ދިވެހިރާއްޖޭގައި އިސްލަމައިޒޭޝަން ޕްރޮގްރާމެއް

މޭ 7، 2020: ކޮވިޑް19 ފެތުރޭތީ މުޅި ރާއްޖޭގައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި، މިސްކިތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. އާންމުކޮށް ރަމަޟާން މަހުގައި ފުރާލާ މިސްކިތްތަކަށް މި ރަމަޟާން މަހު ވަދެ ހަދަނީ ބަންގި ގޮވުމަށް މުދިމުން އެކަނި — ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެޔަކީ މީގެ އެތައް ސަތޭކަ އަހަރު ކުރީއްސުރެ އިސްލާމީ ގައުމެކެވެ. އިސްލާމީ ޝަޚްސިއްޔަތެއް ލިބިގެން ވާ، އިސްލާމީ ދައުލަތެކެވެ. މުސްލިމުންގެ ގައުމެކެވެ. އަޅުގަނޑުމެންނަކީ ދުވަހަކު ވެސް ޣައިރު މުސްލިމުން އުޅޭ ގައުމަކަށް، އެމީހުންނަށް ދުއްތުރާ ކުރާކަށް ދިޔަ ބައެއް ނޫނީމުއެވެ. ޣައިރު މުސްލިމުންގެ ދީންތަކާއި ގޮތްތަކާއި ފޮތްތައް ބަދަލު ކުރުމަށް ޓަކައި އެމީހުންނާ ދިމާ ކޮށްގެން އުޅުނު ބައެއް ނޫނީމުއެވެ. ސުލްހަވެރިކަމާއި އަމަންއަމާންކަމާ އެކު، ދުނިޔޭގެ އެންމެންނަށް ވެސް އިހުތިރާމު ކޮށްގެން އަޅުގަނޑުމެން މިއަދާ ހަމަޔަށް ވެސް ދިރިއުޅެމުން އައީ އަޅުގަނޑުމެންގެ ދީނުގައެވެ. އަޅުގަނޑުމެންގެ އަތުން ބުއްދިޔާއި، ޒަމީރާއި، އިލްމުގެ ތެރެއިން ހުރި މަދު މިންވަރެއް ވެސް ގެއްލެމުން އައިސް، މި ޚުތޫރަތްތެރި ދަނޑިވަޅާ ހަމަޔަށް އައި އިރު، ދިވެހީންގެ އަތުގައި ހެޔޮ އެއްޗަކަށް ސަލާމަތުން އޮތް ހަމައެކަނި އެއްޗަކީ އިސްލާމުން ކަމުގެ ނަމެވެ. ބަލިކަށި ގޮތެއްގައި ނަމަވެސް، ދިވެހި ގައުމަށް ލިބި އޮތް އިސްލާމީ ޝަޚްސިއްޔަތެވެ. އިސްލާމީ އުއްމަތުގެ މެންބަރެއް ކަމުގެ މަތިވެރި ޝަރަފާއި ފަޚުރެވެ.

މިއަދު އަޅުގަނޑުމެން ހަމަ އިސްކޮޅަށް ތެދު ވެ، ހަ ފަރާތަށް ލޯ ހިންގައި، ފަރުވާތެރިކަމާއި ސަމާލުކަމާ އެކު އަމަލީ މަސައްކަތްތަކެއް ފަށައިގަންނާން ޖެހިފައި ވަނީ، އަޅުގަނޑުމެންގެ އިސްލާމީ ޝަޚްސިއްޔަތު ގެއްލެމުން ދާ ދިޔުން ސަމާސާޔަކަށް ވުރެ ބޮޑު މައްސަލަޔަކަށް ވެފައި ވާތީއެވެ. މި ހާލަތަށް ގައުމު ވެއްޓުމުގައި އެންމެ ބޮޑު ޒިންމާއެއް އަދާ ކުރާން ޖެހެނީ އަޅުގަނޑުމެންނެވެ. އަޅުގަނޑުމެންގެ ލީޑަރުންނެވެ. އިއްޔެއާއި މިއަދުގެ ލީޑަރުންނެވެ. ސިޔާސީ ލީޑަރުންނާއި، އިލްމީ ލީޑަރުންނެވެ. އިޖުތިމާއީ ލީޑަރުންނާއި އިގުތިސާދީ ލީޑަރުން ވެސް މެއެވެ. މުޖުތަމައުގެ އެކިއެކި މައިދާންތަކުގައި، ގައުމު ކުރިޔަށް ގެންދިޔުމުގެ ޒިންމާ ނަގާން ތިބި އެންމެންނެވެ. އެޔަށްފަހު، މުސްލިމުންގެ ދުޝްމަނުން އަޅުގަނޑުމެންނާ ދެކޮޅަށް ރާވައި ތަންފީޒު ކުރަމުން ގެންދާ ނުބައި ރޭވުންތަކަކީ ވެސް އެކަމުގެ މައިގަނޑު ސަބަބެއްކަން ގަބޫލު ކުރާން ޖެހެއެވެ. މުސްލިމުން ދީނާ ދުރުހެލި ކުރުމަށް ޓަކައި ހިންގޭ ފިކުރީ ހަނގުރާމަ ފަދަ ކަންތައްތަކުގެ ތެރެއިންނެވެ. އަޅުގަނޑުމެންގެ ތެރެއިން ލާދީނީ އަލްމާނީންނާއި، ބަނގުރާ ބޯ ފާސިގުންނާއި، ދީނާ ދެކޮޅަށް ފާޑުފާޑުގެ ރިޕޯޓުތައް ލިޔާ ޖާހިލުންތަކެއް ފައުޅު ވެގެން އުޅެނީ މި ސަބަބުތަކާ ހުރެއެވެ.

