ހަ އަހަރަށް ފަހު ދީޕިކާ އާއި ރަންބީރުގެ ޖޯޑް ސްކްރީންއަށް

ދީޕިކާ އާއި ރަންބީރު---

ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރު އެކުގައި ފިލްމަކުން ފެންނަން އުޅޭކަމުގެ ވާހަކަތައް ދެކެވެން ފަށައިފި އެވެ.

ހަ އަހަރުފަހުން ދެތަރިން އެއްކޮށް ސްކްރީނަށް ގެންނަން ނިންމީ ދެތަރިންގެ ކެމިސްޓްރީ ރަނގަޅުވެފައި އާންމުންނަށްވެސް ދީޕިކާ އާއި ރަންބީރުގެ ޖޯޑު ކަމުދާތީ ކަމަށް ހަބަރުތައް ބުނެ އެވެ. އެދެ ތަރިންނަށް ފިލްމު މިހާރު ހުށައަޅާފައިވާ ކަމަށާއި އާންމުންވެސް ބޭނުންވަނީ ދެތަރިން އެއްކޮށް ފިލްމަކުން ފެނިގެން ދިޔުން ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ.

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2021 ވަނަ އަހަރަށް ތާވަލްކޮށް ގެނެސްދޭ ފިލްމު ބައިޖޫ ބަވްރާގެ ލީޑު ރޯލަށް ދީޕިކާ އާއި ރަންބީރު ވަނީ މިހާރު ހަމަޖައްސައިފައިކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ކުރިން އަޑުފެތުރުނީ މި ފިލްމުން ފެނިގެންދާނީ އާލިއާ ބަޓް އާއި ރަންވީރު ސިންހް ކަމަށެވެ.

ނަމަވެސް މިހާރު ވަނީ ވާހަކައިގެ މިސްރާބު ބަދަލުވެ މި ފިލްމުން ފެންނާނީ ދީޕިކާ އާއި ރަންބީރު ކަމަށް އަޑުފެތުރެމުންނެވެ. ރަންބީރަކީ އާލިއާ ބަޓްގެ ލޯބިވެރިޔާ އެވެ. ރަންވީރަކީ ދީޕިކާގެ ފިރިމީހާ އެވެ. ރަންބީރު އާއި ދީޕިކާ ވަނީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފަ އެވެ. ދެތަރިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ "ތަމާޝާ"އެވެ. ރަންބީރާއި ދީޕިކާ އެންމެ ފުރަތަމަ އެކީގައި ކުޅުނު ފިލްމަކީ 2009 ވަނަ އަހަރު ނެރުނު، "ބަޗްނާ އޭ ހަސީނޯ" އެވެ.

comment ކޮމެންޓް