭގައި، ހދ. ނޭކުރެންދޫ ކަނޑޫފަލާއި، ހއ. ކެލާ ކަނޑޫފަލާއި، ހއ. ބާރަށު ކަނޑޫފަލާއި، ހދ. ކޭލަކުނުގެ ކަނޑޫފަލުގެ އިތުރުން ނ. ކެނދިކުޅުދޫގެ ކަނޑޫފާ ހިމެނެ އެވެ. މި ކަނޑޫފާތަކުގެ ތެރެއިން، ސަރުކާރުން ހިމާޔަތްކޮށްފައިވާ ނޭކުރެންދޫ އާއި ކެލާގެ ކަނޑޫފަލުގެ ބޮޑު ބައެއް މަރުވާން ފެށީ މީގެ ދެ ވަރަކަށް މަސް ކުރިންނެވެ. ނަމަވެސް، ކެނދިކުޅުދޫގައި އެކަން ހިނގާތާ އަހަރުތަކެއް ވެއްޖެ އެވެ.

ނޭކުރެންދޫ ކަނޑޫފަލުގެ ބޮޑު ބައެއް މަރުވަމުންދާކަން ފާހަގަވީ ރޯދައަށް ކަނޑޫ ހޮވަން އާންމުން ކަނޑޫފަލަށް ވަންނަން ފެށުމުންނެވެ.

އެ ރަށު ކައުންސިލުގެ ރައީސް އަލީ އާދަމް ވިދާޅުވި ގޮތުގައި، އެ ރަށު ކަނޑޫފަލުގެ ގާތްގަނޑަކަށް ފަސް ވަރަކަށް ހެކްޓަރަށް ވުރެ ބޮޑު ބައި މިހާރު ވަނީ މަރުވެފަ އެވެ. އެއީ އެ ކަނޑޫފަލުގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި ކަމަށް އޭނާ ލަފާ ކުރައްވަ އެވެ. އަދި އިތުރަށް ގަސްތައް މަރުވުމުގެ ނިޝާންތައްވެސް ފެންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ގަސްތަކުގެ ފަތްތައް ފައިބައި، ތޮށި ފައިބައި، ހަމަ ހިކިފައި ހުންނަނީ މުޅިން،" އަލީ އާދަމް ކިޔައިދެއްވި އެވެ.

ހދ. ނޭކުރެންދޫގެ ކަނޑޫފަލުގެ ސަރަހައްދެއް މަރުވެފައި: އެ ރަށު ކައުންސިލުން ބުނާ ގޮތުން ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ސަރަހައްދެއް ވަނީ މަރުވެފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

މީގެ ހަތަރު ވަރަކަށް އަހަރު ކުރިންވެސް ނޭކުރެންދޫ ކަނޑޫފަލުން ގަސްތައް މަރުވަމުން ދިޔަކަން މެންގްރޫވް ދިރާސާ ކުރާ ބްލޫޕީސް ޖަމިއްޔާއަށް ވަނީ ފާހަގަކުރެވިފަ އެވެ. ނަމަވެސް، އެއީ ކަނޑޫފަލުގެ އެހާ ބޮޑު ތަންތަންގަނޑެއް ނޫނެވެ. މީގެ ކުރިންވެސް ގަސްތައް މަރުވިޔަސް މިހާ ބޮޑަށް މަރު ނުވާ ކަމަށް ކައުންސިލުގެ ރައީސްވެސް ވިދާޅުވި އެވެ.

"2018 ހިސާބުގައިވެސް ކޮންމެވެސް ވަރަކަށް ގަސްތައް މަރުވިކަން ފާހަގަކުރެވިފައި ވަނީ. ނަމަވެސް މިހާރު އާދައާ ހިލާފަށް މަރުވަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ، ފެބްރުއަރީ ހިސާބުން ފެށިގެން،" އަލީ އާދަމް ވިދާޅުވި އެވެ.

ކެލާގެ ކަނޑޫފާވެސް މަރުވާކަން ފާހަގަ ކުރެވެން ފެށީ ނޭކުރެންދޫއާ ދާދި އެއް ދުވަސްވަރެއްގަ އެވެ.

