ރޯދައިގެ ވަސިއްޔަތް: އިސްލާމީ ނަޒަރަކުން މީސްމީޑިއާ

އާންމުކޮށް ބޭނުންކުރާ ބައެއް ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް -- ފޮޓޯ: ޕީއޭ

މީސްމީޑިއާގެ ފުރިހަމަ މާނައެއް ބަޔާންކޮށްދިނުމަށް އަދާހަމައަށްވެސް އިލްމުވެެރިންވަނީ ނުކުޅެދިފައެވެ. އޭގައި ހިމެނޭ ވިއުގަތަކާއި އެއިން ކުރާ ބޭނުންތައް ގިނަކަމުންނެވެ. ފޭސްބުކާއި ޔޫޓިއުބެވެ. މެސެންޖަރާއި އިންސްޓަގްރާމެވެ. ޓިކްޓޮކާއި ޓުވިޓަރު އަދި ވައިބަރާއި ސްނެޕްޗެޓެވެ. ކުރާ ބޭނުންތަކުގެތެރޭގައި؛ ރައްޓެހިން ހޯދުމާއި އެކަކު އަނެކަކަށް ތައާރަފުވުމާއި، ހަނދާންތައް ރައްކާކޮށްފައި ބެހެއްޓުމާއި، ޚަބަރާއި މައުލޫމާތު ފަތުރައި ލިބިގަތުންފަދަ ބޭނުންތައް ހިމެނެއެވެ. ޠާރިޤުލްއިސްލާމް [2019] ވިދާޅުވާގޮތުގައި މީސްމީޑިއާއަކީ އިންޓަނެޓު މެދުވެރިކޮށް ކުރެވޭ މުވާސަލާތުގައި ބޭނުންކުރާ ވަސީލަތްތަކެވެ.

މުޅި ދުނިޔޭގައި އިންޓަނެޓު ބޭނުންކުރާމީހުންގެ 70 އިންސައްތަ މީހުން މީސްމީޑިއާ ބޭނުންކުރެއެވެ. އަދި މީގެތެރެއިން 90 އިންސައްތަ މީހުންނަކީ ޒުވާނުން ކަމަށްވުމުން، މީސްމީޑިއާގެ ނުފޫޒު ދުނިޔޭގައި އޮތް މިންވަރު ސާފުކޮށް އެނގެއެވެ.[ހަބީބު، 2018] ޓެކްނޮލޮޖީގެ މިޒަމާނުގައި، މީސްމީޑިއާގެ ސަބަބުން ވަރަށް ގިނަ މަންފާތަކެއް ކުރެއެވެ. އަދި އެ މަންފާތަކަކީ އިސްލާމްދީނުގެ އެންގެވުންތަކާ އެއްގޮތް ނުހަނު ބޭނުންތެރި މަންފާތަކެއްވެސްމެއެވެ. މަންފާތަކާ އެއްގޮތަށް، މީސްމީޑިއާއިން "ލިބިގަންނަ" ނޭދެވޭ ކަންތައްވެސް މަދެއްނޫނެވެ. އާނއެކެވެ! މީސްމީޑިއާ އޭގެ ޒާތުގައި ގޯހިއްޔެއްނޫނެވެ. އެ ބޭނުންކުރާ ގޮތަކުން، "ގޯސް" ނަތީޖާތަކެއްގެތެރެއަށް އަމިއްލަޔަށް ވެއްޓިދަނީއެވެ. ކުރުގޮތަކަށް މިބަޔާންކުރަނީ މީސްމީޑިއާއިން ލިބިގަންނަ ބައެއް ފައިދާއާއި ގެއްލުމެވެ.

މީސްމީޑިއާއިން ލިބިގަންނަ ބައެއް ފައިދާ

އާއިލާގެ މީހުންނާ އަދި ރައްޓެރިހިންނާ ގުޅުވައިލަދީ އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށްދޭ: ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ރަޙުމަތްތެރިންނާއި އާއިލާގެމީހުންގެ ހާލުއަހުވާލު އެނގި މުވާސަލާތުކުރެވެއެވެ. އައު ރައްޓެހިން ލިބި އެއްބަޔަކަށް އަނެއްބައެއްގެ ބޭނުންތައް ފުއްދައިދިނުމުގައި ފަސޭހަކަން ލިބިދެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މީސްތަކުން ލައްވަވާފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ތައާރަފުވެ އެއްބަޔަކު އަނެއްބައެއްގެ ކިބައިން އެހީތެރިކަން ލިބިގަތުމަށްޓަަކައިކަމަށް ޤުރުއާނުގައި އަންގަވާފައިވެއެވެ.[ޙުޖުރާތު: 13]