އެނގިވަޑައިގަންނަވާތޯއެވެ! ދިވެހިރާއްޖެޔަށް މާތް ވެގެން ވާ އިސްލާމް ދީން އައީ، ދިވެހިރާއްޖޭގައި އެއިރު އޮތް ބުދު ދީނުގެ ހާމުދުރުން ފާދިރީން، އެއުރެންގެ އައްޔާޝީ އެދުންވެރިކަން ފުއްދުމަށް ޓަކައި ކޮންމެ ހަނދު މަހަކު، ކުށެއް ނެތް މައުސޫމު ދިވެހި އަންހެން ކުއްޖަކު ރޭޕް ކޮށް، ސުންނާފަތި ކޮށް، މަރަމުން ދިޔަ ޒަމާނެއްގައެވެ. އެ ހިތެއްފިތެއް ނެތް ވަހުޝީންގެ އަތްދަށުގައި، ކިތައް ދިވެހި އާއިލާ ބަރުބާދު ވެފައި ވާނޭކަން ހިތްޕުޅަށް ގެންނަވާށެވެ. ދިވެހި ކިތައް ކުދީންގެ މައުސޫމު ލެއި މި ބިމަށް އޮހޮރައިލެވިފައި ވާނޭކަން ތަސައްވުރު ކޮށްލައްވާށެވެ. ކިތައް ދިވެހި މައިންބަފައިން، މުޅި އުމުރަށް މި ބިމަށް ލޭކަރުނަ އޮއްސާން ޖެހިފައި ވާނޭކަން ވެސް ޝުއޫރުގެ ފެންވަރުން ވަޒަން ކޮށްލައްވާށެވެ. އިސްލާމް ދީން މި ގައުމަށް ދިން ފުރަތަމަ ހަދިޔާއަކީ އެ ބިރުވެރި ދުވަސްތަކަށް ނިމުން ގެނައުމެވެ. އެ އަނިޔާވެރި ސަގާފަތުގެ ގަދަފަދަ "ހަންޖާ ކަނޑައިލުމެވެ." ދިވެހި އަންހެން ކުދީންނަށް، ހުޅެވި ހަނދު ދެކެ ބިރު ނުގަނެ ނިދޭނޭ ދުވަހެއް ގެނެސްދިނުމެވެ.

އެޔަށްފަހު، މި ގައުމަށް އައި ކޮންމެ ހެވެއްގެ ފަހަތުގައި ވާ މައިގަނޑު ސަބަބަކީ މާތް ވެގެން ވާ އިސްލާމް ދީނެވެ. ފުރެތިކާލުންގެ އަނިޔާއިން ގައުމު ސަލާމަތް ކުރުމުގެ ވަރުގަދަ ޖިހާދުގެ ރޫހަކީ އެ ދީނެވެ. މަލާބާރީންގެ އަނިޔާއިން ގައުމު ސަލާމަތް ކުރާން ނުކުތް މަތިވެރި މުޖާހިދުންގެ މޮޓޯއަކީ ވެސް ހަމަ އެ ދީނުގެ މަތިވެރި ޝިއާރުތަކެވެ. އަޅުގަނޑުމެން ޝަހީދު ޙުސައިން އާދަމް ތަރުބިއްޔަތު ކުރީ ވެސް ހަމަ އެ ދީނުގެ އަލިކަމުގެ ނޫރުން ދިއްލައި އަލި ކޮށްފައި އޮތް އެދުރުގޭގައެވެ.