އެ ރަށު ކައުންސިލުގެ ރައީސް، އާދަމް އުފްރާން ވިދާޅުވި ގޮތުގައި ކެލާގެ ކަނޑޫގަސްތަކަށްވެސް ވަމުން ދަނީ ނޭކުރެންދޫގައިވެސް ވަމުންދާ ގޮތެވެ. ގަސްތަކުގެ ފަތްތައް ދޮންވެ، ފަތްތައް ފައިބައި، ގަސްތައް ހިކި މަރުވެގެން ދަނީ އެވެ.

ކެލާގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ "އައިޑިއާސް"ގެ އިސް އޮފިޝަލަކު ބުނީ، މިހާރު ކަނޑޫ ގަސްތައް މަރުވަމުން ދާ ވަރާ ގާތަށް ވެސް މީގެ ކުރިން ދުވަހަކުވެސް، އެ ރަށުގެ ކަނޑޫފަލުން ގަސްތައް މަރުވިކަން އެނގިފައި ނުވާ ކަމަށެވެ.

"މީގެ ކުރިން ނެތް މިހާ ބޮޑަށް މިކަން ހިނގާފައެއް. ރަށުގެ ދުވަސްވީ މީހުންނާ ވާހަކަދައްކާލީމައި އެ ބޭފުޅުންވެސް ބުނަނީ މިހާތަނަށް މި ގޮތަށް ވެފައި އޮތްތަން ނުދެކެމޭ. މި ވާ ގޮތެއް އެއްވެސް މީހަކަށް ނޭނގޭ. އަނެއްކާ މި މަރުވަނީ މޫދާވީ ފަރާތަކުންވެސް ނޫން ރަށާވީ ފަރާތުން،" އައިޑިއާސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހއ. ކެލާގެ ކަނޑޫފަލުގެ ސަރަހައްދެއްގެ ކަނޑޫ ގަސްތައް މަރުވެފައި: ފަހުގެ ތާރީހެއްގައި އެ ރަށުން މިހާ ބޮޑަށް ކަނޑޫ ގަސް މަރުވެފައި ނުވޭ -- ފޮޓޯ: އަހްމަދު ޝަރަފް/ކެލާ

ކެނދިކުޅުދޫ ކައުންސިލުގެ ރައީސް ސަފްއަތު އަހުމަދު ވިދާޅުވީ އެ ރަށުގައި ކޮންމެ އަހަރަކު ވަކި މޫސުމެއްގައި ކަނޑޫގަސްތައް މަރުވާ ކަމަށެވެ. އަދި މިހާރު މިއީ ކަނޑޫ ގަސް މަރުވާ މޫސުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނދިކުޅުދޫގެ ދަނޑުވިރިއެއް ކަމަށްވާ މުހައްމަދު ޝާކިރުވެސް ބުނީ، ސުނާމީގެ ފަހުން އެ ރަށުގެ ކަނޑޫފަލުން ބައިތައް ކޮންމެ އަހަރަކު މަރުވާ ކަމަށެވެ. އޭނާއަށް ފާހަަގަ ކުރެވުނީ ބޮޑަށް އެކަން ހިނގަނީ އުދަ އަރާ ދުވަސްވަރުގައި ކަމެވެ. ކެނދިކުޅުދޫގައިވެސް، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ގިނަ އަދަދެއްގެ ގަސްތައް މަރުވި ކަމަށް އޭނާ ބުންޏެވެ. އަދިވެސް ބައެއް ސަހަރައްދުތަކުގައި ގަސްތަކުގެ ފަތްތައް ރީނދޫވަމުންދާ ކަމަށް އޭނާ ބުންޏެވެ.

"ކަނޑޫ މޫސުން ވީމަ ވަރަށް ގިނަ މީހުން ދާނެ ކަނޑޫ ހޮވަން. އަޅުގަނޑުވެސް ބަލާލަން ދިޔައިން. ދިޔަ އިރުވެސް ކުޑަފަޅާއި ތޮޅިފަޅާ ދޭތެރޭގައި ދޮންވެފައި އެބަ ހުރި ގަސްތަކުގެ ފަތްތައް،" ޝާކިރު ކިޔައިދިނެވެ.

އޭނާ ބުނީ ކެނދިކުޅުދޫގައި ބޮޑަށް ކަނޑޫގަސްތައް މަރުވަނީ އެ ރަށު ކުޅީގެ ކެނދިކުޅު އަވަށާ ވީ ކޮޅުން ކަމަށެވެ. ނަމަަވެސް، ކުޅުދޫ އަވަށުންވެސް މަރުވާ ކަމަށް އޭނާ ބުންޏެވެ. ގަސްތައް މަދުން މަރުވެފައި ހުންނަނީ، އެ ރަށުގެ ކުޅިއަށް މޫދުގެ ލޮނު ވަންނަ ހިސާބުންކަން އޭނާ ފާހަގަކުރި އެވެ.

