"ޑާކް"ގެ ފަހު ސީޒަން އަށް ތައްޔާރުތަ؟

ޑާކް ގެ ފަހު ސީޒަންގެ ޓްރެއިލާ އިން މަންޒަރެއް --

ނެޓްފްލިކްސް އިން ނެރޭ އެންމެ މޮޅު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯ ކަމަށްވާ "ޑާކް" ނިމުމާ ގާތްވެއްޖެ އެވެ. އެ ޝޯގެ ފަހު ސީޒަން ނެރުމަށް ތައްޔާރުވަމުން ދާއިރު ނެޓްފްލިކްސް އިން އާ ސީޒަންގެ ޓްރެއިލާ ވަނީ އާންމުކޮށްފައެވެ.

ނެޓްފްލިކްސް އިން އަލަށް ނެރުނު ޓްރެއިލާއިން ބުނާގޮތުގައި ޑާކްގެ ފަހު ސީޒަން ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 27 ގައެވެ.

ޖުމްލަ ތިން ސީޒަން އަށް ބަހާލައިގެން ނެރުމަށް ހަމަޖެހިފައިވާ ޑާކް އަކީ ޖަރުމަނުގެ ސައިންސް ފިކްޝަން އަދި ތްރިލާ ޝޯއެކެވެ.

ޑާކްގެ ދެވަނަ ސީޒަން ނިމިގެން ދިޔައީ ބޮޑު ކަންތައް ގަނޑެއް ހިނގަން އުޅޭކަމުގެ ތާރީހަކަށް އިޝާރާތްކޮށްފައެވެ. އެ ޝޯގައި ތިން ޓައިމްލައިން އެއް ދައްކާއިރު، ތިންވަނަ ސީޒަންގައި އެންމެ ބޮޑު ރޯލެއް ކުޅޭނީ 27 ޖޫން 2020 ތާރީހެވެ. ޝޯގެ އާ ސީޒަން ނެރުމަށް އަންނަ މަހުގެ 27 ނިންމާފައިވަނީ އެ ސަބަބާ ގުޅިގެންނެވެ.

އަލަށް ނެރުނު ޓްރެއިލާގައިވެސް ކުރިއަށް އޮތް ސީޒަން ވަރުގަދަ ވާނެ ކަން ފެނިގެން ދެއެވެ. އެގޮތުން ތަފާތު ޓައިމްލައިނުން ޝޯގެ ލީޑު ކެރެކްޓަރު ފެނިގެންދާ މަންޒަރު ޓްރެއިލަރުން ފެނިގެން ދެއެވެ.

ނެޓްފްލިކްސް އިން ޑާކް ފުރަތަމަ ނެރެފައިވަނީ 2017 ވަނަ އަހަރުގައެވެ. މިއީ ނެޓްފްލިކްސްގެ އެންމެ ރަނގަޅު ރޭޓިން ލިބިފައިވާ ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. އެ ޝޯ ނެރުނު ފަހުން އެ ޝޯއަށް ވަރުގަދަ ފޭން ބޭސް އެއް ވަނީ ލިބިފައެވެ.

ޝޯގެ ޕްރޮޑީއުސަރުން ޝޯ ފެށުމުގެ ކުރީންވެސް ވަނީ އެ ޝޯ ކުރިއަށްދާނީ ތިން ސީޒަން އަށް ކަމަށް ބުނެފައެވެ. އެގޮތުން ތިން ސީޒަންގެ ތެރޭގައި ޝޯގެ ޕްލޮޓް އެއްކޮށް ވަށާ ޖަހައި ނިންމާލެވޭނެ ކަމަށް ޕްރޮޑިއުސަރުން ބުނެއެވެ. ނެޓްފްލިކްސް އިން އެ ޝޯއަށް އިތުރު ފުރުސަތު ދިން ނަމަވެސް އެ ޝޯގެ ޕްލޮޓު ހަލާކު ކޮށްލަން އިތުރު އެޕިސޯޑުތަކެއް އުފެއްދުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށް ޕްރޮޑިއުސަރުން ވަނީ ކުރީން ބުނެފައެވެ.

comment ކޮމެންޓް