ރޯދައިގެ ވަސިއްޔަތް: ހޭނެތުމުން ރޯދަ ގެއްލޭނެތަ؟

މާލޭ މަގުމަތިން އެމްބިއުލާންސެއް ދުއްވާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދައަށް ހުއްޓައި ހޭނެތުން ނުވަތަ ހޭނައްތަންޖެހުން މިއީވެސް ދިމާވެދާނެ ކަމެކެވެ. ވީމާ ހޭނެތިއްޖެނަމަ އެދުވަހުގެ ރޯދައަށް ވާނީ ކިހިނެއްތޯ ބެލުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ހޭނެއްތުމުގެ ތަފާތު ގޮތްތައް ހުރެއެވެ. އޭގެތެރޭގައި ބޭހެއް ދިނުމާއި ނާރަށް ނުވަތަ މަސްގަނޑަށް އިންޖެކްޝަން ޖެހުމާއި އަނގަޔާއި ނޭފަތާއެކު މާސްކެއް އަޅުވައި އާވީގެ ގޮތުގައި އެއްޗެއް ފޮނުވައިގެން ހޭނެއްތުން ހިމެނެއެވެ.[1] ދެން އޮންނާނީ ހަމަ ހުރެފައި ޠަބީޢީގޮތުން ހޭނެތުމެވެ.

ހޭނެތުމުގެ ފުރަތަމަ ހާލަތު

ފަޖުރުލުމުގެ ކުރިން ހޭނެތުމަށްފަހު އިރު އޮއްސުމާ ހަމަޔަށް މުޅި ދުވަހު ހޭނެތިފައި އޮތުން. މިހާލަތުގައިވާ މީހާގެ ރޯދަޔާމެދު ފިޤުހުވެރީންގެ ދެރައުޔެއްވެއެވެ.

ފުރަތަމަ ރައުޔު:

މާލިކީންނާއި[2] ، ޝާފިޢީންނާއި[3] ، ޙަންބަލީންގެ[4] އެއްޤައުލު ބުނާގޮތުގައި އެފަދަމީހާގެ ރޯދަ ޞައްޙައެއްނުވާނެއެވެ. އެހެންކަމުން އޭނާއަށް ވާޖިބުވަނީ ފަހުން އެރޯދަ ޤަޟާ ކުރުމެވެ. އެހެނީ ރޯދައަށް ހުރުމަކީ ނިޔަތާއެކު، ވަކި ކަންތައްތަކަކުން ދުރުވެގެން ހުރުމެވެ. އެއީ ރޯދައިގެ ރުކުނެކެވެ. މުޅިދުވާލު ހޭނެތިފައިވާ މީހާއަށް މިކަން ހާސިލެއްނުވާނެއެވެ.[5]

ދެވަނަ ރައުޔު:

ޙަނަފީންނާ[6] ، ޝާފިޢީންގެތެރެއިން الإمام المزني[7] ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ މީހާގެ ރޯދަ ޞައްޙަވާނެއެވެ. އެހެނީ ރޯދައަށް ހުރުމުގެ މާނައަކީ ނިޔަތާއެކު ވަކި ކަންކަމަކުން ދުރުވެގެން ހުރުމެވެ. އެކަން އޭނާގެ ކިބައިގައި ވެއެވެ. (އެބަހީ: އޭނާ އޭނާގެ ރޯދަ ފެއްޓީ ނިޔަތާއެކު ވަކި ކަންކަމަކުން ދުރުވެގެން ހުރުމަށެވެ.) އަދި ރޯދަ ހިފަން ފެއްޓިފަހުން ހޭނެތިފައި އޮތުމަކީ ނިދުމާ އެއްފަދަވެގެންވާ ކަމެކެވެ. އެއީ އޭގެ ސަބަބުން އޭނާއަށް އެއްވެސް ގެއްލުމެއްވާ ކަމެއްވެސްނޫނެވެ.[8]

ބުނެވިދިޔަ ދެރައުޔަށް ބެލުމުން ލިބޭ ނަތީޖާ:

