ސުޕްރީމް ކޯޓުން ލައިވް ކުރާ ފުރަތަމަ ޝަރީއަތް މާދަމާ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުން ލައިވްކޮށް ދުރަށް ދައްކައިގެން ކުރިއަށްގެންދާ ފުރަތަމަ ޝަރީއަތް މާދަމާ ބާއްވާ ގޮތަށް ތާވަލުކޮށްފިއެވެ.

ކޮވިޑް-19އާ ގުޅިގެން ޝަރީއަތްތައް ބޭއްވުމަށް ދަތިވެފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވޭނެ ގޮތުގެ ގަވައިދެއް އެކުލަވާލައިފައެވެ. އެ ގަވައިދު އެކުލަވާލާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އާންމުންނަށް އަޑުއެހުންތައް ހުޅުވާލުމުގެ ގޮތުން އަޑުއެހުންތައް ޔޫޓިއުބާއި ޓްވީޓާ މެދުވެރިކޮށް ލައިވް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައިވެއެވެ.

ސުޕްރީމް ކޯޓުން ލައިވްކޮށް ކުރިއަށް ގެންދާ ފުރަތަމަ މައްސަލަ މާދަމާ ހެނދުނަށް ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލައަކީ، މ. ތުޅާގިރި، މާލެ، އިސްމާއިލް މަސްއޫދުގެ ފަރާތުން ހައުސިން ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާ ދެކޮޅަށް ދައުވާ ކުރާ ވަޒީފާއާ ބެހޭ މައްސަލައެެކެވެ. މި އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 11:00ގައެވެ.

އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

މިއަދު ސުޕްރީމް ކޯޓުން ވަނީ ފުރަތަަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ބ. ތުޅާދޫ، ގުލްބަހާރުގެ، އަދުނާން ހުސައިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ އެކެވެ.

އެ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައުލޫމާތު ހިމެނޭ މައްސަލައެއް ކަމުން އެ މައްސަލަ ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވައިނުލައެވެ. އެ އަޑުއެހުން ލައިވް ނުކުރީ އެހެންވެއެވެ.

މީގެ ކުރިންވެސް ޝަރީއަތެއް ރާއްޖޭގައި ލައިވްކޮށް ދުރަަށް ދައްކައިގެން ކުރިއަށްގެންގޮސްފައިވެއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތުހުމަތުކުރެވުނު މަނީ ލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތެވެ.

comment ކޮމެންޓް