ކީރިތި ޤުރުއާނާއި ތަފާތު ޢިލްމުތައް އުނގެނުމުގެ މަގު ފަހިކޮށްދޭ: ރަނގަޅަށް ޤުރުއާން ކިޔެވުމަށްޓަކައި ބޭނުންވާ ތަޖުވީދުގެ ޢިލްމާއި އަރަބި ބަހާއި މިނޫންވެސް ޤުރުއާނާ ގުޅޭ ގިނަ ޢިލްމުތައް ގޭގައި ތިބެގެން އުނގެނުމުގެ ފުރުސަތު ފަހިވެފައިވެއެވެ. މީސްތަކުންގެތެރެއިން އެންމެ ހެޔޮކަން ބޮޑުމީހަކީ ޤުރުއާން އުނގެނި އެހެންމީހުންނަށް އެ ޤުރުއާން އުނގަންނައިދޭމީހާކަމުގައި ހަދީސްގައި އައިސްފައިވެެއެވެ. [ބުޚާރީ: 4739] މީގެއިތުރުންވެސް ފަންނާއި، ސައިންސާއި، ތާރީޚާއި، ސަގާފަތާއި، އިގުތިސާދީ ޢިލްމާއި މިހެންގޮސް އެމީހަކު ބޭނުން ދާއިރާއަކުން މައުލޫމާތު ހޯދުމުގެ ފުރުސަތުވަނީ ފަހިވެފައެވެ. އިސްލާމްދީނަކީ ޢިލްމުގެ ދީނެވެ. ޤުރުއާނުގައި އެންމެ ފުރަތަމަ އެންގެވީވެސް ޢިލްމު އުނގެނުމަށެވެ.[ޢަލަޤު: 1]

ދީނުގެ ދަޢުވަތު ފެތުރުމާއި ދީން އުނގަންނައިދިނުމުގެ މަގު ތަނަވަސްކޮށްދޭ: ޣައިރުމުސްލިމުންނަށް އިސްލާމްދީނުގެ ދަޢުވަތު ފޯރުކޮށްދިނުމާއެކު އެބައިމީހުންނަށާއި މުސްލިމުންނަށްވެސް އިސްލާމްދީން އުނގަންނައިދިނުމުގައި އަވަސް އަދި ފަސޭހަ އެތައް މަގެއް ހުޅުވިފައިވެއެވެ. ޙިކުމަތާއެކު އެންމެ ރިވެތިވެގެންވާގޮތުގައި ދީނަށް ގޮވައިލުމަށް ﷲ އަމުރުކުރައްވާފައިވެއެވެ.[ނަޙުލު: 125] އަދި ކިތަންމެ ކުޑަ މިންވަރަކުންވިޔަސް ރަސޫލުﷲ ޞައްލަﷲ ގެ ދަޢުވަތު މީސްތަކުންގެމެދުގައި ފެތުރުމަށް އެކަލޭގެފާނު ވަސިއްޔަތްކުރައްވާފައިވެއެވެ.[ބުޚާރީ: 3461]

ބުނެވިދިޔަ ދާއިރާތަކުގެ އިތުރުންވެސް، ޚަބަރާއި މަޢުލޫމާތު ފަތުރައި ލިބިގަތުމާއި ވަޒީފާގެ ފުރުސަތުތައް ހޯދުމާއި ޢިލްމީ ދިރާސާކުރުމާއި ހޭލުންތެރިކުރުވުމާއި އިޝްތިހާރާއި މުނިފޫހިފިލުވުމާއި ވިޔަފާރިކުރުންފަދަ އެތައްކަމެއްގައި މީސްމީޑިއާގެ ބޭނުންތެރިކަން ފާހަގަަކުރަންޖެހެއެވެ.