ބޮޑުތިލަދުންމަތީގައި ކަނޑޫފާ ހުންނަ އެހެން ރަށްރަށަށް ބަލާއިރު، ށ. ކަނޑިތީމުގެ ކަނޑޫފަލުގެ ގަސްތައްވެސް ހަމަ މި ގޮތަށް މަރުވެފައި އެބަ ހުއްޓެވެ. ނަމަވެސް ކައުންސިލުން ބުނަނީ މަރުވެފައި ހުރީ ވަރަށް ކުޑަކޮށް ކަމަށެވެ.

ރަށް ގިރުމުުގެ ސަބަބުން ވައިކަރަދޫ ކަނޑޫފަލަށް ގެއްލުންވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެެވެ. ނަމަވެސް، ގަސްތައް ހިކިގެން މަރުވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް ބުންޏެވެ.

ހއ. ބާރަށު ކައުންސިލާއި ހދ. ކުރިނބީ ކައުންސިލުންވެސް ބުނީ އެފަދަ ކަމެއް އެ ރަށްރަށުގެ ކަނޑޫފާތަކުން ފާހަގަކުރެވިފައި ނުވާ ކަަމަށެވެ. ކޭލަކުނުނަކީ ހިމާޔަތްކޮށްފައި އޮންނަ ފަޅު ރަށެއް ކަމުން އަދި އެތަނުގެ ކަނޑޫފަލަށް އެފަދަ ކަމެއް ދިމާވި ކަމެއް އަދި ފާހަގައެއް ނުކުރެވެ އެވެ.

ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނުގެ ކަނޑޫފާތެރެ: އެ ރަށުގެ ކަނޑޫފަލުގެ ގަސްތަކަށް މައްސަލައެއް ދިމާވެފައިވާ ކަމެއް އަދި އެނގިފައި ނުވޭ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ސީދާ ސަބަބެއް ނޭނގޭ، ދިރާސާ ކުރަން ޖެހޭ

މިކަމާ ގުޅިގެން ވާހަކަ ދެއްކި ހުރިހާ މާހިރުންވެސް އިއްތިފާގުވާ އެއް ކަމެއް އެބަ އޮތެވެ. މި ވަމުންދާ ކަމުގެ ހަގީގަތް އެނގޭނީ، މަރުވަމުންދާ ކަނޑޫފާތަކަށް ގޮސް އެތަންތަން ދިރާސާ ކޮށްގެންނެވެ. މި ކަނޑޫފާތަކަށް ދިމާވަމުން ދަނީ އެއް މައްސަލައެއްތޯވެސް އެނގޭނީ ދިރާސާކޮށް ރަނގަޅަށް ބެލުމުންނެވެ. ނަމަވެސް، މިފަދަ ކަމެއް ދިމާވެދާނެ ބައެއް ސަބަބުތައް މާހިރުން ހިއްސާ ކުރި އެވެ.

މެންގްރޫވްތަކުގެ ދިރާސާ ކުރާ ބްލޫޕީސް ޖަމިއްޔާގެ އޮފިޝަލަކު ބުނީ، ކަނޑޫފާތަކަކީ ގުދުރަތީ ގޮތުން ކޮންމެވެސް ވަރަކަށް ލޮނު ފެން ވަންނަ ތަންތަން ކަމަށެވެ. ނަމަވެސް، އެހެން މެންގްރޫވްތަކާ އަޅާ ބަލާއިރު ކަނޑޫފަލަށް ލޮނު ވަންނާނީ ނިސްބަތުން މަދުން ކަމަށް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ ކަނޑޫފަލަށް ގުދުރަތީ ގޮތުން ވަންނަން ޖެހޭ ވަރަށް ލޮނު ނުވަންނަ ނަމަ ގަސްތައް ބަލިވުން އެކަށީގެންވާ ކަމަށެވެ.