  • ފަޖުރުލުމުގެ ކުރިން ހޭނެތުމަށްފަހު އިރު އޮއްސުމާ ހަމަޔަށް މުޅި ދުވަހު ހޭނެތިފައި އޮންނަމީހާގެ ރޯދައާމެދު ދެފަރާތުން ގެނެސްފައިވާ ވާހަކަތަކަށް ބަލާއިރު ބޮޑަށް ބުރަވެވެނީ ޖުމްހޫރުންގެ ރައުޔުކަމުގައިވާ ފުރަތަމަ ރައުޔަށެވެ.
  • ރޯދައަށް ފެއްޓުމަށްފަހު ހޭނައްތައިގެން ކުރަންޖެހޭ އޮޕަރޭޝަނެއްފަދަ ކަމެއް ކުރަންޖެހިއްޖެނަމަ އެދުވަހުގެ ރޯދަ ދޫކޮށްލައި ފަހުން ރޯދަ ޤަޟާކުރުމުގެ رُخْصَة (ލުއިފަސޭހަކަން) އޭނާއަށް ލިބިގެންވެއެވެ.
  • އަދި ހަމަ މިއާއެކު، މީހަކު ރޯދައަށް ފައްޓާފައިވަނިކޮށް ގަސްތަކާނުލައި ހޭނެތުމާ، ރޯދައަށް ހުރި މީހަކު ގަސްތުގައި ހޭނެއްތުމާވެސް ތަފާތެވެ. މީހަކު ރޯދައަށް ހުއްޓައި ކުއްލިއަކަށް ހޭނެތުމަކީ އޭނާގެ އިރާދައިން ބޭރުގައިވާ ކަމެކެވެ. އެހެންނަމަވެސް ދުވާލުގެ ވަގުތުގައި ހޭނައްތަންޖެހޭކަން އެނގިފައި އޮވެމެ، އެދުވަހުގެ ރޯދައަށް އޭނާ ހުރުމަކީ، ރޯދަ ހިފުމުން ކުރިމަތިވާ ބަނޑުހައިހޫނުކަމާއި ކަރުހިއްކުމުން ސަލާމަތްވުމަށްޓަކައި ގަސްތުގައި ކުރިކަމެއް ކަމުގައި ބުނެވިދާނެއެވެ. އެހެންކަމުން، ރޯދަ ހިފާ ދުވަސްވަރު ހޭނައްތަންޖެހިއްޖެނަމަ އޭނާއަށް އޮތީ އެދުވަހުގެ ރޯދަ ދޫކޮށްލައި ފަހުން އެ ރޯދަ ޤަޟާ ކުރުމެވެ.

ހޭނެތުމުގެ ދެވަނަ ހާލަތު

ރޯދައަށް ހުރިމީހާ ދުވާލުގެ ވަގުތުކޮޅެއްގައި ހޭނެތިފައި އޮތުން. (މިއީ ރޯދައަށް ހުރި މީހަކު ދުވާލުގެ ކުޑަ ވަގުތުކޮޅެއްގައި ހޭނެތިފައި އޮތުމަށްފަހު އަލުން ހޭ އެރުމުގެ ހާލަތެވެ.) މިފަދަ މީހާގެ ރޯދައާމެދު ތިންރައުޔެއްވެއެވެ.

ފުރަތަމަ ރައުޔު:

ރޯދައަށް ހުއްޓައި ހޭނެތުނުމީހާ، އިރު އޮއްސުމުގެ ކުރީން ހޭއަރައިފިނަމަ އޭނާގެ ނިޔަތް އާކުރަންވާނެއެވެ. (އެބަހީ: އެ ދުވަހުގެ ބާކީ އޮތްބައިގައި ރޯދައަށް ހުރުމަށް އަލުން ނިޔަތް ގަންނަންވާނެއެވެ. އެހެން ހެދުމުން އޭނާގެ އެދުވަހުގެ ރޯދަ ރަނގަޅުވާނެއެވެ.) މިއީ އަބޫ ޙަނީފާގެ ރައުޔެވެ.[9]

ދެވަނަ ރައުޔު:

މާލިކީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި، ދުވާލުގެ ދެބައިކުޅައެއްބަޔަށްވުރެ މަދު ވަގުތުގައި ހޭނެތިފައި އޮތްނަމަ އެފަދަމީހާގެ ރޯދަ ޞައްޙަވާނެއެވެ. ދުވާލުގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ ވަގުތު ހޭނެތިފައި އޮތްނަމަ އޭނާގެ ރޯދަ ޞައްޙައެއްނުވާނެއެވެ.[10] އެދުވަހުގެ ރޯދަ އޭނާ އަލުން ހިފަންޖެހޭނެއެވެ.

