ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

ޒަކާތަކީ މާތްﷲ މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ އިސްލާމްދީނުގެ އެއް ރުކުނެވެ. ޒަކާތުގެ ދެ ބާވަތެއް ހިމެނޭއިރު، ރަމަޟާން މަހާއި ގުޅިގެން ދެއްކުން ފަރުޟު ކުރައްވާފައިވަނީ ފިތުރު ޒަކާތެވެ.

ރޯދަ ސުންބުލީގައި މިއަދު އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އަލިއަޅުވާލައްވާފައިވަނީ ފިތުރު ޒަކާތް ދެއްކުމާއި ބެހޭގޮތުންނެވެ.

ސ: ފިތުރު ޒަކާތް ދެއްކުން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

ޖ: ފިތުރުޒަކާތް ފަރުޟުކުރައްވާފައިވަނީ ރަމަޟާން މަހު ރޯދަ ހީފާމީހުންނަށް އީދު ދުވަހު އީދު ނަމާދަށް ދިއުމުގެ ކުރިން އެ ޒަކާތުގެ އަހުލުވެރިންނަށް ނުވަތަ ބެހެނިވެރިންނަށް އެ ފޯރުކޮށްދޭން ޖެހޭގޮތަށެވެ.

ގައުމުތަކުގައި އަމަލުކުރެވޭ ގޮތަކީ އެ ގައުމެއްގެ ދައުލަތުން ޒަކާތް ނަގައި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމެވެ. ކީރިތި މާތް ނަބިއްޔާ މުހައްމަދުއް ރަސޫލު ސައްލައްﷲ އަލައިހި ވަސައްލަމްއަށް މާތްﷲ ވެސް ވަނީ ފިތުރު ޒަކާތް ނެންގެވުމަށް އަދި އެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ވަހީކުރައްވާފައެވެ. އެހެންކަމުން ޒަކާތް އަދާކުރަންޖެހޭ ފަރާތްްތަކުގެ އަތުން ޒަަކާތް ނަގައި އަދި އޭގެ ހައްގުވެރިންނަށް އަމާނާތްތެރިކަމާއެކީ ރައްދުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

އިހުޒަމާނުގައި ނަމަ އެއީ ސާއެއްގެ މިންވަރެވެ. ނަމަވެސް މި ޒަމާނުގައި ހަނޑުލުން ނުވަތަ އަޅުގަނޑުމެން ކައިއުޅޭ އޮއްޓަރު ހުރި ބާވަތަކުން އެ ދައްކަންޖެހޭ މިންވަރެއް ކަމަށް ދައުލަތުން ކަނޑައަޅާ މިންވަރެވެ. މިކަމުގައި އެންމެ ރަނގަޅީ ހަނޑުލުން ދިނުމުގެ ބަދަލުގައި އެ ދައްކަންޖެހޭ މިންވަރު ދެއްކުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. ސަަބަބަކީ އެއީ ޒަކާތުގެ މަގްސަދު އެންމެ ބޮޑަށް ހާސިލްވެ މީސްތަކުންނަށް އޭގެ މަންފާ ލިބޭގޮތްކަމުގައިވާތީއެވެ.

އިހުޒަމާނުގައިނަމަ ހަނޑޫކޮޅެއް ދީފައި އޭގެ ބަދަލުގައި އެހެންއެއްޗެއް އެމީހަކަށް ގަނެވެއެވެ. ނަމަވެސް މިޒަމާނުގައި ހުރިހާ އެއްޗެއް ގަނެވެނީ ފައިސާއިންނެވެ. އެހެންކަމުން ފަގީރު ނިކަމެތި މީހާއަށްވެސް އޭނާ އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމެއް ކޮށްގެން އީދުގެ އުފަލުގައި ބައިވެރިވެވޭނީ ފައިސާ ހުރެގެންނެވެ.

މީގެ އިތުރުން އަޅުގަނޑުމެން އަމިއްލަ އަމިއްލައަށް ޒަކާތް ދެއްކުމުގެ ބަދަލުގައި ދައުލަތަށް ޒަކާތް ދެއްކުމުގެ ސަބަބުން ޒަކާތުގެ އެންމެ ހައްގު ބެހެނިވެރިންނަށް އެ އޮންނަ އުސޫލުގެ ދަށުން ހަމަހަމައަށް ޒަކާތް ލިބުމަށް މަގުފަހިކޮށްދޭނެ އެވެ. ނަމަވެސް ފަރުވާކުޑަކުރެވިގެން މާ ލަސްކުރެވިއްޖެ ކަމުގައިވާނަމަ އެ ހާލަތުގައި ނިކަމެއްޗަކަށް އެ ފޯރުކޮށްދެވިދާނެއެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ވަގުތު ފާއިތުނުވަނީސް އެންމެ ރަނގަޅުގޮތުގައި ޒަކާތް ދެއްކުމެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ފިތުރު ޒަކާތުގެ ނިސާބަކީ އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ނުވަތަ ފުށުގެ ބާވަތުގެ 2.4 ކިލޯ، ނުވަތަ އެއަށް ވާ އަގެވެ.އެވެ.

ކޮވިޑް19 ގެ މި ހާލަތުގައި ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ގްރޭޓާ މާލޭގެ ރައްޔިތުން ޒަކާތް ދައްކަންޖެހޭނީ ދިރާގު ޕޭ، އުރީދޫ އެމް ފައިސާ، އަދި ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށެވެ.

ފިތުރު ޒަކާތް ބަލައިގަންނަ އަގުތައް:

އާދައިގެ ހަނޑޫ: 15 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 48 ރުފިޔާ
ބާސްމަތީ ހަނޑޫ: 105 ރުފިޔާ
ރަތް ހަނޑޫ: 65 ރުފިޔާ
އާދައިގެ ފުށް: 12 ރުފިޔާ
އާޓާ ފުށް: 55 ރުފިޔާ

މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

comment ކޮމެންޓް