ކަނޑޫފަލަށް ލޮނު ނުވަންނަންޏާ، ސާފު ފެނުގައި ހެދޭ ގަސްތައް އެތަނުގައި ހެދެން ފަށައި، ނިއުޓްރިއެންޓު ހޯދަން ކަނޑުލާ ވާދަ ކުރާނެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބޭނުންވާ މާއްދާތައް ކަނޑޫ ގަސްތަކަށް ނުލިބި އެތަކެތި މަރުވެގެން ދިޔުން އެކަށީގެންވާ ކަމަށްވެސް ބްލޫޕީސްއިން ލަފާކުރެ އެވެ.

އެއްފަހަރާ ދެތިން ރަށެއްގައި އެއް ކަހަލަ މައްސަލައެއް ދިމާވާތީ ބްލޫޕީސްއިން ލަފާ ކުރަނީ އެއީ ފެނުގެ މައްސަލައެއް ނޫން ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ އެއީ ބައްޔަކަށްވުން ވަރަށް އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެކަންވެސް ދިރާސާކޮށް ޔަގީން ކުރަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

"ދެ ރަށެއްގައި އެއްފަހަރާ ވިއްޔާ އެއީ ބައްޔަކަށްވުން އެކަށީގެންވޭ،" ބްލޫޕީސްއިން ބުންޏެވެ.

ކަނޑޫފަލަށް މަދިރި ބޭސް ޖަހައިފި ނަމަވެސް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތް ކަމަށް ބްލޫޕީސްއިން ދެކެ އެވެ. ނަމަވެސް، މައްސަލަ ދިމާވި އެއްވެސް ރަށެއްގައި ކަނޑޫފަލަށް ކައުންސިލުން މަދިރި ބޭސް ޖަހާފައެއް ނުވެ އެވެ.

ހދ. ނޭކުރެންދޫގެ ކަނޑޫފަލުގެ ސަރަހައްދެއް މަރުވެފައި: އެ ރަށު ކައުންސިލުން ބުނާ ގޮތުން ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ސަރަހައްދެއް ވަނީ މަރުވެފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ކަނޑޫ ފަދަ މެންގްރޫވްތަކަށް ލޯބި ކުރާ އަދި ތިމާވެށީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އާދަމް އަބްދުﷲ (އެޑަމް) ވިދާޅުވީ ކަނޑޫފަލަށް، ކުއްލިއަކަށް، އާދަޔާ ހިލާފަށް ލޮނު ވަދެ، މާ ގިނަ ދުވަހު ލޮނު ހަރުލާފައި ހުރުމަކީވެސް ގަސްތައް މަރުވެދާނެ ސަބަބެއް ކަމަށެވެ. މީގެ އިތުރުން، ވަރަށް ބޮޑަށް ވާރޭ ވެހި ކަނޑޫފާ ތެރެ މާ ގިނަ ދުވަހު "ވޯޓާ ލޮގް"ވެ، ނުވަތަ މާ ބޮޑަށް ފެން ހެދުމަކީވެސް ސަބަބަކަށް ވެދާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ. އެެހެން ވެއްޖެ ނަމަ ކަނޑޫ ގަސްތަކުގެ މޫތަކަށް އޮކްސިޖަން ނުލިބޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ބައްޔެއް ނުވަތަ ސުއިއްޕެއްގެ ސަބަބުންވެސް ގަސްތައް މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޑަމް ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ނޭކުރެންދޫ ކަނޑޫފަލުން އާންމުންގެ ބަޔަަކަށް ވަނީ ފަންޏެއް ފެނިފަ އެވެ. އެކަން އެ ރަށު ކައުންސިލުންވެސް ކަށަވަރުކޮށްދެ އެވެ. ނަމަވެސް، ކެނދިކުޅުދޫ އާއި ކެލާ ކަނޑޫފަލުން ފަންޏެއް ފެނުނު ކަމެއް ފާހަގަ ކުރެވިފައެއް ނުވެ އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ މާހިރަކު ވިދާޅުވި ގޮތުގައި ފަންގަލް ބައްޔެއްގެ ސަބަބުންވެސް ކަނޑޫ ގަސްތައް މަރުވުން އެކަށީގެންވެ އެވެ.

