ތޫފާން އަމްފާންގެ ސަބަބުން އެތައް މިލިއަން މީހުން ނުރައްކަލުގައި

ބަންގްލަދޭޝްގެ އެއްގަމާ ދިމާލަށް ދަތުރުކުރަމުންދާ ތޫފާން އަމްފާން އާ ގުޅިގެން އެ ގައުމަށް ކުރާ ވިއްސާރައިގެ ތެރެއިން --- ފޮޓޯ : ސީއެންއެން

ބޭ އޮފް ބެންގާލްގައި އުފެދިގެން މިހާރު އިންޑިއާގެ އުތުރަށް ދަތުރުކުރަމުންދާ ތޫފާން އަމްފާންގެ ސަބަބުން އިންޑިއާ އާއި ބަންގްލަދޭޝްގެ އެތައް މިލިއަން މީހުންނަކަށް ގެއްލުން ވާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

އަމްފާން ތޫފާން މިހާރު އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ ކަސާފާލް އާ ކައިރިވެފައިވާއިރު ކުރިއަށް އޮތް ދެ ގަޑިއިރެއްގެ ތެރޭގައި އެއްގަމަށް އަރާނެ ކަމަށް ބުނެއެވެ.

އަމްފާން ދަތުރުކުރަމުންދަނީ ގަޑިއަކު 100 މޭލުގެ ބާރު މިނުގައެވެ. އެއީ އެޓްލާންޓިކް ތޫފާނުގެ ކެޓަގަރީ ދެއެއްގެ ބާރުމިން ހުރި ތޫފާނެކެވެ. އަދި އެ ތޫފާން މިހާރު އޮތީ ކޮލްކައްތާގެ 240 ކިލޯމީޓަރު ދުރުގައެވެ.

އެ ތޫފާނުގައި ބޯކޮށް ވާރެ ވެހި ފެންބޮޑުވުން އެކަށީގެންވާނެ ކަމަށް ބުނެފައިވެއެވެ.

ތޫފާނުގެ އަސަރު އެއްގަމަށް ކުރަމުންދާއިރު، އެ ތޫފާނު އަރަމުންދާ ހިސާބުން މީހުން ސަލާތްކޮށް ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް އިންޑިއާއާއި ބަންގްލަދޭޝް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމެންޓް އިން ބުނެފައިވަނީ ތޫފާން އަމްފާން އަރަމުން އަންނަ ސަރަހައްދުން މިހާރުވެސް ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައި ކަމަށެވެ.

އިންޑިއާގެ މީޓިއޮރޯލޮޖިކަލް ޑިޕާޓްމެންޓް އިން ބުނެފައިވަނީ އެ ތޫފާނުގެ ސަބަބުން ނުރައްކަލަށް ކުރިމަތިވެފައިވާ 430،000 މީހުން ވަނީ މިހާރު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައި ކަމަށެވެ.

comment ކޮމެންޓް