ނަމަވެސް މިއަދު މި ފެންނަނީ އިސްލާމް ދީނުގެ ދުޝްމަން ޚާއިނުންތަކެއް، ޣައްދާރުންތަކެއް އަޅުގަނޑުމެންގެ ތެރެއިން ފައުޅު ވެގެން، އަޅުގަނޑުމެން އެ ދީނުގެ ބަރަކާތާއި، ނޫރުގެ އަލިކަމާއި، އެ ދީނުގެ މަތިވެރި ހިޔާވަހިކަމުން މަހުރޫމު ކޮށް، ކުފުރާއި، ޝައިތާނިއްޔަތުގެ އަނދިރި ހުރަގެޔަށް ދިވެހި ގައުމު އުނގުރުވަތަށް ވައްޓައިލުމަށް ޓަކައި ބަޔަކު މަސައްކަތް ކުރަމުންދާ ތަނެވެ. އިސްލާމް ދީނުގެ ދުޝްމަނުންގެ ވާގިވެރިކަމާ އެކުގައެވެ. އެހެންކަމުން، މިއަދަކީ ދިވެހި މުސްލިމުން ޣަފްލަތުން ހެއި ލާން ވީ ދުވަހެވެ. ވިންދު ނެތެމުން ދާ އަޅުގަނޑުމެންގެ ޣީރަތްތެރިކަމާއި މުރުއްވަތްތެރިކަމަށް އައު ދިރުމެއް ގެންނާން ވީ ދުވަހެވެ. ޢަލީ ރަސްގެފާނާއި މުޙައްމަދު ތަކުރުފާނާއި ދޮން ބަންޑާރައިންނާއި ޝަހީދު ޙުސައިން އާދަމްގެ ދަރީން ތިބީ އަސްލު އޮޅިފައި ނޫންކަން ސާބިތު ކޮށްދޭން ވީ ދުވަހެވެ. ދިވެހިރާއްޖޭގެ ގެއްލެމުން ދާ އިސްލާމީ ޝަޚްސިއްޔަތު ދިރުވައި އާލާ ކުރުމަށް ޓަކައި އެންމެން އަތުކުރި އޮޅައިލާން ވީ ދުވަހެވެ. ކަންނެތްކަމުގެ ދުވަސްތަކަށް އަލްވަދާއު ކިޔައި، އިސްލާމީ އުއްމަތް ފަޚުރުވެރި ވާ ވަރުގެ ދަރީންތަކެއްގެ ގޮތުގައި، އިންޑިޔާ ކަނޑުގައި އޮންނަ ކުޑަކުޑަ ދިވެހިރާއްޖޭގެ މަދު މުސްލިމުންކޮޅު އިއްޒަތުއްނަފުސާއި، ޝަރާފަތާ އެކު ތެދު ވާން ވީ ދުވަހެވެ. ކޮންމެ މުސްލިމު މުޖުތަމައަކުން ވެސް ޚާއިނުން ފައުޅު ވާނެއެވެ. ޣައްދާރުން ނުކުންނާނެއެވެ. އިސްލާމް ދީނަށް އެއްޗެތި ގޮވައި، މުސްލިމުންގެ ދުޝްމަނުންނާ ކޮނޑާކޮނޑު ޖައްސައި، މުސްލިމް އުއްމަތާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ފައުޅު ވާނެއެވެ. އެއީ ދުވަހަކު ވެސް ހުއްޓުވޭނެ ކަމެއް ނޫނެވެ. މީގައި ހަދާން ޖެހޭ ގޮތަކީ، އެފަދަ ޚާއިނުން ނިކަން ރަނގަޅަށް ފާހަގަ ކުރުމެވެ. އެފަދަ މީހުން ގައުމުގެ ބާރުހުރި މަގާމުތަކާ ހަމަޔަށް ދިޔަނުދިނުމެވެ. އެފަދަ މީހުންނަކީ ގައުމުގައި ބަސްކިޔާ މީހުން ކަމުގައި ނުހެދުމެވެ. އެފަދަ މީހުންނަކީ މުޖުތަމައުގައި "ބަނުމާއި މޮހުމުގެ އަހުލުވެރީން" ކަމުގައި ނުހެދުމެވެ.