"ބައެއް ފަހަރު ވެޓްވުމުގެ [ތެއްވުމުގެ] ސަބަބުން ފަންގަލް ޑޭމްޕްނިންއާ މިކަހަލަ ކަންކަން ވެދާނެ. ނޫނީ ހުވަނި އަޅާ ދުވަސްވަރު ވެއްޖެއްޔާ ހުވަނީގެ އަަސަރުވެސް ކޮށްފާނެ. އެކަމަކު ގިނަ ފަހަރު ހުވަނީ އަސަރު ކަނޑޫފާ ތަންތަނަކަށް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީއިން މަސައްކަތް ފަށައިފި

ކަނޑޫފާތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނީ، އެއީ ކޮން މައްސަލައެއްކަން ދެނެގަނެެވިގެންނެވެ. މިހާރު އެކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ރާވަން އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ ފަށައިފަ އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ ކަނޑޫފާތައް މަރުވާ ކަމުގެ މައުލޫމާތު މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކިހާ ބޮޑަކަށް ދިމާވެފައިވާ މައްސަލައެއް ކަމެއް އަދި އެނގިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގެ ސްކޭލްއެއް، ފެތުރިފައި އޮތް މިންވަރެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ،" ޑރ. ނަސީރު ވިދާޅުވި އެވެ.

ހދ. ނޭކުރެންދޫގެ ކަނޑޫފަލުގެ ސަރަހައްދެއް މަރުވެފައި: އެ ރަށު ކައުންސިލުން ބުނާ ގޮތުން ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ސަރަހައްދެއް ވަނީ މަރުވެފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ކަނޑޫ ގަސްތައް މަރުވާ ކަމުގެ މައުލޫމާތު ލިބުމާއެކު މިނިސްޓްރީއާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވެސް މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ޑރ. ނަސީރު ވިދާޅުވި އެވެ. އެގޮތުން، ހދ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ މިނިސްޓްރީގެ ސެންޓަރާ ގުޅިގެން ކަނޑޫފާތަކަށް ވަމުންދާ ގޮތް ދިރާސާކުރަން ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ވިސްނަނީ، މިހާރު މާލެ ލޮކްޑައުންގައި އޮތުމުން، މާލޭގައި ތިބި އެންވަޔަރަމެންޓް މިނިސްޓްރީގެ ބޭފުޅުން އެ ރަށްތަކަށް ފޮނުވަން ދަތިވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގްރިކަލްޗާ މިނިސްޓްރީގެ ޕްލާންޓް އެކްސްޕާޓުން ތިއްބަވާނެ. ހަނިމާދޫ ސެންޓަރު މެދުވެރިކޮށް ނަމަވެސް، އަޅުގަނޑުމެން ކޮމްބައިންޑް އެސެސްމެންޓެއް ހެދީމަ އެނގޭނީ ދެއްތޯ ކޮންކަހަލަ ބައްޔެއްކަން ނޫނީ ކޮން ކަހަލަ މައްސަލައެއްކަން. އެހެންވީމަ އެކަހަލަ ގޮތަކަށް މި ވިސްނަނީ،" ޑރ. ނަސީރު ވިދާޅުވި އެވެ.

ކަނޑުލަކީ އުތުރާ ވަރަށް ބޮޑަށް ގުޅިފައިވާ އެ ހިސާބުގެ މީހުން ވަރަށް ލޯބިޖެހިފައިވާ އެއްޗެކެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އުތުރުގެ ބައެއް ރަށްރަށުގެ މީހުން، ބޮޑު ތަދުން މިންޖުކޮށްދިން އެއްޗެކެވެ. ކާނާއެއްގެ ގޮތުގައި ކަނޑޫ ވައް ތިޔާގިކޮށް ލިބެން ހުރީތީ، ކަނޑޫފާ ހުންނަ އުތުރުގެ ރަށްތަކާއި އެ ރަށްރަށުގެ ވަށައިގެންވާ ރަށްރަށުގެ މީހުން ސަލާމަތްވީ އެވެ. އޭގެ އިތުރުން އޮޑިދޯނިފަހަރު ބަނުމުގައިވެސް އެއީ މުހިންމު ރޯލެއް އަދާ ކުރި އެއްޗެކެވެ. އެހެންވެ، ކަނޑޫފާތަކުގެ ހިތްގައިމު މާހައުލު ނެތިގެން ދިޔަނުދީ، އަންނަން އޮތް ޖީލުތަކަށްވެސް އޭގެ ގުދުރަތީ ފައިދާ ލިބޭނެ ކަނޑޫފާތައް ހިމާޔަތް ކުރުން ވަރަށް މުހިންމެވެ.

comment ކޮމެންޓް