ތިންވަނަ ރައުޔު:

ދުވާލުގެ ކުޑަ ވަގުތުކޮޅެއްގައި ހޭނެތިފައި އޮތުމަކުން އޭނާގެ ރޯދައަކަށް މައްސަލައެއް ނެތެވެ. މިއީ ޝާފިޢީންނާއި[11] ޙަންބަލީންގެ[12] ރައުޔެވެ.

އެންމެ ރަނގަޅުކަމަށް ބުރަވެވޭ ރައުޔު:

އިސްވެދިޔަ ތިންރައުޔުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަނީ ތިންވަނަ ރައުޔެވެ. އެހެނީ ރޯދައަށް ހުއްޓައި ކުޑަ ވަގުތުކޮޅަކަށް ހޭނެތުނުކަމުގައިވިޔަސް އޭނާ އެހުރީ ނިޔަތުގެ މަތީގައެވެ. އަދި ރޯދައަށް ހުރުމުގެ ސަބަބުން ދުރުވެގަންނަންޖެހޭ ކަންކަމުން ދުރުވެގެންނެވެ.

[1] الألفي: مفطرات الصائم في ضوء المستجدات الطبية، مجلة المجمع، ج 2/98.

[2] ا الأزهري. صالح عبدالسميع الآبي، جواهرالإكليل شرح مختصر العلامة الشيخ خليل في مذهب الإمام مالك، ج 1، ط 1، بيروت: دارالكتب العلمية، (1418 هـ 1997 م) ، ص: 208.

[3] الشربيني. محمدالخطيب، مغني المحتاج إلى معرفة معانى ألفاظ المنهاج، ج 1، بيروت: دارالفكر، (1393 هـ 1978م) ص 432 – 433.

[4] ابن مفلح. شمس الدين المقدسي أبوعبدالله، الفروع ويليه تصحيح الفروع، ج 3، الرياض: عالم الكتب، (1388 هـ 1967 م) ، ص: 25.

[5] ابن قدامة. المقدسي، الكافي في فقه الإمام أحمد بن حنبل، ج 3، ط 1، بيروت: دار الكتب العلمية، (1414 – 1994)، ص 345.

[6] ابن الهمام الحنفي. كمال الدين محمد بن عبدالواحد السيواسي، شرح فتح القدير على الهداية شرح بداية المبتدي، ج 5، ط 1، بيروت: دار الكتب العلمية،(1424 - 2003)، ص: 89.

[7] السبكي. تاج الدين تقي الدين، طبقات الشافعية الكبرى، ج 5، بيروت: دارالمعرفة للطباعة والنشر، د.ت، ص: 59.

[8] النووي. شرف الدين يحيى، المجموع شرح المهذب، ج 6 ، المدينة المنورة: المكتبة السلفية، د.ت، ص: 255.

[9] الفتاوى الهندية، ج 1، بيروت: دارالمعرفة، ص 196.

[10] الخرشي. أبو عبدالله محمد بن عبدالله بن علي، الخرشي على مختصر سيدي خليل وبهامشه حاشية العدوي، ج 2، بيروت: دار صادق، ص: 248.

[11] الشربيني. محمدالخطيب، مغني المحتاج إلى معرفة معانى ألفاظ المنهاج، ج 2، بيروت: دارالفكر، (1393 هـ 1978م)، ص: 432.

[12] ابن قدامة. المقدسي، الكافي في فقه الإمام أحمد بن حنبل، المغي والشرح الكبير على متن المقنع، ج 2 ، بيروت: دارالفكر، ط 1 (1404 هـ 1984م) ، ص: 33.

comment ކޮމެންޓް