ދިވެހިރާއްޖެއިން އިސްލާމް ދީން ފޮހެވިގެން ދިޔަނުދިނުމަށް ޓަކައި ކުރާން ޖެހޭ ލައްކަ ގިނަ މަސައްކަތްތައް އެބަހުއްޓެވެ. ކީރިތި ޤުރްއާނާއި ސުންނަތުގެ ބައެއް ނައްޞުތަކުގެ ދެލިގަނޑާ ހަމައިން ދީން ފުރިހަމަ ވީ ކަމަށް، އަދި ބޭރުފުށުގެ ސިފަތަކަކުން ދީން ފުރިހަމަ ވީ ކަމަށް ދެކެގެން އުޅޭ މީހުންގެ އަތްދަށުން، ދީނީ ކަންކަމުގެ ގިޔާދަތު އަތުލުމެވެ. އިސްލާމް ދީނުގެ މަތިވެރި ޢަޤީދާ އާއި، ޢިބާދާތުގެ ނިޒާމާ އެކު، އިސްލާމް ދީނުގެ އެންމެ މަތިވެރި އެއް މަފްހޫމް ކަމުގައި ވާ "އިޙްސާން"ގެ މަފްހޫމް އަޅުގަނޑުމެންގެ ތެރޭގައި ފުރިހަމަޔަށް ތަންފީޒު ކުރުމެވެ. އިސްލާމީ އަޚްލާޤާއި ރޫޙާނިއްޔަތުގެ ބައިތައް މުޅީން ކަހަލަ ގޮތަކަށް ހަނދާން ނައްތައިލެވިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމެވެ. ވަކި ގައުމެއްގެ ވަކި ޔުނިވަރުސިޓީއަކުން ކިޔަވައިގެން އަންނަ ވަކި ބަޔަކަށް ފެންނަ ގޮތް ފިޔަވައި އެހެން ގޮތްތައް އެއީ ދީން ނޫން ކަމުގައި ހެދުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުމެވެ. އަޒްހަރު ޔުނިވަރުސިޓީ ފަދަ ތަންތަނުން ދީނުގެ އިލްމު ކިޔަވާ ކުދީން ގިނަ ކުރުމެވެ. މި ރޮނގުން ވިސްނާ އިރު، އަޅުގަނޑުގެ ރައުޔުގައި، ދިވެހިރާއްޖޭގައި އިސްލާމީ ޢިލްމު އާލާ ކޮށް ވަރުގަދަ ކުރުމަށް ޓަކައި އަޅުގަނޑުމެން މިހާރު އެންމެ ބޮޑަށް ގުޅިގެން މަސައްކަތް ކުރާން ވީ މުއައްސަސާޔަކީ އިނގިރޭސި ވިލާތުގެ ކެމްބްރިޖް މުސްލިމް ކޮލެޖެވެ. އެފަދަ ތަންތަނާ ގުޅިގެން، ދިވެހިރާއްޖޭގައި އިސްލާމީ ޢިލްމުތައް "އިޙްޔާ" ކުރުމުގެ މަސައްކަތް ނުކުރެވިއްޖެ ނަމަ، މުސްލިމުންނަށް އިސްލާމް ދީން އޮޅިގެން ގޮސް އަތުން ދީން ބީ ވެ ދިޔުމުގެ ރީތި މިސާލަކަށް ދިވެހިރާއްޖެ ވެދާނެއެވެ.