މީސްމީޑިއާއިން ލިބިގަންނަ ބައެއް ގެއްލުން

ހަގީގީ ދުނިޔެއާ ގުޅުން ކުޑަވެ ވަގުތު ބޭކާރު: ދިރާސާތަކުން ދައްކާގޮތުގައި މީސްމީޑިއާގެ މަންސަތަކުގައި ވަގުތުތައް ހޭދަކުރާމީހުން އާއިލާއާ އޮންނަ ގުޅުން ކުޑަވެއެވެ. އޭގެބަދަލުގައި އެމީހުން ވަގުތު ހުސްކުރަނީ "ހަގީގީ ރައްޓެހިކަމެއްނެތް" އަދި ދުވަހަކު ބައްދަލުވެސްވެފައިނުވާ އޮންލައިން ރައްޓެހިންނަށެވެ.[ހަބީބު، 2018]

ބޭނުމެއްނެތް ކަންކަމުގައި ބައިވެރިވުމާއި އެއްވެސް ފައިދާއެއްނެތް ވާހަކަތައް ދެއްކުމުގައި ވަގުތު ބޭކާރުކުރުން: ތިމާޔާ އެއްވެސްގޮތަކުން ގުޅުމެއްނެތް އަދި ތިމާގެ ޢިލްމުން ބޭރުގައިވާ ކަންތައްތަކާމެދުގައިވެސް ބަސްކިޔައި، ޒުވާބުކޮށް ހަދައެވެ. ފައިދާއެއްނެތް ކަންތައްތަކާމެދު ވިސްނުމާއި ސިކުނޑިއަށް އަޅަންނުޖެހޭ މައުލޫމާތުތައް ހޭވުމުގައި ވަގުތުތައް ހޭދަކުރެއެވެ. ޤިޔާމަތްދުވަހުގައި އެންމެ ފުރަތަމަ ސުވާލުވެވޭނެ ހަތަރު ކަންތަކުގެތެރޭގައި؛ އެމީހެއްގެ އުމުރުގެ ވަގުތުތައް ހޭދަކުރިގޮތް ހިމެނެއެވެ.[ތިރުމިޛީ: 8/2341]

ހަގީގަތް ބެލުމެއްނެތި، އިވުނު ނުވަތަ ފެނުނު ކޮންމެ އެއްޗަކަށް ތަބާވުން: ތިމާ "ފޮލޯ ކުރާ" ޚާއްޞަ މީހުން ދައްކާ ވާހަކައާއި ތަފާތު މަންސަތަކުން ފެންނަ ޕޯސްޓުތައް އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯވެސް ބަލައިލުމެއްނެތި ނިކަންފަސޭހައިން ގަބޫލުކޮށް އެތަކެތި ދިމަދިމާލަށް ފޮނުވައިލުމަށް އަވަސްވެގަންނަމީހުން ގިނައެވެ. ދީނަށް ނަޞްރު ދިނުމުގެ ނިޔަތުގައި އުޅޭ ބައެއްމީހުންވެސް މިފަދައިން ކަންތައްކުރެއެވެ. ދޮގު ހަދީސްތަކާއި، ޝަރީޢަތުގެ ޙުކުމްތައްކަމަށް ބުނެ މީހުން ފަތުރާ އެކަށީގެންނުވާ ވާހަކަތަކާއި، ޤުރުއާނުގައި ނުވަތަ ޞައްޙަ ހަދީސްގައި އައިސްފައިވާ ބަސްފުޅުތައްވެސް ކޮންމެވެސް ޝައިޚެއްގެ ބަސްކަމަށް ހަވާލާދީފައި ހުންނަ ޕޯސްޓުތައް ފަތުރާ ހަދަައެވެ. މިއީ ހެޔޮ ނިޔަތުގައި ކުރާ ގޯސްކަމެކެވެ. ﷲގެ އެންގެވުމާ ޚިލާފު، ބިރުހުރި ކަމެކެވެ. ﷲ ވަޙީކުރައްވާފައިވެެއެވެ. "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއްނުވާ ކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނޭ ކަމެއްކަމުގައިވިއެވެ."[އިސްރާ: 34]

ވަޒީފާއަށް ފަރުވާކުޑަކޮށް ކަންނެތްވުން: މީސްމީޑިއާއަށް ދެވިހިފުމުގެ ސަބަބުން، ތިމާއާ ހަވާލުވެފައިވާ މަސައްކަތްތަކާ ދުރަށްގޮސް މީހާ ކަންނެތްކޮށްލައެވެ. މަސައްކަތްކުރިނަމަވެސް އެކަމަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ނުދެވުމާއި، ވަގުތަށް ކަންތައްތައް ނުނިމުންފަދަ ހާލަތްތައް މެދުވެރިވެއެވެ. މިއީވެސް އިސްލާމްދީނުގެ އެންގެވުމާ ފުށުއަރާ އަމަލެކެވެ. ވަޒީފާއަކީ އަމާނާތެކެވެ. އަދި ޢަހުދެ (އެއްބަސްވުމެ) ކެވެ. އަމާނާތްތަކަށް ރައްކާތެރިވުމަށް ﷲ އަންގަވާފައިވެއެވެ.[ނިސާ: 58] ޢަހުދަށް ވަފާތެރިވުމަށާއި އެއީ ޤިޔާމަތްދުވަހުގައި ސުވާލުވެވޭނެ ކަމެެއްކަމަށް އަންގަވާފައިވެއެވެ.[އިސްރާ: 34]

ކިޔަވާކުދިން ކިޔެވުމަށްދޭ ސަމާލުކަން ކުޑަވެ ޢިލްމުގެ އަގު ނުހިފެހެއްޓުން: ކިޔަވައިދޭ ވަގުތުގައިވެސް ފިލާވަޅަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، މީސްމީޑިއާ މަންސަތަކުގައި އަވަދިނެތި އުޅޭކުދިން ދުވަހެއްދުވަހަކަށް އިތުރުވަމުންދެއެެވެ. ހަވާލުކުރެވޭ މަސައްކަތްތައް ވަގުތަށް ނުނިންމައި ތިބެފައި، އިންޓަނެޓުން އެއްޗެއް ކޮޕީކޮށްލައިގެން އެއްޗަކަށް އެއްޗެއް ހަދާ އުސޫލުވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

ޒާތީ ކަންތައްތައް އެކަށީގެންނުވާ ގޮތުގައި އާންމުކުރުން: މީހުންގެމެދުގައި އުފެދޭ ހިތްހަމަނުޖެހުމާއި، އާއިލީ މައްސަލަތަކުގެ ވާހަކަތަކާއި، ދެމަފިރިންގެ ދެމެދުގައި ދެކެވޭ ލޯބީގެ ވާހަކަތަކާއި، ތިމާ ދާ ތަންތަނާއި ކާތަކެއްޗާއި ގަންނަ ތަކެއްޗާއި ލާ އަންނައުނާއި، ލިބޭ ސަނަދުތަކާއި ޒާތީ ފޮޓޯތަކާއި މިހެން ހުރި ހުރިހާކަމެއް މީސްމީޑިއާގައި ހިއްސާކުރާމީހުން ވަރަށް ގިނައެވެ. ނަތީޖާއަކީ، މަތިވެރި އަޚުލާޤީ ސިފަތައްކަމަށްވާ، ލަދުވެތިކަމާއި ޢިއްފަތްތެރިކަންފަދަ ސިފަތައް ނެތިގެންދިއުމެވެ. ޢާއްމުކޮށް މީހުންނަށް އެނގެންނުޖެހޭ، އަމިއްލަ ސިއްރުތައް ބޭޒާރުވުމެވެ. އެހެންމީހުންގެ ކުރިމަތީގައި ތިމާގެ ޝަޚުޞިއްޔަތުގެ އަގު ވެއްޓުމެވެ.

ބުނެވިދިޔައީ އަހުރެމެންގެ ކަށީގެ މަދާ ގުޅިފައިވާ، މީސްމީޑިއާއިން ލިބިގަންނަ އެދެވޭ އަދި ނޭދެވޭ ބައެއް ކަންތައްތަކެވެ. ވިސްނާލާށެވެ! ތިބާގެ ފުށުގައި ގިނައީ އެތަނުން ކޮންބައެއްހެއްޔެވެ؟ އެދެވޭ އަސަރުތައް ހެއްޔެވެ؟ ނުވަތަ ނޭދެވޭ އަސަރުތައް ހެއްޔެވެ؟ ފޯނާ ކުޅެން އިންދައި މަންމަ އައިސް ކައިރީގައި ހުރެގެން، ދަރިފުޅާއޭ ބަންގިގޮވައިފިއޭ ނަމާދަށް ދާށޭ ކިޔާތާ އިރުގަނޑެެއްފަހުން ސިއްސައިގެން ގޮސްފައި... މަޑުކޮށްލާށޭ މިމީހާ މަރާލާފައި އެބަ ދަމޭ... ބުނާވަރަށް މީސްމީޑިއާއަށް ދެވިހިފާފައިވާ ފަރާތަކަށް ނުވަމާހެއްޔެވެ!

comment ކޮމެންޓް