މި ރޮނގުން ކުރެވޭ މަސައްކަތުގެ ތެރޭގައި، މިއަދު އަޅުގަނޑުމެން ފަށާން ވީ ވަރަށް ވަރުގަދަ ގައުމީ ޕްރޮގްރާމެއް އެބައޮތެވެ. އިސްލާމީ އުއްމަތުގައި މިހާރު އާއްމު ވެފައި ވާ އިސްތިލާހެއް ބޭނުން ކޮށްގެން ދަންނަވާ ނަމަ، "އިސްލަމައިޒޭޝަން" ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަގުސަދަކަށް، އަދި އަމާޒަކަށް ހަދާން ވީ ދިވެހި ގައުމުގެ ހުރިހައި ކަމެއް "އިސްލަމައިޒް" ކުރުމެވެ. އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެޔަށް ފެއްތުމެވެ. ވެރިކަމުގެ ނިޒާމެވެ. އިގުތިސާދީ ނިޒާމެވެ. ގާނޫނީ އަދި ޤަޟާއީ ނިޒާމެވެ. ތައުލީމީ ނިޒާމެވެ. މައުލޫމާތު ފެތުރުމާއި މީޑިޔާގެ ދާއިރާއެވެ. އެކަޑީމިޔާ ނުވަތަ އިލްމިއްޔާއެވެ. އަޅުގަނޑުމެންގެ ފަންނުވެރިކަމާއި މުނިފޫހި ފިލުވުމުގެ ދާއިރާއެވެ. މިހެން ގޮސް، ގައުމުގެ ހުރިހައި ކަމެއް، ހުރިހައި ދާއިރާއެއް، މާތް ވެގެން ވާ އިސްލާމް ދީނުގެ ފުރިހަމަ އަދި އާނާންދަ ތައުލީމާތުގެ ތެރެޔަށް ފެއްތުމަކީ މިއަދު އަޅުގަނޑުމެން ކަނޑައަޅާން ވީ އެންމެ ވަރުގަދަ އަޒުމެވެ. މި ކަމުގައި ބިރު ދައްކާ ބަޔެއްގެ ބިރު ދެއްކުމަކަށް، މަސް ދަޅު ނުގަންނާނަމޭ ބުނެ ބޮޑާ ހާކާ ބަޔަކު ހާކާ ބޮޑަޔަކަށް ބިރު ގަންނާކަށެއް ނުޖެހެއެވެ. އެއިރު ވެސް، މިހާރު ވެސް، އަދި މާދަމާ ވެސް ރިޒުގު ދެއްވާނީ މާތްރަސްކަލާނގެއެވެ. އިންސާނާގެ ލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަ ޖަރާސީމެއްގެ ޒަރީއާއިން، އެއްކަލަ ނިޔުކުލިޔަރު ބާރުތައް އިނދަޖައްސަވައިލެއްވެވި މަތިވެރިވަންތަ ރަސްކަލާނގެއެވެ.

އިސްލަމައިޒޭޝަން ޕްރޮގްރާމެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރާން ޖެހެއެވެ. އެތައް ދިރާސާތަކެއް ކޮށް، އެތައް ލިޔުންތަކެއް ލިޔެ، އެތައް ބަޔަކު ރެޔާ ދުވާ އެއް ކޮށްލައިގެން ބޮޑެތި މަސައްކަތްތަކެއް ކުރާން ޖެހެއެވެ. އެ ހުރިހައި މަސައްކަތެއްގެ ތަފްސީލުތަކަށް ނުދަމާ ހިންގަވާށެވެ. ނަމަވެސް ކުޑަކުޑަ ދެތިން މިސާލަކުން، އިސްލަމައިޒޭޝަނުގެ ކަންކަން ކުރެވޭނެ ގޮތް ބަލައިލަމާ ހިންގަވާށެވެ.

މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އަކީ "އިސްލަމައިޒޭޝަން"ގެ މަފްހޫމުގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ޔުނިވަރުސިޓީއެކެވެ. އެގޮތުން އެތަނުގައި ކުރާ އެއް ކަމަކީ، އެތަނުން ކިޔަވައިދޭ ކޮންމެ ކޯހެއްގައި ވެސް، ދަރިވަރުންގެ ކިބައިގައި އިސްލާމީ ފިކުރާއި، އިސްލާމީ ޝަޚްސިއްޔަތާއި، އިސްލާމީ އުއްމަތާ މެދު ހެއިލުންތެރިކަން އުފެއްދުމުގެ ގޮތުން، މާއްދާތަކެއް ހިމެނުމެވެ. އެ ޔުނިވަރުސިޓީން އިގުތިސާދީ އިލްމު ކިޔެވިޔަސް، ގާނޫނު ކިޔެވިޔަސް، ބޭސްވެރިކަމުގެ ދާއިރާއިން ކިޔެވިޔަސް، މި ދަންނަވާ މާއްދާތައް ކިޔަވާން ޖެހޭނެއެވެ. އެ މާއްދާތަކުގެ ތެރޭގައި ހިމެނެނީ "އިސްލާމިކް ވޯރލްޑްވިޔު" އާއި، "އިސްލާމިކް ސިވިލައިޒޭޝަން" އާއި، "އިސްލާމިކް އެތިކްސް" ފަދަ މާއްދާތަކެވެ. މި މާއްދާތައް ކިޔަވައިދިނުމުން، ދަރިވަރު ތަޚައްސުސް ވާ ދާއިރާއިން ދަސްވެނި ވާ އިރު، މުސްލިމެއްގެ ހައިސިއްޔަތުން އިސްލާމް ދީނާއި އިސްލާމީ އުއްމަތާ މެދުގައި ވެސް ދަރިވަރުގެ ކިބައިގައި ހެއިލުންތެރިކަން އުފެއްދެއެވެ. އިސްލާމީ އަޚްލާގުގެ ފިކުރާއި އުސޫލުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނުވެއެވެ. އަޅުގަނޑުމެންނަށް ވެސް މިކަން ކުރެވިދާނެއެވެ. ދިވެހިރާއްޖޭގެ ކޮންމެ ކޮލެޖަކުން، ކޮންމެ ޔުނިވަރުސިޓީއަކުން ކިޔެވި ނަމަވެސް، މި ދެންނެވި ގޮތަށް އިސްލާމީ މާއްދާތަކެއް ކިޔަވައިގެން މެނުވީ ދަސްވެނި ނުވާ ގޮތަށް ހެދިދާނެއެވެ.

ދެވަނަ މިސާލަކަށް ބަލާ ނަމަ، އަޅުގަނޑުމެންގެ މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި "ސައެންސް" ގެ ދާއިރާގެ މާއްދާތައް މިހާރު ކިޔަވައިދެވެނީ މުޅީން ވެސް ހުޅަނގުގެ މުގައްރަރުތަކަށެވެ. ހުޅަނގުގެ އިލްމުވެރީން ލިޔެފައި ހުރި ޓެކްސްޓް ފޮތްތައް ބޭނުން ކޮށްގެންނެވެ. އެ ފޮތްތަކުގައި ވަނީ އިސްލާމީ ހަޒާރަތުގެ "އެއްހާސް އަހަރުގެ ރަންޒަމާނުގެ" މަތީން މުޅީން ހަނދާން ނައްތައިލައިފައެވެ. އެއީ ނެތް އެއްޗަކަށް ހަދައިފައެވެ. އެއިން ފޮތެއްގައި ސައެންސުގެ ދާއިރާއިން މުސްލިމުން ކުރި މަސައްކަތްތަކުގެ ވާހަކައެއް އެއްގޮތަކަށް ވެސް ނުހުރެއެވެ. އަދި ކީއްތޯއެވެ! މުސްލިމް ސައެންސްވެރީންގެ މަސައްކަތްތަކާއި، ހޯދުންތައް ވެސް ހުންނަނީ ޔޫރަޕުގެ އިލްމުވެރީންނަށް ނިސްބަތް ކޮށްފައެވެ. މިސާލަކަށް، ސައެންސުގެ މުޅި އިލްމުގެ އެއް އަސާސު ކަމުގައި ވާ "ސައެންޓިފިކް މެތަޑް" އީޖާދު ކޮށް، އެ މަންހަޖާ އެއްގޮތަށް ސައެންސީ ދިރާސާތަކުގެ މަސައްކަތް ފެއްޓެވި ބެއިފުޅަކީ މުސްލިމް ސައެންސްވެރިޔާ އިބްނުލް ހައިޘަމް ކަމުގައި ވުމާ އެކުގައިމެ، އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދޭ ފޮތްތަކުގައި އޮންނަނީ އެ މަންހަޖަކީ ޔޫރަޕުގައި، ފްރާންސިސް ބޭކަން ފަދަ ބެއިފުޅުންގެ މަސައްކަތްޕުޅުތަކުގެ ތެރެއިން، ސަތާރަ ވަނަ ގަރުނުގެ ތެރޭގައި ތަރައްގީ ކުރެވުނު މަންހަޖެއް ކަމުގައި ބުނެފައެވެ. އެހެން މިސާލެއް ދަންނަވާ ނަމަ، އިންސާނާގެ ހަށިގަނޑުގައި ލެއި ދައުރު ވާ ގޮތް އެންމެ ފުރަތަމަ ހޯއްދަވައި ވިދާޅުވެދެއްވި ބެއިފުޅަކީ، މުސްލިމް ސައެންސްވެރިޔާ އިބްނުއް ނަފީސެވެ. ނަމަވެސް ހުޅަނގުގެ ފޮތްތަކުގައި އިބްނުއްނަފީސަށް ދޭން ޖެހޭ މަގާމު ނުދީ، އެ މަގާމު ދީފައި ވަނީ ވިލިޔަމް ހާރވީއަށެވެ. އެހެންކަމުން، މި ފޮތްތަކުން ކިޔަވައިގެން ނުކުންނަ އަޅުގަނޑުމެންގެ ދަރީންނަކަށް، އެ ކުދީންގެ ކާބަފައިން ސައެންސުގެ މައިދާނުގައި ކުރި ބޮޑު މަސައްކަތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުހުރެއެވެ. މިއީ ކިހައި ބޮޑު ހިތާމައެއްތޯއެވެ؟ ކިހައި ބޮޑު ޚިޔާނާތެއްތޯއެވެ؟ "އިސްލަމައިޒޭޝަން" ގެ ތެރެއިން، އަޅުގަނޑުމެންނަށް ކުރެވިދާނެ އެންމެ ބޮޑު އެއް މަސައްކަތަކީ އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމެވެ. އެ މަސައްކަތުގެ ތެރޭގައި، ސައެންސް ފަދަ ދާއިރާތަކުން މުސްލިމް އިލްމުވެރީން ހޯދި ހޯދުންތަކާއި، ކުރި ބޮޑެތި މަސައްކަތްތައް ކުދީންނަށް ކިޔަވައިދެވޭނެ ގޮތަކަށް ފޮތްތައް ވެސް އަޅުގަނޑުމެން އަމިއްލަޔަށް ލިޔެ ތައްޔާރު ކުރުމެވެ.

ކުރީން ވެސް ދެންނެވި ފަދައިން، މި މަސައްކަތްތައް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މިއީ އަޅުގަނޑުމެންނަށް ނުކުރެވޭ ވަރުގެ ކަމެއް ވެސް ނޫނެވެ. ދިވެހިރާއްޖޭގައި "އިސްލަމައިޒޭޝަން" ގެ ޕްރޮގްރާމެއް ހިންގުމަށް ޓަކައި އެހީތެރި ވެދޭނެ ގާބިލު މުއައްސަސާތައް ދުނިޔޭގައި މިހާރު އެބަހުއްޓެވެ. އިސްލާމީ ދުނިޔޭގެ ވަރުގަދަ މުއައްސަސާތަކުގެ ތެރެއިން އަލްއަޒްހަރު ޔުނިވަރސިޓީ އާއި، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އާއި، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އިތުރުން، އިނގިރޭސި ވިލާތުގެ ކެމްބްރިޖް މުސްލިމް ކޮލެޖާއި، އެމެރިކާގައި ހުންނަ ޒައިތޫނާ ކޮލެޖާއި، ޔަޤީން އިންސްޓިޓިޔުޓާއި، ނޯރތު އެމެރިކަން މުސްލިމް ފައުންޑޭޝަން ފަދަ ތަންތަނުން މިކަމަށް ބޭނުން ވާ ފަންނީ އެހީތެރިކަން ލިބޭނެއެވެ. އޯރގަނައިޒޭޝަން ފޯރ އިސްލާމިކް ކޮންފަރެންސާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ފަދަ އިދާރާތަކުގެ ނިޒާމުގެ ތެރެއިންނާއި، ބައެއް މުސްލިމް ގައުމުތަކުން، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ވެސް ލިބޭނެއެވެ. ހަމައެކަނި ބޭނުން ވަނީ އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރާނެ ބައެކެވެ.

ދިވެހިރާއްޖޭގައި ދެ ޔުނިވަރުސިޓީ އެބަހުއްޓެވެ. އިސްލާމީ އިލްމުގެ އަހުލުވެރީން އެބަތިއްބެވެ. މުދައްރިސުންނާއި ޑޮކްޓަރުން އެބަތިއްބެވެ. ލިޔުންތެރީންނާއި ނޫސްވެރީން އެބަތިއްބެވެ. ދިވެހި ސަރުކާރާއި ދައުލަތުގެ އިދާރާތަކުން އިސް ނަގައިގެން މަސައްކަތް ނުކުރާނެ ނަމަ، މި ދެންނެވި މީހުން އެކައްޗަކަށް ވެގެން، އެކައްޗެއް ކިޔައިގެން، މި މަސައްކަތް ފަށާކަށް ނުވޭތޯއެވެ؟

comment ކޮމެންޓް